ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ނިކުތް ނަތީޖާ އިން މާޔޫސްވެވަޑައިނުގަންނަވާ ކަމަށާއި، ނަމަވެސް ކުރެވޭ އުންމީދު އާވެ، ފެނިވަޑައިގަތީ ރަނގަޅުކުރަން ހުރި ކަންކަން ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރައްވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ 86،161 ވޯޓާ އެކު އެ ބުރުގެ ދެވަނަ ހޯއްދަވައިފައެވެ. އެ ބުރުން ކުރި ހޯއްދެވި މައި އިދިކޮޅު ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ދެ ބޭފުޅުން މިވަގުތު ތިއްބެވީ ކެމްޕެއިނަށް ވަޑައިގެން އައްޑޫ ސިޓީގައެވެ.

އައްޑޫގެ ހިތަދޫގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ރަނގަޅުކުރަން ހުރި ތިން ކަމެއް ފާހަގަކުރެއްވުނު ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ރައީސް ފާހަގަކުރެއްވި ގޮތުގައި، ފަހު ދުވަހާ ހަމައަށް އެމްޑީޕީން ތައްޔާރުނުވެވުމެވެ. އެމަނިކުފާނު ވިދާޅުވީ އިންތިހާބުގެ ނަތީޖާ އަށް ބެލުމުން އެކަން ވަރަށް ބޮޑަށް ސާފު ކަމަށެވެ.

"އިންތިހާބުގެ ތާރީހުގަ އިންތިހާބެއްގަ ޓާންއައުޓް އެންމެ ދަށްވި އިންތިހާބަކީ މި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު، އަދި އޭގެ ތަފްސީލަށް ދިޔައިރު ބޮޑަށް ފާހަގަކުރެވިގެން ދިޔައީ އަޅުގަނޑުމެންނަށް ޕްލެޖްވެފަ ހުރި ގިނަ ބަޔަކު ވޯޓުނުލާ ތިބިތަން، މީގެ ތަފްސީލަށް ދިޔައީމަ އަޅުގަނޑުމެން ކޮންމެ ދާއިރާއެއްގެ ކޮންމެ ފޮށްޓެއް އަޅުގަނޑުމެން ބަލައި ނިންމައިފިން ކަންވެފަ ހުރި ގޮތް، ރީޗްވާންވީ ވަރަކަށެއް ވޯޓާސް އަކަށް ރައްޔިތުންނަށް ރީޗްނުވެވުނު،"
ރައީސް ސޯލިހް

މިގޮތުން ފުރަތަމަ ބުރުގައި އަދިވެސް ބައެއް ގޭގެއަށް ނުދެވި އެބަހުރި ކަމާއި، ބައެއް ރައްޔިތުންނަށް ފޯނު ނުކުރެވި ހުރި ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ ދުވަހު ވޯޓުލާން ނެރުމުގައި ދަތުރުފަތުރުގެ ކަންކަން ރަނގަޅަށް ހަމަނުޖެއްސުން ފަދަ މައްސަލަތައް ކުރިމަތިވި ކަމަށް ވެސް ވިދާޅުވިއެވެ.

ހަމަ އެއާއެކު، މީގެ ކުރީ އިންތިހާބުތަކުގައި އެމްޑީޕީން ބަލާ ގޮތަށް މިފަހަރު އެގްޒިޓް ޕޯލްވެސް ނުބެލުނު ކަމަށާއި، އެ ޕާޓީގެ ފަރާތުން ބައެއް ފޮށިތަކުގައި މަންދޫބުން ނެތް ކަމަށާއި، ނަމަވެސް ދެވަނަ ބުރުގެ ކުރިން ހުރިހާ ކަމެއް މިހާރު އިންތިޒާމުކޮށް ނިމިއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދެވަނަ ކަމަކަށް ރައީސް ފާހަގަކުރެއްވީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކެވެ. އަދި އެ އިޝާރާތްކުރެއްވީ ހިޔާލުތަފާތުވުންތަކުގެ ސަބަބުން އެ ޕާޓީން ވަކިވެ، އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އެ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ސިޓީތަކާއި ރަށްރަށުގެ އަޣުލަބިއްޔަތު މި އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ އަށް ގެއްލުނެވެ.

"ވަރަށް ރަނގަޅަށް ހިސާބު ބަލާލީމާ ކޮންމެ ރަށެއްގަ ވެސް އަޅުގަނޑުމެން ދެބައިމީހުން އެއްކޮށްލީމަ މި އުޅެނީ 50 ޕަސެންޓު ކްރޮސްކޮށް، ޕީޕީއެމަށް އަޅުގަނޑުމެންނާ ހިސާބަކަށް ނާދެވޭނެ،" ޑިމޮކްރެޓުންގެ ފަރާތުން އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ނަތީޖާ އާއި އެމަނިކުފާނުގެ ނަތީޖާ އެއްކޮށްލައްވައި ހިސާބު ހެއްދެވުމަށް ފަހު ރައީސް ވިދާޅުވިއެވެ.

އެ ހިސާބަށް އަލިއަޅުވާލައްވައި ރައީސް އަދިވެސް ގަބޫލުކުރައްވާ ގޮތުގައި ސިޓީތަކާއި ރަށްރަށުން އެމްޑީޕީ އަށް އަޣުލަބިއްޔަތު އެބައޮތެވެ. އެހެންކަމުން ރައީސް ވިދާޅުވީ، މަސައްކަތްކުރަންވީ ޑިމޮކްރެޓުން އަލުން އެމްޑީޕީގެ ސަފަށް ގެނެސް ގުޅިގެން މަސައްކަތްކުރުމަށެވެ.

ތިންވަނަ ކަމަކަށް ރައީސް ވަނީ، އިދިކޮޅުން ތަކުރާރުކޮށް ފަތުރާ ދޮގު ވާހަކަތަކުގެ ހަގީގަތް ސަރުކާރުން އެންމެ އެދެވޭ ގޮތެއްގައި ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދެވިފައި ނުވާކަން ފާހަގަކުރައްވައިފައެވެ. މިދިޔަ ފަސް އަހަރު ދުވަހުގެތެރޭ ސަރުކާރުން ރައްޔިތުންނަށް ބައިވަރު ކަންކަން ކޮށްދީފައިވާނެ ކަމަށާއި، ނަމަވެސް އިދިކޮޅުން ފަތުރަމުން ދިޔަ ދޮގުތައް ގަބޫލުކުރި އެތައް ރައްޔިތުންތަކެއް އެބަ ތިބި ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިދިކޮޅުން ފަތުރަމުންދާ ދޮގުތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަކުރުމަށްޓަކައި މި ވޭތުވެދިޔަ 16 ދުވަހުގެ ތެރޭ އެތައް މަސައްކަތެއް ކުރެވުނު ކަމަށާއި، އޭގެ ހެޔޮ ނަތީޖާ އަންނަ ހޮނިހިރު ދުވަހު ބާއްވާ ދެވަނަ ބުރުގައި ފެންނާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ތިން ކަންތައް ކުރެވިއްޖިއްޔާ އަޅުގަނޑުމެންނަށް މި އޮތީ ބޮޑުތަނުން މި އިންތިހާބު ކާމިޔާބުކުރެވިފަ،" ރައީސް ވިދާޅުވިއެވެ.