ހއ.ދިއްދޫ ބިން ހިއްކިމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އިފްތިތާހުކޮށް ދެއްވައިފިއެވެ.

އިއްޔެ ހއ.ދިއްދޫ ބިން ހިއްކިމުގެ މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދުގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން 1150 މީޓަރުގެ ސޭންޑް ބަންޑުވޯލްއެއް ހެދުމާ. 623،98 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި 10،962 ކިއުބިކް މީޓަރު ގޮނޑުދޮށް ސަރަހައްދުގެ ބިން ހިއްކުމާ 916 މީޓަރުގެ ބަޔޮސްވޭލް ޓްރަންޗެއް ކޮނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މި މަޝްރޫގެ މަސައްކަތުގެ ތެރެއިން 916 މީޓަރުގެ ޖިއޯ ޓެކްސްޓައިލް އެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ ސަރުކާރުން 83.07 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.