ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ދުވަހުގެ އިރުއޮއްސި 6 އިން ރޭގަނޑު 8 އާ ދެމެދު މާލޭގައި ބަރު އުޅަނދު ދުއްވުމަކީ މަނާ ކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުމުގެ ކަންކަން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ބާރު ބޮޑުވެ ވޯޓުލާން ދާ ފަރާތްތަކަށާއި ވޯޓުގެ އިދާރީ އަދި ސެކިއުރިޓީގެ މަސައްކަތްތަކަށް ބުރޫ އަރާނެ ކަމަށެވެ.

އެހެން ކަމުން ތިރީގައި ފާހަގަ ކޮށްފައިވާ އުޅަނދުތައް އެ ދުވަހު އިރުއޮއްސި 06:00 އިން ފެށިގެން ރޭގަނޑު 20:00 އަށް މާލޭގެ މަގުތަކުގައި ދުއްވުމަކީ މަނާ ކަމެއް ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

  1. "ސީ02" އަދި "ސީ0" ކެޓަގަރީގެ އުޅަނދުތައް ("ސީ2" ކެޓަގަރީގައި ހިމެނެނީ މުދާ އުފުލާ އުޅަނދުތަކުގެ ތެރެއިން މުދާ އުފުލޭ ބަރުދަން 2000 ކިލޯއިން ފެށިގެން 4000 ކިލޯ ހަމަނުވާ އެއްގަމު އުޅަނދެވެ. އަދި "ސީ0" ކެޓަގަރީގައި ހިމެނެނީ މުދާ އުފުލާ އުޅަނދުތަކުގެ ތެރެއިން މުދާ އުފުލޭ ބަރުދަން 4000 ކިލޯއިން ފެށިގެން މަތީގެ އެއްގަމު އުޅަނދެވެ.)
  2. "ޑީ" ކެޓަގަރީގެ އުޅަނދުތައް ("ޑީ" ކެޓަގަރީގައި ހިމެނެނީ އާޓިކިއުލޭޓެޑް އުޅަނދު ފަހަރު ނުވަތަ 3 އެކްސެލްއަށް ވުރެ ގިނަ އެކްސެލް ހުންނަ އެއްގަމު އުޅަނދެވެ.)
  3. "އީ" ކެޓަގަރީގެ އުޅަނދުތައް ("އީ" “ކެޓަގަރީގައި ހިމެނެނީ B،C ނުވަތަ D ކެޓަގަރީގެ އުޅަނދެއްގައި ޓްރެއިލަރެއް ޖަހައިގެން ދުއްވާ އެއްގަމު އުޅަނދެެވެ.)
  4. "ވީ" ކެޓަގަރީގެ އުޅަނދުތައް ("ވީ" ކެޓަގަރީގައި ހިމެނެނީ މަސައްކަތުގެ ދާއިރާގައި ގެންގުޅޭ ވެހިކިއުލާ އިކުއިޕްމަންޓްގެ ގޮތުގައި ބަލާ ފޯކްލިފްޓް، އެކްސްކަވޭޓާ، ލޯޑާ ނުވަތަ ބުލް ޑޯޒާ، ސޭލާ ފަދަ ބަރު އުޅަނދުފަހަރެވެ.)

އަދި މި އުޅަނދު ތަކުގެ ތެރެއިން ވެސް ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި ސަރުކާރުގެ އިދާރާތަކުގެ އާންމު ހިދުމަތް ދިނުމަށް ބޭނުން ކުރާ އުޅަނދުތައް އިސްތިސްނާ ވާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށުމަށް ހަމަޖެހިފައިވަ ނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 ފެށިގެންނެވެ. އަދި ހަވީރު 05:00 ގައި ކިއު ބަންދު ކުރާނެ ކަމަށް ރިޔާސީ އިންތިހާބާ ގުޅޭ ކަންކަން ކުރަމުންދާ އިދާރާ، އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.