ކުޅަދާނަ އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކޮށް، މިހާރު ސިނަމާގައި ދައްކަމުން އަންނަ ދިވެހި ފިލްމު "ޖޯކަރު" ގެ ވަދާއީ ޝޯތައް އަޅުވަން ތައްޔާރުވެއްޖެއެވެ.
ފިލްމުގެ ޕްރޮޑިއުސަރު ޝާނީޒް އަލީ "ދަ ޕްރެސް" އަށް ބުނީ މި ފިލްމުގެ ވަދާއީ ޝޯ އަންނަ މަހުގެ ފަހެއް އަދި ހަވަނަ ދުވަހު އޮލިމްޕަހުގައި އަޅުވާނެ ކަމަށެވެ. އަދި މި ދެ ޝޯ އަށް ޓިކެޓް މިހާރު އޮލިމްޕަސް ކައުންޓަރުން ގަންނަން ލިބޭނެ ކަމަށް ވެސް ޝާނީޒް ވަނީ ބުނެފައެވެ. މި މަހު ފަސް ވަނަ ދުވަހުން ފެށިގެން އޮލިމްޕަސް ސްކްރީނުގައި ދައްކަމުން އަންނަ މި ފިލްމަކީ ކޮމެޑީ ޖޯންރާ އަށް ތައްޔާރުކޮށް ގެނެސްދީފައިވާ ފިލްމެކެވެ. ސެޓާން ސްޓޫޑިއޯ އާއި ޝައި ޕްރޮޑަކްޝަންސް ގުޅިގެން އުފައްދި މި ފިލްމަކީ މިއަހަރު ސިނަމާތަކަށް އައި ފުރަތަމަ ކޮމެޑީ ފިލްމުވެސްމެއެވެ.
ބޮޑު ކާސްޓަކާއެކު މި ފިލްމު ގެނެސްދޭއިރު ފިލްމުގައި ފިލްމީ ދާއިރާ އަށް އަލަށް ތައާރަފްވާ ތަރިންގެ އިތުރުން ފިލްމީ ދާއިރާގައި ތަޖުރިބާކާރު ތަރިންވެސް ހިމެނެއެވެ. "ޖޯކަރު" އިން ފެނިގެންދާނެ ތަރިންނަކީ އަހްމަދު ނިމާލު، ޝިލާ ނަޖީބް، އަލީ އާޒިމް (ދޮން އައްޔަ)، ނާޝިދާ މުހައްމަދު (ނާއްކޮ) އަހްމަދު ސަޢީދު، ހަމްދާން ފާރޫގު، އިބްރާހިމް ރަޝީދު މޫސާ (ބުރޯ)، މުހައްމަދު އީމާއު (ހަބޭސް އީމާއު)، ރިފްޝާން، އަލީފް އަދި ޝަހީދާ މުހައްމަދެވެ.
މާލެ އޭރިއާގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ޝިވާޒް އަބްދުﷲ (މާސްކޭ) ކެމެރާ ކޮށްފައިވާ ފިލްމެކެވެ. މިފަހަރު އެމީހުން ގެނެސްދޭ "ޖޯކަރު" ގެ ޓެގްލައިން އަކީ "ލާފް މޯ، ވޮރީ ލެސް" އެވެ. މި ފިލްމަކީ އިސްމާއިލް ޝަފީގު އަދި އަލީ ޝާނީޒް ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ. މި ފިލްމަކީ ހެމުން ހެމުން ލޮލުން ކަރުނަ އައި ފިލްމެއް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.