ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ފްލެޓަށް ކުރިމަތިލާ މީހެއްގެ ނަމުގައި މާލެ ސަރަހައްދުގައި އޮންނަ ބިމެއް ދައުލަތަށް ދޫކޮށްލައިފިނަމަ ފްލެޓް ހިލޭ ލިބޭ ގޮތަށް ނިންމައިފިއެވެ.

އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީއިން އާންމުކުރި އުސޫލުގައި ވަނީ އެ ސްކީމުގެ ދަށުން ފުލެޓު ލިބޭ ފަރާތުން މާލެ ސަރަހައްދުގައި އެ މީހާގެ އެކަނި ނަމުގައި އޮންނަ ބިންކޮޅު ދޫކޮށްލާނަމަ، އަގު ނެގުމުގައި އަމަލުކުރާނެ ގޮތްތަކެއް ހިމަނާފައެވެ.

އެގޮތުން އެ އުސޫލުގައި ބުނެފައިވާ ގޮތުގައި 400 އަކަފޫޓަށްވުރެ ބޮޑު ބިންކޮޅެއް ދޫކޮށްލާނަމަ ފުލެޓުގެ އަގު ހިލޭކޮށްދެއެވެ. އަދި 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް ދޫކޮށްލާނަމަ އެ ބިންކޮޅުގެ އަގު ފުލެޓުގެ އަގުން އުނިކުރެވޭނެއެވެ ކަމަށްވެސް އެ އުސޫލުގައި ވަނީ ބުނެފައެވެ.

ދޫކޮށްލާ ބިންކޮޅު އަގުކުރާނީ، 3,500 ރުފިޔާއަށް އަކަފޫޓެއްގެ ރޭޓުން ކަމަށްވެސް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

"ބިންވެރިޔާ" ސްކީމާއި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު އެ ސްކީމްތަކުގެ ދަށުން މާލެ ސަރަހައްދުން 4000 ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ގިރާވަރު އުތުރުފަޅުންނެވެ. އަދި އެ ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމްލަ ބޮޑުމިނަކީ 5,525,000 އަކަފޫޓެވެ. އަދި އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ، 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަނުގައި އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭއިރު، 7 މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ ޖުމްލަ 4,000 އަކަފޫޓެވެ.

ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުމާއި އުމުރުން 18 އަހަރު ފުރިފައިވުން ހިމެނެއެވެ. އަދި މާލޭގައި ދިރިއުޅޭތާ، މަދުވެގެން 20 އަހަރު ވެފައިވުން ނުވަތަ އެއްވެސް އިރެއްގައި މާލެ ނޫން އެހެން ރަށެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ހިމެނިފައި ނުވުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ކުރި އިއުލާނުގައި ވަނީ ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅުމުގެ ޝަރުތު ހަމަވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ގޯއްޗަށް ނުވަތަ ފުލެޓަށް އެދި، ސެޕްޓެމްބަރު 24 ވާ އާދީއްތަ ދުވަހުން ފެށިގެން އޮކްޓޯބަރު 24، 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 3 ޖެހުމުގެ ނިޔަލަށް ހުށަހެޅޭނެ ކަމަށެވެ.