މީގެ 10 އަހަރު ކުރިން ހަދަން ފެށި "ސިފްކޯ ހިޔާ"ގެ ތަޅުދަނޑި 10 ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށާ އަދި އެގްރިމެންޓްގައި މިހާތަނަށް 68 ފަރާތަކާއެކު ސޮއިކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
ސިފްކޯ ހިޔާގެ ތަޅުދަނޑި ހަވާލުކުރަމުން ދަނީ އެތަން އެއްކޮށް ނުނިމެނީސް ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑުކިޔަމުން އަންނައިރު ބައެއް ފަރާތްތަކުން ވަނީ މިއީ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ހިންގާ ކަމެއްކަމަށް ތުހުމަތުކޮށްފައެވެ.
މި ވާހަކަތަކާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ ސިފްކޯ ހިޔާ އާއިގުޅޭ ގޮތުން ބައެއް ފަރާތްތަކުން ދައްކަމުން ދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެމްއެންޑީއެފް އިން ބުނީ ސިފްކޯ ހިޔާގެ ރެސިޑެންޝަލް މަސައްކަތްތައް ނިމުމާއެކު ސިފްކޯ ލިބުނު ފަރާތްތަކަށް ތަން ހަވާލުކުރުމަށްޓަކައި އެޕާޓްމެންޓްތަކުގެ އެލޮކޭޝަން ހެދުމަށް ގުރުއަތުލުން ބާއްވާ އެލޮކޭޝަންގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން އެމްއެންޑީއެފް އިން ބުނީ މި ފްލެޓްތަކުގެ އެގްރިމެންޓްތައް ހެދުމުގެ ކުރިން، އެޕާޓްމެންޓްތައް އެކެއް އަނެކެއްގެ އެޕާޓްމެންޓާ ބަދަލުކުރުމުގެ ފުރުސަތު ދީ އެލޮކޭޝަންގެ ކަންކަން އެއްކޮށް ނިމުމާއެކު މިހާރު އެގްރިމެންޓްކޮށް ތަން ހަވާލުކުރަން ފަށާފައިވާ ކަމަށެވެ. މިގޮތުން މިހާތަނަށް 68 ފަރާތަކާ އެކު އެގްރިމެންޓްކުރެވިފައިވާއިރު 10ފަރާތަކަށް ތަޅުދަނޑި ހަވާލުކުރެވިފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އަދި އިތުރު 22 ފަރާތަކަށް މިއަދުގެ ވަގުތެއްގައި ތަޅުދަނޑި ހަވާލުކުރާނެކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެމްއެންޑީއެފް އިން ބުނީ ސިފްކޯ ހިޔާގެ ފްލެޓްތައް ލިބުނު ފަރާތްތަކަށް ތަން ހަވާލުކުރުމަށްޓަކައި މިވަގުތު ހިދުމަތުގައި ތިއްބެވި ސިފައިންނާއެކު އެގްރިމެންޓްކޮށް ނިމުމާއެކު ހިދުމަތުން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި އެގްރިމެންޓްކޮށް ތަން ހަވާލުކުރަން ފެށޭނެ ކަމަށެވެ.
ސިފްކޯ ފްލެޓްތަކުގެ އެގްރިމެންޓްތަކުގައި ސޮއިކޮށް ތަން ހަވާލުކުރުމުގައި ސިފްކޯގެ މުވައްޒަފުން އެއްވެސް ވަރުބަލިކަމެއްނެތި މިހާރުވެސް މަސައްކަތްކުރަމުން ދާ ކަން ފާހަގަކޮށްފައެވެ. އެމްއެންޑީއެފް އިން ވަނީ ސިފްކޯ ހިޔާގެ މައުލޫމާތުތައް ފްލެޓްތައް ލިބިފައިވާ ފަރާތްތަކާ އަދި މީޑިއާއަށް ފޯރުކޮށްދެމުން ދަނިކޮށް، ކަމުގެ ހަގީގަތް އޮޅޭގޮތަށް ބައެއް ފަރާތްތަކުން ފަތުރަމުންދާ ހަގީގަތާ ހިލާފު ވާހަކަތައް ހުއްޓާލުމަށް އިލްތިމާސްކޮށްފައެވެ.