ދުނިޔޭގައި މިވަގުތު 2 ވަނަ އަށް އެންމެ އާބާދީ ބޮޑު ޗައިނާގައި މީހުންނާ އިންނަށް ބޭނުންވާ މީހުންނަށް ވުރެ ނީނދެ ޑޭޓް ކުރަން [ރައްޓެހިވެގެން އުޅެން] ބޭނުންވާ މީހުން ދަނީ ގިނަ ވަމުންނެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 2013 އިން ފެށިގެން ނިމިދިޔަ 2022 ވަނަ އަހަރާ އަޅާ ބަލާއިރު މީހުންނާ އިންނަ އަދަދު ވަނީ 13 މިލިއަނުން 6 މިލިއަނަށް ދަށްވެފައެވެ.

ހުޅަނގުގެ ގައުމުތަކުގައި ފާހަގަ ކުރާ ލޯބިވެރިންގެ ދުވަސް 'ވެލަންޓައިންސް ޑޭ' އާ އެއްފަދަ ޗައިނާގެ 'ގިޒީ ފެސްޓިވަލް' މިއަހަރު އައި އިރު، ގިނަ ބަޔަކު އުއްމީދު ކުރި ގޮތާ ހިލާފަށް ކައިވެނި ކުރަން ނިކުތް މީހުން އެދުވަހު ވަނީ ބޮޑުތަނުން މަދުވެފައެވެ.

ރާއްޖޭގައި ވެސް ރީތި ތާރީހު ތަކުގައި ކައިވެނި ކުރަން ގިނަ ބަޔަކު ޝައުފުވެރިވާ އިރު ޗައިނާގެ ގިޒީ ފެސްޓިވަލަކީ އެގޮތުން ކައިވެނިތައް ގިނަ ފެސްޓިވަލެކެވެ.

އެ ފެސްޓިވަލަށް ޗައިނާގެ ސިޗުއާން ޕްރިވިންސް ފަދަ ތަންތާނގައި ހުންނަ ކައިވެނި ކޮށްދޭ އިދާރާތަކުގެ ކައިވެނި ހޯލްތައްހެން ހުހަސް ހުރި އިރު އިންތިޒާމް ކުރި ގޮތަށް ލައިވް ސްޓްރީމްކޮށް އެ ހަފްލާތައް ދެއްކުންވެސް ހުއްޓާލިއެވެ. ރިޕޯޓްތައް ބުނާ ގޮތުން ގިނަ ހޯލްތައް ހުރީ ހުހަށެވެ.

ކައިވެންޏަށް ތައްޔާރުވާ ބައެއް - ލޯބިވެރިންގެ ދުވަހު ގިނަ ކައިވެނިތައް ބާއްވަނީ އެއްފަހަރާ

ސިޗުއާންގެ ކައިވެނި ހޯލްތަކަށް ވެރިވި ފަޅުކަމާއެކު ސޯޝަލްމީޑިއާގައި އެވާހަކަ އެތައް ބަޔަކު ދައްކާ ހެދިއެވެ. އެއީ ޗައިނާގައި ގިނަ ބަޔަކު ސިންގަލްކޮށް ތިބެން ބޭނުންވާ ކަމުގެ ސިގްނަލެއް ކަމަށް ބައެއް މީހުން ބުނި އިރު އަނެއް ބަޔަކު ބުނެފައި ވަނީ ގިނަ ބަޔަކު މިހާރު އިހުތިޔާރު ކުރަނީ ނީނދެ ޑޭޓް ކުރުމަށް ކަމަށެވެ.

ބައެއް މީޑިއާތަކަށް ކޮމެންޓް ދިން އުމުރުން 26 އަހަރުގެ ޔޫ ޒެންގް ބުނެފައި ވަނީ، އޭނާ މީހަކާ ރައްޓެހިވެގެން އުޅޭތާ 2 އަހަރު ވެފައި ވާ ކަމަށާއި ކައިނެވީގެ ވާހަކަ ދެމީހުންވެސް ދައްކާ ކަމަށާއި ނަމަވެސް ނިމެނީ ކައިވެނި ނުކޮށް އުޅޭގޮތަށް ކަމަށެވެ.

"ކައިވެނި ކުރަން ބޭނުން، އެކަމަކު އެއީ އިތުރު ހާސްކަމާއި ކަންބޮޑުވުންވެސް އޮތް ކަމެއް"
ފެންގް

އިތުރަށް އޭނާ ބުނީ، މީހަކާ އިންނަނީ ދެފަރާތުގެ އާއިލާގެ ގުޅުން ބަދަހި ކުރުމާއި ގެއެއް ގަނެ އާއިލާއެއް ފެށުމަށް ކަމަށް ވީ ނަމަވެސް، ގެދޮރުގެ އަގު ބޮޑުވުމާއި އާއިލާގެ ތެރޭގައި އޮންނަ ދެބަސްވުންތަކާއި އަރާރުންތަކާ ހުރެ ދަރިއަކު ހޯދައިގެން ހަޔާތެއް ފެށުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އޭނާ ބުނީ ކޮވިޑްގެ ލޮކްޑައުން އަށް ފަހު ގައުމު ހުޅުވާލުމާއެކު ލޯބިވެރިޔާ އާއެކު ރެސްޓޯރަންޓްތަކުން، ސިނަމާތަކުން އެހެން އުޅެ އުފާވެރި ވަގުތުކޮޅެއް ހޭދަ ކޮށްލެވޭ ކަމަށާއި އެއީ މިހާރު ކަންކަން ހުރިގޮތުން މާ ހިތަށް ފަސޭހަ ގޮތެއް ކަމަށެވެ.

"ކައިވެނިކޮށް ގެއެއް ހޯދާ ދަރިން ހޯދީމައި ހަރަދު އެބަ ބޮޑުވޭ، އޭރުން ދެން ނުލިބޭނެ މިހެން އުފާކޮށްލާނެ ވަގުތެއް ވެސް"
ޒޫ

ކައިވެނި ކުރާ ނިސްބަތް ދަށްވެ އާބާދީ އިތުރުވާ މިންވަރު ދަށަށް ގޮސް އިގުތިސޯދީ މައްސަލަތަކާ ދިމާއަށް ޗައިނާ މިސްރާބު ޖަހާފައި ވާއިރު އެގައުމުން ވަނީ މީހުން ކައިެވނި ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ޕެކޭޖްތަކެއްވެސް ތައާރަފް ކޮށްފައެވެ. މިދިޔަ މެއި މަހު ތައާރަފް ކުރި އެ ޕެކޭޖް 20 ސިޓީއެއްގައި ހިންގާފައި ވީ ނަމަވެސް އަދި މާބޮޑު އެދެވޭ ނަތީޖާއެއް ނުފެންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ޕެކޭޖްގައި ވާގޮތުން އުމުރުން 25 އަހަރު ނުވަނީސް ކައިވެނި ކުރާނަމަ، މާލީ އެހީއެއް ދިނުން ހިމެނެއެވެ. އަދި ދަރިއަކު ހޯދައިފިނަމަ އިތުރު އެހީ ލިބެއެވެ.

ބައެއް މީހުން ބުނީ، އެމީހުން ކައިވެންޏާ މެދު ފޫހިވާ އަނެއް ސަބަބަކީ އެމީހުންގެ މައިންބަފައިންގެ ހަލަބޮލި ދިރިއުޅުން ކަމަށެވެ. ބައެއް މައިންބަފައިންގެ ދިރިއުޅުމުގެ ކަންކަން ހުންނަނީ މައްސަލަގަނޑެއްގެ ތެރޭގައި ކަމަށާއި ދަރިންގެ ކުރިމަތީގައި ހަމަޖެހުމެއް ނެތި އުޅޭތަން ފެނުމަކީ ކައިވެންޏާ މެދު ފޫހިވާ ސަބަބެއް ކަމަށެވެ.

ކައިވެންޏަށް ހިތްވަރު ދިނުމުގެ ގޮތުން ޗައިނާގައި މައިންބަފައިން ވެސް ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދަރިންނަށް ބައިވެރިން ހޯދައި ދިނުމުގެ ފޯރަމްތަކުގައި ބައިވެރިވެ 'މެޗް މޭކިން' ހަދަމުން ދެއެވެ.

ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއާ އެކު ޑޭޓިން އަކީ މިހާރު އިނގިލި ކުރީގައި އޮންނަ ކަމަކަށް ވާއިރު ޗައިނާގައިވެސް އެކި އެޕްތަކާއި ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި ޑޭޓިން ކުރިއަށް ދެއެވެ.