އަންނަ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު އޮލިމްޕަސް ސްކްރީނަށް ގެންނަން ހަމަޖެހިފައިވާ "ފްރީ ޑެލިވަރީ" ފިލްމުގެ ޕްރޮމޯޝަނަލް ލަވަ ދައްކާލައިފިއެވެ.

ކުޅަދާނަ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ލިޔެ ޑައިރެކްޓްކޮށް، ކަޒްމިކް އިންޓަނޭޝަނަލް އިން ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމަކީ ޑާކް ކޮމެޑީއެކެވެ. ފިލްމުގެ ޕްރޮމޯޝަނަލް ލަވައިގެ ލިރިކްސް އަދި މެލޮޑީ އިއްލެ އަދި އާސިމް އަލީ ތައްޔާރުކުރިއިރު މި ލަވަ ކިޔާފައިވަނީ ހުސައިން ސަމާހް (ބަޖިއްކޮ)، އައިޝަތު ހުމައިޝާ ޔޫސުފް (ހުމޭ)، އަހްމަދު އިފްނާޒް ފިރާގް އަދި އަހްމަދު ޝާރިފް އެވެ. ހަގީގީ ވާހަކަތަކެއް މި ލަވައިގައި ކިޔާދޭއިރު މި ލަވަ އަކީ "ވައިބް" އެކެވެ.

ބޮޑު ކާސްޓަކާއެކު ގެނެސްދޭ "ފްރީ ޑެލިވަރީ" ގައި ހަރަކާތްތެރިވާނެ ތަރިންނަކީ ރައުފަތު ސޯދިގު، އައިޝާ، ވާޝިޔާ މުހައްމަދު، ޝާރިފު އަހުމަދު، އިފްނާޒް ފިރާގު، ތާތި އާދަމް، މަރިޔަމް ވަހީދާ (ޔަމް) އަދި އަހުމަދު ޝާކިރު ޝާއްކޮ (އައްމަޑޭ)އެވެ. މިތަރިންގެ އިތުރުން މި ފިލްމުން އާ މޫނުތަކެއް ވެސް ތައާރަފްވެގެންދާނެއެވެ. މި ފިލްމުވެގެންދާނީ އިއްލެގެ ތިން ވަނަ ފީޗާ ފިލްމަށެވެ. އަދި އިއްލެގެ ތަފާތު ފިލްމަށް މި ފިލްމުވެގެންދާނެއެވެ. ސަބަބަކީ ކުރީ ދެ ފީޗާ ފިލްމާ އަޅާކިޔާއިރު މި ފިލްމަކީ މުޅިން އެހެން ޖޯންރާ އަކަށް ތައްޔާރުކޮށްފައިވާ ފިލްމަކަށްވުމުންނެވެ. މި ފިލްމުވެގެންދާނީ އިއްލެ މިއަހަރު ސިނަމާއަށް ގެނެސްދޭ ދެވަނަ ފިލްމަށެވެ. އޭނާ މިއަހަރު ނެރުނު ފުރަތަމަ ފީޗާ ފިލްމު "ނީނާ" އަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ.