ސަރުކާރުން ނަގާފައިވާ ދަރަނިތައް 104.9 ބިލިއަން ދިވެހި ރުފިޔާ (6.8 ބިލިައަން ޔޫއެސް ޑޮލަރަށް) އަރާފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ދިވެހިރާއްޖޭގެ ޓޫރިޒަމް އާއި ފައިނޭންސް ސެކްޓަރާ ބެހޭގޮތުން ހެދި ދިރާސާކުން ދައްކައިފިއެވެ.
އެ ދިރާސާއަށްފަހު ހެދި ރިޕޯޓަކީ ރާއްޖޭގެ އިގްތިސޯދުގެ ހީނަރުކަން ފާހަގަކޮށް އެކަމާ ގުޅިގެން މައިގަނޑު ގޮތެއްގައި ޔޫއެސް ޑޮލަރުގެ ތާށި ކަމާއި، ސަރުކާރުން ކުރާ ހޭދަތަކުގެ ބޮޑުކަމާއި، ލޯކަލް ޓޫރިޒަމަށް އައިސްފައިވާ ނޭދެވޭ އަސަރުގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ރިޕޯޓެއް ކަމަށް ބުނެއެވެ. މި ރިޕޯޓް ތައްޔާރުކޮށްފައި ވަނީ އެ ދާއިރާތަކުގައި ބައިވެރިވާ ވަރަށް ގިނަ ފަރާތްތަކާ އިންޓަވިއު ކުރުމަށް ފަހު ފުޅާ ދާއިރާއަކުން ހޯދާފައިވާ މައުލޫމާތުގެ އަލީގައި ކަމަށް މަޓާޓޯއިން ބުނެއެވެ.
އެ ދިރާސާއިން ދައްކާގޮތުން ސަރުކާރުން ނަގާފައިވާ ދަރަނިތައް ބޮޑުވެ، މިއަދުގެ ހާލަތަށް ބަލާއިރު ރާއްޖޭގެ ދަރަނި 6.8 ބިލިއަން ޔޫއެސް ޑޮލަރަށް އަރާފައިވާކަން ފާހަގަކޮށް މަޓާޓޯއިން ބުނީ އެއީ ރާއްޖޭގެ ޖީޑީޕީއަށް ބަލާއިރު ގާތްގަނޑަކަށް 113 ޕަސެންޓާ އެއްވަރު އަދަދެއް ކަމަށެވެ. އަދި މިހާލަތަށް ދިޔަ ސަބަބުތަކުގެ ތެރޭގައި ސަރުކާރުގެ އެކިއެކި ހަރަދުތައް ބޮޑުވެފައި ޓޫރިޒަމް އާމްދަނީއަށް ބަރޯސާވުމާއި ދިވެހި ފައިސާ ޗާޕު ކުރުމުން ދިވެހި ފައިސާގެ އަގު ދަށަށް ގޮސް އިންފްލޭޝަންއާ ކުރިމަތިލާން ޖެހުން ހިމެނޭ ކަމަށެވެ.
ކޮވިޑްގެ ހާލަތުން މަޑުމަޑުން އަރައިގަތުމަށް ފަހު ވެސް، 2022 ވަނަ އަހަރު ރާއްޖެއަށް އެތެރެވެފައިވާ ޓޫރިސްޓުންގެ އަދަދު، ފެންޑަމިކްގެ ކުރިއާ އަޅާ ބަލާއިރު 1.6 ޕަސެންޓު ދަށްވެފައި ވާކަމަށް ވެސް އެ ރިޕޯޓުގައި ވާއިރު ޓީޖީއެސްޓީ އަދި ޖީއެސްޓީ ބޮޑުކުރުމާ ގުޅިގެން ޓޫރިޒްމް އިންޑަސްޓްރީ އަށް ނުރަނގަޅު އަސަރުކޮށްފައިވާ ކަމަށް ވެސް އެ އޯސިއޭޝަނުން ބުނެއެވެ. އެގޮތުން ރާއްޖޭގެ ރިސޯޓުތައް ވިއްކާ އަގު މަތި ކުރަން ޖެހުނު ކަމަށާއި ދުނިޔޭގެ އެހެން ޓޫރިސްޓު މަންޒިލްތަކާއި ވާދަކުރުމުގެ ފުރުސަތު ހަނިވެ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވެފައިވާ ކަމަށް މަޓާޓޯގެ ދިރާސާއިން ދައްކައެެވެ.
ވޭތެވެ ދިޔަ 4 އަހަރާއި 6 އަހަރާއި ތޭރޭގައި އެ ދާއިރާއަށް އިންވެސްޓް ކުރުމުގެ ގާބިލްކަން ހުރި ގިނަ ފަރާތްތްތަކުން އިންވެސްޓް ކުރުން މަދުވުމާއި، ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން ގެއްލެމުން ދާކަން މަޓާޓޯއިން ފާހަގަ ކުރެއެވެ.
ދިވެހިރާއްޖޭގެ ބޭންކިންގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ވަރުގެ ދަތި މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކޮށް މަޓާޓޯއިން ބުނީ ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި ޑޮލަރުގެ މައްސަލައާއި ބޭންކުތަކުގެ މެދުގައި އޮންނަންޖެހޭ ފައިދާ ކުރަނިވި ވާދަވެރިކަން ކުޑަވުމުގެ އިތުރުން ބޭންކުތައް ހިންގަމުންދާ އުސޫލުތައް ބަލިކަށިވުން ހިމެނޭ ކަމަށެވެ.
އެގޮތުން އުފެދިފައިވާ ޑޮލަރުގެ ކަޅު ބާޒާރުގެ މައްޗަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ބާރު ގެއްލި އެމްއެމްއޭ ފެއިލްވެފައިވާތަން ފެންނަ ކަމަށް މަޓާޓޯއިން ބުނެއެވެ. އަދި މި ސަރަހައްދުގެ ބޭންކުތަކާ އަޅާ ބަލާއިރު ރާއްޖޭގެ ބޭންކުތަކުން ނަގާ ލޯނު އެތައް ގުނައެއް ބޮޑު ކަމަށާއި ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުން ބޭރު ފައިސާގެ މުއާމަލާތް ކުރެވޭ އަދަދު އިންތިހާއަށް ކުޑަކަން ވެސް މަޓާޓޯއިން ވަނީ ފާހަގަ ކޮށްފައެވެ.
މީގެއިތުރުން މަޓާޓޯއިން ބުނީ މިކަމާމެދު ސަރުކާރުން ފުންކޮށް ވިސްނާ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވާ ކަމަށާއި ސަރުކާރާއި އެމްއެމްއޭއިން ޑޮލަރުގެ މައްސަލައަށް ހަރުދަނާ ހައްލެން ހޯދަން ޖެހޭ ކަން އެ އެސޯސިއޭޝަނުން ފާހަގަ ކުރެއެވެ. އަދި ދަރަނީގެ މައްސަލައަށް ހައްލު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާ، ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމުގެ އިތުރުން ސަރުކާރުގެ އާމްދަނީ އިތުރު ކުރަން ޖެހޭ ކަމަށް ވެސް މަޓާޓޯއިން ވަނީ ބުނެފައެވެ.
ސަރުކާރުގެ އިސްރާފް ކުޑަކޮށް، ބޭކާރު ހަރަދުތައް ހުއްޓާލައި ސަރުކާރުން ދޭ ސަބްސިޑީތަކާއި ކުންފުނިތަކައް ގެންނަން ޖެހިފައިވާ ބޮޑެތި ބަދަލުތައް ގެނައުމަށް މަޓާޓޯއިން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި ޕަބްލިކް ސެކްޓާގެ އިންވެސްޓްމަންޓްތަކާއި ސިޔާސީ މަގާމުތަކާއި އެހެނިހެން ސަރުކާރުގެ ހަރަދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމަށާއި ހާއްސަކޮށް ޓެކްސްގެ ނިޒާމު އެކުލަވާލައިފައި ވާ ގޮތް ވަރަށް ފަރުވާތެރިކަމާއެކު ބެލުމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ގޮވާލާފައެވެ.