ހައިކޯޓާ ގުޅޭގޮތުން އާންމު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭހެން ހަބަރު ނުފެތުރުމަށް އެ ކޯޓުން އިލްތިމާސް ކޮށްފިއެވެ.
ހައިކޯޓުން ބުނީ ހަބަރު ފެތުރުމުގައި ޒިންމާދާރުކަމާއި ތެދުވެރިކަމާއެކު އެ މަސައްކަތްކޮށް، ރައްޔިތުންނަށް ހައިކޯޓުގެ ޝަރީއަތްތަކުގެ ހަބަރުތައް ގެނެސްދިނުމުގައި ނޫސްވެރިން ކުރަމުން ގެންދާ ބުރަ މަސައްކަތުގެ އަގު ހައިކޯޓުން އަބަދުވެސް ވަޒަން ކުރާ ކަމަށެވެ. އަދި އެކަމަށް މަރުހަބާވެސް ކިޔާ ކަމަށެވެ.
އެހެން ނަމަވެސް ފަހަކަށް އައިސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއ،ި ހައިކޯޓުގެ މަސައްކަތްތަކާ ގުޅޭގޮތުން އާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް، ހަގީގަތާ ހިލާފު ވާހަކަތައް ހަބަރު ފަތުރާ ވަސީލަތްތަކާއި ސޯޝަލްމީޑިއާ މެދުވެރިކޮށް ބައެއް ފަރާތްތަކުން ފަތުރަމުން ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެ ކޯޓުން ބުނެއެވެ.
ހައިކޯޓުން އިތުރަށް ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއ،ި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަމަކީ އަނެކާގެ ހައްގުތަކާއި މުޖުތަމައުގެ ހައްގުތަކަށް ފުރިހަމައަށް އިހްތިރާމް ކުރަންޖެހޭ ޒިންމާދާރު މިނިވަންކަމެއް ކަމަށެވެ.
އެހެން ކަމުން ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ ރ. ގައި ކަނޑައަޅައި ބަޔާންވެގެންވާ އުސޫލުތަކާ ހިލާފަށް ހައިކޯޓުގެ ދުސްތޫރީ ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށް ކުރާ މަސައްކަތާމެދު އާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވަރެއް އުފެދޭ ގޮތަށް، އަދި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ހަބަރު ފަތުރަމުން ނުގެން ދިޔުމަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރާކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.
ހައިކޯޓުވެސް އެބަޖެހޭ ޒިންމާދާރު މިނިވަން މުސްތަގިއްލު ތަނަކަށްވާން.