ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފުގެ މައްސަލައިގެ މިއަދަށް ތާވަލް ކޮށްފައިވާ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.
ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ރައީސް ޔާމީނުގެ ހައިކޯޓް އިސްތިއުނާފުގެ އަޑުއެހުން ސުންގަޑިއަށް ވެފައި ވަނިކޮށް ޕީޖީ އޮފީހުގެ ވަކީލުން ބިޒީވުމުން ކެންސަލް ކޮށްފައިވާ ކަމަށެވެ.
އެ އަޑުއެހުން ކެންސަލް ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެއް ކަމަށާއި އިސްތިއުނާފު ލަސްކުރުމަށް އިންތިޒާމީ ގޮތެއްގައި ރޭވިގެންވާ ގިނަ ކަންތައްތަކެއް ހިމެނޭ ގޮތަށް ކުރާ ކަމެއް ކަމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން މިއަދު ތާވަލް ކޮށްފައި އޮތީ މެންދުރުފަހު 2:00 އަށެވެ. ނަމަވެސް އަޑުއެހުން ކެންސަލްކޮށްފައި ވަނީ ދައުލަތުން އެދިގެންނެވެ.
ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފައި ވާއިރު އެ މައްސަލައިގެ އަޑުއެހުންތައް ލަސްވަމުން ދާތީ އިދިކޮޅި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރުން އިއްޔެ ވެސް ވަނީ ހައިކޯޓަށް ވަޑައިގެންފައެވެ.
ހައިކޯޓަށް ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ ކޯލިޝަން ހިންގުމާ ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އިއްޔެ ވިދާޅުވެފައި ވަނީ ކުރިއަށް އޮތް 3 ހަފްތާގައި ވެސް ރައީސް ޔާމީންގެ މައްސަލަ އެޖެންޑާ ކުރުމަށް ހައިކޯޓުން ނިންމާފައި ނުވާ ކަމަށެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.