އޮތީ ދެ ޗޮއިސް ކަމަށާއި އޭނާ ވަނީ ނަތީޖާ ނެރެދޭނެ ޗޮއިސް އަކަށް ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ރ އަތޮޅަށް ކުރައްވާ ދަތުރުގައި މިއަދު އެ އަތޮޅުގެ މާކުރަތަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ގައުމުގެ ކަންކަން އިސްކުރަންވީ ޕާޓީގެ ގޮތުން ވިސްނައިގެން ނޫން ކަމަށާއި ރަށަށް އެންމެ ފައިދާ ހުރި ގޮތަކަށް ވިސްނައިގެން ކަމަށެވެ.
މުއިއްޒު ވަނީ ފުރަތަމަ ބުރުގައި މާކުރަތުން ދިން ތަރުހީބަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެވަނަ ބުރުގައި އެއަށް ވުރެ މާ މަތީ ނަތީޖާއަކުން ކާމިޔާބު ހޯދާނެ ކަމުގެ ޔަގީން ކަން އޮތް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މާކުރަތުގެ ކައުންސިލްގެ ރައީސްއާ ދެމެދު ދެކެވުނު ވާހަކަތަކުން އެ ރަށުގައި ބައެއް މަޝްރޫއުތައް ހިންގަމުންދާ ކަމަށާއި ބައެއް މަޝްރޫއުތައް ހުއްޓިފައި ހުރިކަން އެނގިވަޑައިގެންނެވި ކަމަށެވެ. އެހެންނަމަވެސް މުއިއްޒުގެ ވެރިކަމެއްގަައި ފެންނާނީ ސަމާލުކަން ދީގެން މަސައްކަތް ކުރާތަން ކަމަށާއި އެ ރަށުގައި ތިބި މީހުން ވޯޓުލީ ޕާޓީއަކާއި އެ ރަށުގައި ތިބީ ކޮން ޕާޓީއެއްގެ ބައެއް ތޯ ބެލުމެއް ނެތި ކުރިއެރުން ގެނެސް ދެއްވާތަން ކަމަށް އޭނާ ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެކަހަލަ އެއްވެސް ތަފާތު ކުރުމެއް ނެތި ހަގީގީ މާނާގައި ކައުންސިލް ބާރުވެރި ކުރުވައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ މަޝްރޫއުތައް ހުއްޓޭ ސަބަބު ވަގުތުން އަދި ގާތުން ބަލައިގެން އެކަންކަން ހައްލުކުރާތަން ފެންނާނެ ކަމަށާއި މާކުރަތުގެ ވެސް މަޝްރޫއުތައް ބާރަށް ހިންގަވައި ދެއްވާނެ ކަމަށާއި ބަދަލެއް ގެންނަން ޖެހޭ މަޝްރޫއުތަކަށް ބަދަލުވެސް ގެނެސް ދެއްވާނެ ކަމަށެވެ.
މުއިއްޒު ވަނީ މާކުރަތުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހައްދަވައި ދެއްވާނެ ކަމަށާއި ޒުވާނުން ގިނަ ރަށަކަށް ވުމާއެކު ރަނގަޅު ޒުވާނުންގެ މަރުކަޒެއް ގާއިމު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ރަށުގައި މިހާރު އޮތް ފުޓްސަލް ދަނޑަށްވުރެ ރަނގަޅު ފެންވަރުގެ ފުޓްސަލް ދަނޑެއް އަޅައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ ރަށަށް ބޭނުންވާ ކަންކަން ކޮށްދޭނެ ކަމަށާއި ކުންފުނިތަކުގައި ތިބޭ މުވައްޒަފުން ވަޒީފާއިން ވަކި ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ފުދުންތެރި މުޖުތަމައުއަކަށް ކޮންމެ ރަށެއްގެ މުޖުތަމައު ހަދައިދެއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި މާކުރަތުގެ ކައުންސިލް ރައީސް މުހައްމަދު ރަމީޒާއި ކައުންސިލް މެންބަރު އަބްދުއް ސަމަދު ޔޫސުފް ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. އެ ކައުންސިލްގެ ރައީސްއާއި މެންބަރަކީ އަމިއްލަ ގޮތުން ހޮވިވަޑައިގެންފައިވާ ކައުންސިލަރުންނެވެ. އަދި އޭގެ އިތުރުން އެމްޑީޕީގައި ކުރިން މަސައްކަތް ކުރި އާންމު މެންބަރުންނާއި ޒުވާނުންވެސް އެ ރަށުން ވަނީ ޕީޕީއެމްއާ ގުޅިފައެވެ.