އެލައިޑް އިންޝުއަރެންސުން އިންތިޒާމު ކޮށްގެން ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ "އެލައިޑް ފެސްޓް" މާދަމާ ބާއްވަން ހަމަޖައްސައިފިއެވެ.

މި ފެސްޓިވަލް ބާއްވަނީ ހޮނިހިރު ދުވަހު ހަވީރު 04:00 އިން އިރުއޮއްސި 06:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި އިވެންޓް މި މަހުގެ ކުރީކޮޅު ބޭއްވުމަށް އިންތިޒާމް ކުރި ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން މީގެ ކުރިން ވަނީ ތާރީހެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

މާދަމާ މި އިވެންޓް ބޭއްވުމުގެ ތައްޔާރީތައް ވާން ފަށާފައި ވާއިރު އެލައިޑުން ބުނީ، މިފެސްޓިވަލުގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އި ފިޝިން، ބީން ބޭގް ޓޮސް، ސްނޭކް އެންޑް ލެޑާ، ޓުވިސްޓާ، އަދި ކުރެހުމާއި ކުލަޖެއްސުމަށް ޝައުގުވެރިވާ ކުދިންނަށް އާރްޓް ކޯނާ އެއް ވެސް ހިމެނޭ ކަމަށް އެލައިޑުން ބުނެފައި ވެއެވެ.

މީގެ އިތުރުން މި ފެސްޓިވަލުގައި ބެލެނިވެރިންނަށް އަމާޒުކޮށްގެން ދިރިއުޅުމާއި އާއިލާއާ ބެހޭ މައުލޫމާތު ސެޝަންތަކެއް ވެސް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެލައިޑުން ބުނެއެވެ.

މި ފެސްޓިވަލުގެ ތެރެއިން ހާއްސަ ލަކީޑްރޯއެއް ކުރިއަށްދާނެ ކަމަށާއި އެ ލަކީޑްރޯއިން ގުރުއަތުން ނެގޭ ތިން ކުއްޖަކަށް ހާއްސަ ހަދިޔާއެއް ދޭން ނިންމާފައިވާ ކަމަށް އެލައިޑުން ބުނެއެވެ. މިއީ އެލައިޑުން "އެލައިޑް ފެސްޓް" ބާއްވާ ދެވަނަ އަހަރެވެ. އެލައިޑުން ބުނީ، މީގެ ކުރީ އަހަރު ބޭއްވި "އެލައިޑް ފެސްޓް" އަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ކަމަށެވެ.