މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފްލެޓްތައް ލިބޭ ސިފައިންނަށް ފްލެޓްތައް ހަވާލުކުރަން ފަށައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ބުނީ، މިއަދު ސިފައިންނަށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ ގޮތުން އެޕާޓްމަންޓްތަކާ ގުޅޭ ގޮތުން ދޭން ޖެހޭ އިރުޝާދުތައް ދިނުމަށްފަހު އެގްރިމަންޓްތަކުގައި ސޮއި ކުރުމުގެ ކަންކަން މިހާރު ކުރިއަށް ގެންދަމުން ދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ފްލެޓްތައް ލިބޭ ސިފައިންގެ އެންމެނަށް ފްލެޓްތައް ހަވާލުކޮށް ނިންމޭނެ ތާރީހެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

ސިފްކޯ ފްލެޓްތައް އިމާރާތް ކޮށްފައި ވަނީ ތިން ޓަވަރަކަށެވެ. އެއީ ސިފްކޯ ހިޔާ އޭ، ބީ އަދި ސީއެވެ. އެ ތިން ޓަވަރުގައި މުޅި އެކު 345 އެޕާޓްމަންޓް އަޅާފައިވާ އިރު، އެ ފްލެޓްތައް ލިބޭ ސިފައިންނަށް މި މަހުގެ ތިން ވަނަ ދުވަހު ވަނީ އެތަން ދައްކާލާފައެވެ.

މިހާރު ސިފްކޯ ހިޔާ ފްލެޓްގެ ތިން ޓަވަރުގައި މީހުން ދިރިއުޅެވޭ ވަރަށް އެތަނުގެ ރެސިޑެންޝަލް ހުރިހާ މަސައްކަތްތަކެއް ނިންމާފައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އެގޮތުން ފްލެޓުގެ ކޮޓަރިތަކާއި ބަދިގޭގެ ކަބަޑު ސެޓުތައް ވެސް ފުރިހަމަކޮށް ނިންމާފައި ވާއިރު، ބަދިގެ ކަބަޑު ސެޓުގައި އަވަނާއި މައިކްރޯ ވޭވާއި އުނދުނުގެ އިތުރުން ހުޑް ވެސް ވަނީ ހަރުކޮށް ނިންމާފައެވެ. އަދި ފްލެޓްގައި އޭސީއާއި ހީޓަރު ހަރުކޮށް، ތިން ޓަވަރުގެ ޕާމަނަންޓް ކަރަންޓާއި ފެނުގެ ހިދުމަތް ވެސް މިހާރު ލިބެން ހުރިއިރު، އެ ޓަވަރުތަކުގެ ނަރުދަމާގެ ހުރިހާ މަސައްކަތްތައް ވެސް ވަނީ އެއްކޮށް ނިންމާލާފައެވެ.

އޭގެ އިތުރުން ފުރިހަމައަށް ބޭނުން ކުރެވޭ ހާލަތަށް ފްލެޓުތަކުގެ ލިފްޓްތައް ސާވިސްއަށް ގެނެސްފައި ވާއިރު، ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހައިން އިންޓަނެޓާއި ޓީވީގެ ހިދުމަތް ދިނުމަށް ދިރާގާއި އުރީދޫއާއި އެސްއެސްނެޓްގެ އިތުރުން މީޑިއާނެޓުގެ ހިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ކަމެއް ވެސް މިހާރު ވަނީ ހަމަޖެހިފައެވެ. އަދި ފްލެޓްގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ބެހެއްޓުމަށް ޓަކައި، ދިމާވެދާނެ އަލިފާނުގެ ހާދިސާއަކުން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިވުމުގެ ގޮތުން، ބޭނުންވާ ހުރިހާ ސަލާމަތީ ވަސީލަތްތައް ވެސް ހަރުކުރެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ހާމަކޮށްފައެވެ.