ކުއްޅަވަކަށް މަޝްހޫރު ނ. ލަންދުއަށް އިދިކޮޅު ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމާއެކު އެ ރަށުން މަރުހަބާ ކިއީ އެ ރަށަށް ހާއްސަ ކުއްޅަވަށް މޮހީޓޯއިންނެވެ.

މުއިއްޒަށް މިމަރުހަބާ ކިޔާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިހާރު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ދެވަނަ މަންޒިލެއްގެ ގޮތުގައި މިއަދު ލަންދުއަށް ވަޑައިގަތުމުންނެވެ. ކޮންމެ ރަށެއްގައިވެސް ތަފާތު ގޮތަކަށް މުއިއްޒަށް މަރުހަބާ ކިޔުމަށް ސަޕޯޓަރުން މަސައްކަތް ކުރާއިރު އެ ރަށަކަށް ލިބިފައިވާ ލަގަބު ނުވަތަ ހާއްސަވާ ކަންކަމަށް ބަލައިގެންވެސް މަރުހަބާ ކިޔުމަށް އިސްކަން ދެއެވެ.

87.7 ހެކްޓަރުގެ ލަންދޫގެ ތިންބައިކުޅަ 2 ބަޔަކީ ކުއްޅަވަށް ފާ ކަމަށް ވާއިރު ކުއްޅަވަކުން އާމްދަނީ ހޯދަން ކުއްޅަވަކުން އެތައް ބާވަތެއްގެ ބުއިންތަކާއި ކެއުންތައްވެސް އެ ރަށުގައި ތައްޔާރު ކުރެވެއެވެ. އަދި ކުއްޅަވަށް ފަލުން ލިބޭ ކުއްޅަވަށް ގަނޑުކޮށް، ރަށްރަށާއި މާލެއަށް ފޮނުވައިގެން ވިއްކުމަކީވެސް ލަންދޫގެ ރައްޔިތުން އާމްދަނީ ހޯދަން ކުރަމުން އަންނަ މަސައްކަތެކެވެ.

ލަންދުއަށް އަރާ މެހެމާނުންނަށް ކުއްޅަވަކުގެ އުފެއްދުންތަކުން މަރުހަބާ ކިޔުމަކީ އެ ރަށުގެ ރައްޔިތުންނަށް ވެސް ލިބޭ ވަރަށް ބޮޑު ފަހުރަކަށް ވާއިރު މޮހީޓޯގެ އިތުރުން ކުއްޅަވަކުގެ މިލްކްޝޭކާއި ސްމޫތީ އަދި އައިސްކްރީމް ވެސް އެ ރަށުން ވަނީ ބާޒާރަށް ނެރެފައެވެ. ލަންދޫގެ މީހުން ބުނާ ގޮތުގައި އެ ރަށަށް "ފީ ކުއްޅަވަކު" ގެ ނަމުން ނަން ދީ މަޖާޒީ ގޮތަކަށް ޒަމާނުންސުރެ މުހާތަބުކޮށް ހަދާ ކަމަށާއި އެހެންނަމަވެސް މިއަދު އެ ނަމަކީ އެ ރަށުގެ ފަހުރެއް ކަމަށެވެ.

އެ ރަށުން މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ކުއްޅަވަކުގެ މޮހީޓޯ އިން މަރުހަބާ ކިޔާފައި ވާއިރު ރިޔާސީ އިންތިހާބު ފުރަތަމަ ބުރުގެ ކެމްޕެއިނުގައި ރައީސް ސޯލިހު އެ ރަށަށް ވަޑައިގެން އެފަދަ ބުއިމަކަށް އުންމީދު ކުރެއްވި ނަމަވެސް ލިބިވަޑައި ނުގެންނެވި ކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

ލަންދޫއިން އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ލަކުޑިން ހަދާފައިވާ ކުއްޅަވަކެއް ހަދިޔާކުރައްވަނީ/ ފޮޓޯ: ޕީޕީއެމް

އެގޮތުން އެ ދުވަހު ރައީސް ސޯލިހު ވިދާޅުވީ 'މިއަދު ކުއްޅަވަށް މޮހީޓޯއެއް ލިބޭނެ ކަމަށް' އުންމީދު ކުރެއްވި ނަމަވެސް ލިބިވަޑައި ނުގަތަސް ލަންދުއަށް ފުރަަތަމަ ވަޑައިގެން ދުވަހު މޮހީޓޯއެއް ލިބިވަޑައިގެންނެވި ކަމަށެވެ.

މޫވެންޕިކްގެ އައިސްކްރީމްގެ ލިސްޓްގައި ލަންދޫގެ ކުއްޅަވަށް އައިސްކްރީމް ހިމެނޭއިރު އެ އައިސްކްރީމްގެ މޭސްތިރިއަކީ އެ ރަށުގެ ސިއްހީ މަރުކަޒުގެ މެނޭޖަރު ޖައުފަރު ރަޝީދެވެ. އޭނާގެ އުންމީދަކީ ކުއްޅަވަކުގެ އިތުރު އުފެއްދުންތައް ބާޒާރަށް ނެރުމެވެ. އެގޮތުން މީގެ ކުރިން "ދަ ޕްރެސް" އަށް ދިން އިންޓަވިއުއެއްގައި ޖައުފަރު ބުނީ އަހިވަކާއި ކަނޑޫގެ ބާވަތްތައް ބާޒާރަށް ނެރުމަކީވެސް ޖައުފަރުގެ ވިސްނުމެއް ކަމަށާއި ކަނޑޫ ނެރެން ވިސްނަނީ ހަތް ފެނު ކައްކައިގެން ކަނޑޫގެ ހިތި ފިލުވާ ނިންމާ، ވެކިއުމްކޮށް ބަންދުކޮށްގެން ފުރީޒް ކުރުމަށް ފަހު ކަމަށެވެ. މީގެ އިތުރުން ގަބުޅި ހުންޏާއި ކުއްޅަވަކުގެ ހާއްސަ ފޮނި ކާއެއްޗެއް ވަރަށް އަވަހަށް ބާޒާރަށް ނެރުމަށް ވިސްނާ ކަމަށް ވެސް އޭރު ޖައުފަރު ވަނީ ބުނެފައެވެ.

މުއިއްޒު ލަންދުއަށް ވަޑައިގަތުމުން ކުއްޅަވަށް ރަމްޒުވާ ގޮތަށް ލަކުޑިން ހަދާފައިވާ ސޮވެނިއާއެއް ވެސް ވަނީ ހަދިޔާ ކޮށްފައެވެ. ލަންދޫއަކީ މެހެމާންދާރީ އަށް އެ ވަރުގެ ދެވަނަ އެއް ނުވާ ރަށަކަށް ވާއިރު މިއަދުވެސް އެ ރަށުން ފެނިގެން ދިޔައީ އެ މަންޒަރެވެ.