ނ. ލަންދޫގައި ތެލެސީމިއާ ކުދިން ގިނަކަން ފާހަގަ ކުރައްވާ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު އެ ފަދަ ކުދިންނަށް އޮތް އުންމީދު ހާމަ ކުރައްވައިފިއެވެ.
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިހާރު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ލަންދުއަށް ވަޑައިގެން މުއިއްޒު ވަނީ އެ ރަށުން ފުރަތަމަ ބުރުގައި ގިނަ ވޯޓު ހޯދުމަށް ކުރި މަސައްކަތް ފާހަގަ ކުރައްވާ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާ ކުރައްވާފައެވެ. އަދި ދެވަނަ ބުރުގައި އެއަށްވުރެ ރަނގަޅަށް މަސައްކަތްކޮށް ކުރިއެރުން ހޯދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އޭނާ ދެއްވާނެ ޔަގީން ކަމަކީ ވެރިކަން ލިބިވަޑައިގެންފި ނަމަ ދިވެހިރާއްޖެ މިނިވަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ކަމަށާއި އެއަށްވުރެ މުހިއްމު އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި އެހެން ކަންކަން ކުރެވޭނެ ކަމަށާއި އިގްތިސޯދު ވެއްޓިފައިވާ އަނދަވަޅުން ނަގާ ކޮޅަށް ޖައްސަވައިދެއްވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަކީ އެ ރަށުގެ ރައްޔިތުން ބޭނުންވާ ކެމެއްކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ލަންދޫގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހަދާ ތާރު އަޅުއްވާނެ ކަމަށެވެ.
ލަންދޫއަކީ ތެލެސީމިއާ ކުދިން އެންމެ ގިނައިން ތިބި ރަށްކަން ފާހަގަ ކުރައްވާ، ތެލެސީމިއާ ކުދިންނަށް ހިލޭ ބޯންމެރޯ ހައްދަވައި ދެއްވާނެ ކަމުގެ ވައުދު މުއިއްޒު ތަކުރާރު ކުރެއްވިއެވެ. އަދި ހުޅުމާލެއިން ބިމެއް ނަގައިގެން ރަނގަޅު ފެންވަރުގެ ތެލެސީމިއާ ސެންޓަރެއް ހައްދަވާނެ ކަމަށާއި އެތަނުގައި އެކަށީގެންވާ މުވައްޒަފުންނާއި ވަސީލަތްތައް ގާއިމު ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
އަދި ލަންދޫގައި ރައްޔިތުން ކަނޑައަޅާ ދިމާލެއްގައި މޫދަށް އެރޭނެ ތަނެއް ހައްދަވައި ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން ލަންދޫ ސްކޫލު ލެބޯޓްރީގެ ވަސީލަތްތައް އިތުރުކުރުމާއި ލަންދޫގެ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރުމަށް ބޭނުންވާ ޖާގަ އިތުރުކޮށްދެއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވަނީ އެކަންކަން ކުރަމުން އާމްދަނީ އިތުރު ކުރަމުން ކަންކަން ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެންމެ ބޮޑު އެޖެންޑާއަކީ ރާއްޖެއިން ބޭރުގެ ސިފައިން ބޭރުކޮށް ރާއްޖޭގެ މިނިވަންކަން ޔަގީން ކުރުން ކަމަށާއި އިމުގެ ތެރެއިން ހުރިހާ ގައުމުތަކާ ގުޅުން އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.