ވިނަރެސް ފްލެޓްތަކާއި އަދި އެމްޕީއެލް ފްލެޓްތަކަށް ދައްކަން ޖެހޭ ޑައުންޕޭމަންޓާއި ކުލި ކުޑަކޮށް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިރޭ އެމްޑީޕީން ބޭއްވި ގަލޮޅު ކަންމަތީ ކެމްޕެއިން ޖަލްސާގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރައީސް ސޯލިހްގެ ކެމްޕެއިންނަށް ގޭގެއަށް ކުރައްވާ ޒިޔާރަތުގައި ވަރަށް ބޮޑު ޝަކުވާއެއް ލިބިވަޑައިގަންނަވާ ކަމަަށާއި އެ ޝަކުވާ އަކީ ވިނަރެސް ފްކެޓްތަކުގެ ޑައުންޕޭމަންޓާއި ކުލި ބޮޑު ވާހަކަ ކަމަށެވެ. އެ ކަމަށް ލަސްތަކެއް ނުވެ ބަދަލުތަކެއް ގެނެސް ޑައުންޕޭމަންޓް ކުޑަކޮށް ކުއްޔަށް ގެނެވެން އޮތް ހެޔޮ ރަނގަޅު ބަދަލެއް ގެނެސްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު އެމްޕީއެލްގެ މުވައްޒަފުން މީގެ ދެ ދުވަސް ކުރިން ބައްދަލު ކުރި ކަމަށް ރައީސް ވިދާޅުވިއެވެ. އެ މުވައްޒަފުންގެ ޝަކުވާއަކީ އެމްޕީއެލް މުވައްޒަފުންނަށް އަޅާފައިވާ ފްލްޓެތަކުގެ ކުއްޔާއި ޑައުންޕޭމަންޓަށް ދައްކަން ޖެހޭ އަދަދު ބޮޑު ވުމުގެ ޝަކުވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ފްލެޓްތަކުުގެ ޑައުންޕޭމަންޓް ކުޑަކޮށް ކުލިވެސް ކުޑަ ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުުރުން ހައުސިން ސްކީމްގެ ތެރެއިން ވައުދުވެވަޑައިގެންފައި ހުރި އެހެން ކަންކަން އެބަ ހުރި ކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ކަސްޓަމްސް އާއި ޔުނިވާސިޓީ އާއި ކަރެކްޝަންސްގައި މަސައްކަތް ކުރާ މީހުންނަށް ފްލެޓް ދިނުން ހިމެނޭ ކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން މިއަދު ވަނީ ކަސްޓަމްސް ގައި މަސައްކަތް ކުރާ މީހުންނަށް ވީ ވައުދުފުަލުތައް ފުއްދެވުމަށްޓަކައި ފްލެޓްތަކުގެ ލިސްޓް ހަވާލުކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ. އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ޔުނިވާސިޓީ އާއި ކަރެކްޝަންސްގައި މަސައްކަތް ކުރާ ފަރާތްތަކަށް ވީ ވައުދުފުަޅުތަކާ އެއްގޮތަށް އެ ފްލެޓްތައް ވެސް ދީ ލިޔުން ހަވާލު ކުރައްވާނަން ކަމަށް ރައީސް ވިދާޅުުވިއެވެ.

މިރޭ އެ ޖަލްސާގައި ވާހަކަ ދައްކަވަމުުން ރައީސް ވަނީ މާލޭގައި މާލެ ރައްޔިތުން ފިޔަވާ މާލެއަށް ހިޖުރަކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅެމުންދާ މީހުންގެ ތެރެއިން 20 އަހަރަށް ވުރެ ގިނަ ދުވަހު އުޅެފައިވާ އަދި އެކަން ކަށަވަރު ކޮށްދެވޭ ހުރިހާ އެންމެންނަށް އެ ހައުސިން ސްކީމުން ބޯހިޔާވަހިކަން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.