ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުށަހަޅާ ޤަރާރު މަޖިލީހަށް ބަލައިގަންނަން މިއަދުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.
ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުޅުދޫ ދާއިރާ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރު މަޖިލީހަށް ބަލައިގަތުމާ މެދު ބަހުސްކުރުން މިއަދު ކުރިއަށް ގެންގޮސްފައި ވާއިރު އެއަށްފަހު ނެގުނު ވޯޓުގައި މިއަދުގެ މަޖިލީހަށް ހާޒިވެވަޑައިގެން 37 މެންބަރުންގެ ތެރެއިން 35 މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެ ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ހުރިހާ މެންބަރުން ވަނީ ވޯޓުދެއްވާފައެވެ.
އެއަށްފަހު އެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުވުމަށް ވޯޓުގައި ބައިވެރިވެވަޑައިގެން 34 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނު ގަސްތުކުރައްވަނީ މިއަދު އެ މަސައްކަތް ނިންމަވަން ކަމަށެވެ. އަދި އެ ގަރާރުގެ ބަހުސް ނިންމުމަށްފަހު މުޅި މަޖިލިހުގެ ކޮމިޓީއަކަށް ގެންދިޔުއުމަށާއި އެ ކޮމިޓީން ވެސް މަސައްކަތް ނިންމުމަށްފަހު އަލުން އަނބުރާ ތަޅުމަށް ގެނައުމުން އިތުރުން ވޯޓަށް އަހައި އިލެކްޝަންސް ކޮމިޝަނަށް އިންތިހާބު ބޭއްވުމަށް އެންގުމާ ހަމައަށް މަސައްކަތް ކުރިއަށް ގެންދަން ރައީސް ނަޝީދު ވަނީ ނިންމަވާފައެވެ.
އެހެންނަމަވެސް ޕާޓީތަކުގެ މެންބަރުން މަޝްވަރާކޮށް ވާހަކަދެއްކުމަށް އެދިވަޑައިގެންފައިވާ ކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވަނީ މާދަމާ މުޅި ކޮމިޓީގެ މަސައްކަތް ކުރިއަށްގެންދަވަން ނިންމަވާފައެވެ. އެގޮތުން މާދަމާ ހެނދުނު 9 ޖަހާއިރު އެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.