އިންޑިއާގެ ޕަންޖާބުގައި ސިކުންގެ މިނިވަން ދައުލަތެއް އުފެއްދުމަށް ފާޅުގައި ވަކާލާތު ކޮށް ގިނަ މުޒާހަރާތެއް އިންތިޒާމް ކުރުމުގައި އިސް ދައުރެއް އަދާ ކުރި ސިކުންގެ ލީޑަރެއް ކަމަށް ވާ ހަރްދީޕް ސިންގް ނިއްޖާރު މަރާލި މައްސަލައިގެ ތުހުމަތު ކެނެޑާއިން ކުރަނީ އިންޑިއާގެ މައްޗަށެވެ.

ހަރްދީޕަކީ ކެނެޑާގެ ރައްޔިތުކަން އޮންނަ އިންޑިއާ މީހެކެވެ.

މި މައްސަލައިގައި ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުގައި ބަހުސް ކޮށްފައި ވާ އިރު، އެގައުމުގެ ބޮޑުވަޒީރު، ޖަސްޓިން ޓްރޫޑޯ ވިދާޅުވީ، އޭނާ މަރާލުމުގައި އިންޑިއާގެ އަތެއް ވާ ކަމުގެ ހެކި ލިބިވަޑައިގެންފައި ވާ ކަމަށެވެ.

ހަރްދީޕް މަރާލީ އޭނާ ދިރިއުޅޭ ބްރިޓިޝް ކޮލަމްބިއާގެ ފައްޅިއެއްގެ ބޭރުގައި މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ވެހިކަލްގައި އިންދާ މޫނު ނިވާކޮށްގެން ތިބި ދެމީހަކު އޭނާގެ ގަޔަށް ބަޑިޖަހައެވެ.

ޓްރޫޑޯ ވިދާޅުވީ، އެ މައްސަލަ ނިމިދިޔަ ޖީ20 ސަމިޓުގައި އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވާ ވެސް ނެންގެވި ކަމަށާއި، ކެނެޑާގެ ރައްޔިތަކު ކެނެޑާގެ ބިމުގައި ބޭރު ގައުމެއްގެ ބައިވެރިވުމާއެކު މަރާލުމަކީ އިސްތިގުލާލަށް އަރައިގަތުން ކަމަށް ދެންނެވި ކަމަށެވެ.

މި މައްސައިގައި އިންޑިއާއިން އިތުރަށް ރުޅިގަދަވީ، ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުގައި އެމައްސަލައިގެ ބަހުސް ހިނގާ އިންޑިއާ އަށް ބޮޑެތި ތުހުމަތުތަކެއް އަމާޒު ކުރުމުންނެވެ.

އިންޑިއާއިން ބުނީ، ކެނެޑާއިން ފަތުރަނީ އެއްވެސް އަސާސެއް ނެން ދޮގު ވާހަކަތަކެއް ކަމަށާއި، ހަރްދީޕް މަރުވުމުގައި އިންޑިއާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.

އިތުރަށް ބުނީ، ކެނެޑާގެ އިމުގެ ތެރޭގައި އިންޑިއާ އާ ދެކޮޅަށް ހިންގާ ހުރިހާ ހަރަކާތެއް ވަގުތުން ބަލައި ގާނޫނި އިމުގެ ތެރެއިން ފިޔަވަޅު އެޅުމަށް ވެސް ގޮވާލާ ކަމަށެވެ.

ހަރްދީޕުގެ މަރުގެ މައްސަލައިގައި އިންޑިއާ އާއި ކެނެޑާ އާ ދެމެދު ގުޅުން ގޯސްވެފައި ވާ އިރު، އަންނަ މަހަށް ތާވަލު ކުރި ދެގައުމުގެ ވިޔަފާރީގެ ބައްދަލުވުންތަކެއް ވެސް މިހާރު ވަނީ ކެންސަލް ކޮށްފައެވެ.

އިންޑިއާއިން ތުހުމަތު ކުރާ ގޮތުގައި، ވަކިވެގަތުމަށް މަސައްކަތް ކުރާ ސިކުންނަކީ ޓެރަރިސްޓުންނެވެ. އަދި އެމީހުންނަށް ކެނެޑާއިން ހިމާޔަތް ދޭ ކަމަށާއި، އެއީ އިންޑިއާގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ސިކުން ވަކި ސަރުކާރެއް އުފެއްދުމަށް މަސައްކަތް ކުރާތާ ކިތަންމެ ޒަމާނެއް ވެއްޖެއެވެ. އިންޑިއާގެ އަތް ދަށުން ޕާކިސްތާން ވަކިވި ގޮތަށް ސިކުން މަސައްކަތް ކުރަމުން ގެންދަނީ 'ހާލިސްތާން' ގެ ނަމުގައި ވަކި ދައުލަތެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިންޑިއާގެ ސަރުކާރުން ސިކުންގެ މަސައްކަތް ހުއްޓުވައި އަސްކަރީ ބާރާއެކު ޕަންޖާބުގެ ކަންކަން ދަނީ މޮނިޓާ ކޮށް ބަލަހައްޓަމުންނެވެ.