އަހަރެން ކުރަމުން ދިޔަ ހިތާމައިގެ އަސްލަކީ މީކް ކަމުގައި ނަޒީފް ގަބޫލު ކުރިއެވެ. ގޭތެރޭގެ ހާލަތު މިހާ ގޯސްވެފައި ވަނިކޮށް ނަޒީފަށް ހަގީގަތް ކިޔައިދޭނެހާ ހިތްވަރު އަހަރެންނަށް ދެންވެސް ނުލިބުނެވެ.
މަޑުމަޑުން ޖެހިގެން އައި ދެތިން ދުވަސް މާޒީގެ ތެރެއަށް ފުރޮޅިގެން ހިނގައްޖެއެވެ. ފާއިތުވެގެން ދިޔަ ކޮންމެ ދުވަހެއް ނިމިގެން ދިޔައީ ގޭތެރެއިން ދިރުން ނެތް ހާލުގައެވެ. އާޝިއާ އަދި ރީނާ އާއި ޝަނާވެސް ގިނަ ވަގުތު ހޭދަކުރަމުން ދިޔައީ އެމީހުންގެ ކޮޓަރި ތަކުގައެވެ. ތޮލާލު އޭނަގެ ކޮޓަރިއަކުން ނުނުކުމެއެވެ. ދިމާވި ހާދިސާއަށް ފަހު ފާތިމާ ގަދަ ހުމެއްގައި ޖެހި ހާލަތު އިތުރަށް ވީ ގޯހެވެ. ނަޒީފްވެސް ގިނަ ވަގުތު އޮންނަނީ އެނދުގައެވެ. ހިނގައި ދިޔަ ހާދިސާއާ ގުޅިގެން އެންމެންވެސް ކުށްވެރިކުރީ އަމިއްލަ ނަފްސެވެ. އެ އެންމެންގެ ކުރިމަތިން މީކް ގޮސް މޫދަށް އެރުނު އިރު އެމީހުންނަށް ނުފެނި ދިއުމަކީ ބޮޑުވަރެވެ. މީކްގެ ނިމިދިއުން ހަމަލޮލަށް ފެނިފައި އޮތުމުން ކުދިންވެސް ތިބީ ސިހުމެއްގައެވެ. ހާއްސަކޮށް މިސްކުއަށް ކުރި އަސަރު ބޮޑެވެ. ނިދީގައި ސިހިގެން ހޭލެވި މިސްކު ރޯން ނުފަށާ އެންމެ ރެއެއް ނުދެއެވެ. އެންމެނާއި ހީހީފަ ވާހަކަ ދައްކަމުން ދިޔަ މިސްކު ހުންނަނީ ބަސްހުއްޓި ނެގިމަޑުވެފައެވެ.
"ހިތަށް އަރާ ނާދެވުނު ނަމައޭ. އަހަރެން ކިހިނެއް އެވާހަކަތަށް ނަޒީފަށް ކިޔައިދޭނީ. ކިތަންމެ ފަހަރު ބުނަން އުޅެފިން. އެކަމަކު މިގޭތެރޭގެ ހާލަތު މިހާ ގޯސްވެފައި ވަނިކޮށް އެވާހަކަ އަހަރެން ދައްކައިފިއްޔާ ދެން ނޭނގެ ވާނެ ގޮތެއްވެސް"
އަހަރެން ފޯނުން ވާހަކަ ދައްކަމުން ދިޔައީ ޒައިނާއާއެވެ. އަހަރެންނަށް ދިމާވި ހާލަތު އަހަރެންނަށް ހިއްސާކުރަން ކެރުނު ހަމައެކަނި މީހަކީ އެއީއެވެ. ޒައިނާއާއި ވާހަކަ ދައްކާ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބެއެވެ.
"އަހަރެންނަށް ފެންނަނީ ސުދާ ދެން މާލެ އަންނަން. ވީކަމެއް ވެ ނިމުނީ. އެރޭ ހިނގާދިޔަ އެއްވެސް ކަމެއް މިސްކު ހަނދާން ނެތްކަންވެސް އެއީ ކިހާބޮޑު ނަސީބެއް. ސުދާއަށް ތޮލާ ޖެއްސި ހާލު ކިޔައިދިނަސް ނޭނގެ ގަބޫލު ކުރާނީ ކިތައް މީހުން ކަމެއް. ތެދެއްތޯ އަހަންވެސް ހުރީ މިސްކު. އޭނައަށް ނޭނގެ ކަމެއް ހިނގި ކަމެއްވެސް. އަނެއްކޮޅުން މިސްކުއަކީ ތޮލާގެ ދަރިއެއްކަން އެނގިއްޖިއްޔާ ނަޒީފްވެސް ނޭނގެ ހަދާނެގޮތެއް. އޭނަ ހީކޮށަގެން އެހުންނަނީ މިސްކު ބައްޕަ މި ދުނިޔޭގަވެސް ނެތީ ކަމަށް"
ޒައިނާވެސް ދެއްކީ މުޅިއަކުން ދޮގު ވާހަކައެއް ނޫނެވެ. އަހަރެން އެފޯނު ކޯލު ކުރުކޮށްލީ ނިދީ ތެރެއިން މިސްކު އަޑެއް ލައްވާލުމުންނެވެ. މިސްކުގެ ބޮލުގައި ފިރުމަމުން ދިޔަ ވަގުތު ނަޒީފް އައިސް ކޮޓަރިއަށް ވަނެވެ.
"އަހަރެން ބޭނުމީ މާލެދާން."
ފާހާނައިން ނުކުމެ ނަޒީފް އައިސް އެނދުގައި އޮށޯވެލުމުން އަހަރެން ބުނީމެވެ.
"ނޫނޭ. މަންމަ ހަމައަކަށް އެޅިލީމަ މާލެ ދާނީ. އެބަ ހިތައް އަރާ މާދަމާ މަންމަ ގޮވައިގެން އަތޮޅު ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާލަން ދާން. މިވަގުތު އަހަރެމެން ފުރައިގެން މާލެ ގޮއްސިއްޔާ ގޭތެރެ އިތުރަށް ވާނީ ފަޅު."
ނަޒީފް މާލެ ދާން ހެދީ ދެކޮޅެވެ. ފާތިމާގެ ހާލަތު އަހަރެންނަށް ވެސް ވިސްނެއެވެ.
"އަހަރެންވެސް ދާނަން ނަޒީފާ އެކު"
ތޮލާލު މަތިން ހަނދާންވުމާއި އެކު އަހަރެންގެ ހިތުގެ ތެޅުން އަވަސްވިއެވެ.
"ކީއްކުރަން. ފެރީގަ ދާން ޖެހޭނީ ކަނޑުމަތީ ދެގަނޑީރު ވާނެ. އާދެވޭ އިރު ހުންނާނީ އަސުރަށް ގޮވާފަ. މިސްކު ގޮވައިގެން ސުދާ މިކޮޅު ހުރިއްޔާ މާ ރަނގަޅުވާނެ."
އަހަރެން އެތަށް ވާހަކައެއް ދައްކައިގެންވެސް ކަމެއް ނެތި އަހަރެންނާއި މިސްކު އެ ދަތުރުގައި ބައިވެރި ކުރަން ނަޒީފް ބޭނުމެއް ނުވިއެވެ. އަހަރެންނަށް މަޖުބޫރުވީ ހަތިޔާރު ބަހައްޓާށެވެ.
ޖެހިގެން އައި ދުވަހު ނަޒީފް، ފާތިމާ ގޮވައިގެން ފުރިއެވެ. ނަޒީފަށް އާދެވޭނީ ހަވީރުންކަން އަހަރެންނަށް އެނގެއެވެ. އަހަރެންނަށް ހުރެވުނީ ވަގުތު ގުނާލަ ގުނާލައެވެ. ގޭތެރެއިން ތޮލާލު ނުފެންނާތީ އަހަރެން ހިތްހަމަ ޖެހުނެވެ. މެންދުރު ނަމާދަށް ގޮވުމުން ނަމާދު ކޮށްލައިގެން ހީރުއާއި އެކު މިސްކު ގޮސް ވަނީ ރީނާގެ ކޮޓަރިއަށެވެ.
ކޮޓަރި ފޮޅާލާ ސާފުކޮށްލުމަށްފަހު ނަޒީފް އަންނަން ވާއިރަށް އަހަރެން ބަދިގެއަށް ވަނީ މީރު ކާއެއްޗެއް ރޯ ފިލުވާލުމުގެ ނިޔަތުގައެވެ. އޭރު އެންމެން ގޮސް ތިބީ އާޝިއާގެ ކޮޓަރީގައެވެ. ކުދިންތަށް ހީ އަޑުގަދަ ކުރާ އަޑު އަހަރެން ހުރި ހިސާބަށް ކޮންމެވެސް ވަރަށް ދިޔައީ އިވެމުންނެވެ. ދުވަސް ތަކަކަށްފަހު ކުދިވެރިން މަޖާ ކުރާ އަޑު އިވުމުން އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އާޝިއާގެ ކޮޓަރި ހުންނަނީ ގެއާ ވަކިން ގޯތިތެރޭގައި ކަމުން އެވަގުތު ގޭގައި ހުރީ އަހަރެން އެކަންޏެވެ. ތޮލާލަށް އަހަރެން ނުފެނޭތޯ އަހަރެން ހުރީ ދުޢާކޮށްލަ ކޮށްލައެވެ.
އަތްމަތި އަވަސް ހަރަކާތް ތަކާއިއެކު އުނދުން މައްޗަށް ފެން ތެއްޔެއް އުދާލުމަށްފަހު އަހަރެން ތިރިވީ ފުށްބާލިދީ ކައިރިއަށެވެ. އެވަގުތު ގޭގެ ބޮޑުދޮރު ލައްޕާލި އަޑު އަހަންނަށް އިވުނެވެ. އަހަރެންނަށް ބަލާލެވުނީ ބަދިގެ ދޮރާ ދިމާލަށެވެ. ބެލްޓެއް އަތަށް އޮޅާލައިގެން އައިސް ދޮރުމަތީ ހުއްޓުނު ތޮލާލު ފެނުމުން އަހަރެންނަށް ހުރެވުނު ތަންވެސް ނޭގުނެވެ. ބިރުން އަހަރެންގެ ގައިން ދިޔައީ ފެން ހިކިގެނެވެ. އަހަރެންނަށް އިންތަނުން ނުތެދުވި އުޅެނިކޮށް ތޮލާލު އައި ގޮތަށް އައިސް އަހަރެންގެ ބުރުގަލާއި އެކު ބޮލުގެ އިސްތަށިގަނޑު އޭނަގެ އަތަށް އޮޅާލިއެވެ. އަހަރެންގެ ނޯށުގައި ފުރަތަމަވެސް ޖެހުނީ ތޮލާލު ގައިން ދުވަމުން ދިޔަ ރަލުގެ ނުބައި ވަހެވެ. އަހަރެންނަށް ރޮއެގަނެވުނީ ވީ ތަދުންނެވެ.
"އައްދޯތް. ކަލެއަށް ކީތްތަ އިރުއިރު ކޮޅާ ތިވަނީ"
"ތީ ހާދަ ދޫ ނުބައި އަންހެނެކޭ."
އިސްތަށިގަނޑުގައި ހިފާ އަހަރެން ކޮޅަށް ނެގުމަށްފަހު ތޮލާލު އަހަރެންގެ އަނގައިގެ ދެފަރާތުން ހިފާ ފިއްތާލީ އެއްވެސް ރަހުމެއްނެތިއެވެ.
"ކަލޭގެ ދުލުގެ ވިހަ މަގޭ ދަރިއަށް ޖައްސާފަ ހީކުރީ ކަލޭމެން ދެމީހުން އުފަލުގަ އުޅޭތަން ދެކެން މަ ހުންނާނެ ކަމަށްތަ. މަ ބުނިންދޯ ކަލޭ ކައިރީ ވަރިވާށޭ. މަގޭ ހައްގެއް ތީ. އެނގިއްޖެތަ؟"
އައިސްފައި ހުރި ރުޅިންނާ ބޮއެގެން އެހުރި އެއްޗެއްގެ މަސްތުގައި ތޮލާލު ހުރީ ހަމައިން ނެއްޓިފައެވެ. އަހަރެން ބަދިގެ ތެރެއަށް ވައްޓާލުމަށްފަހު ތޮލާލު ކޮޅުފައިން ޖެހީ އަހަރެންގެ ބުރަކަށި މަތީގައެވެ. ވީ ތަދުން އަހަރެންގެ ހެޔަށްވެސް ދިޔައީ ގޮތްވެގެނެވެ.
"ނިދާފަ އޮތް ކުއްޖެއް އެއީ. އެކަކަށް ނޭގުނަސް މަށަށް އެނގޭ ކަލޭ ކުރި ބަދުދުޢާ މަގޭ ދަރިއަށް ޖެހުނުކަން"
ކޮޅުފައިން ޖެހުމަށްފަހު ރަހުމެއްނެތި ދެން ތޮލާލު އަހަރެން ގައިގަ ތަޅައިގަތީ ބެލްޓުންނެވެ. އަހަރެންގެ ގައިން ދިޔައީ ހޫނު ދިލަ އަރައިގެނެެވެ. އަހަރެންގެ ރުއިމާ ހަޅޭކުގެ އަޑު ގަދަވާން ފެށުމުން ތޮލާލު ހިފީ އަހަރެން ކަރުގައެވެ. އަހަރެންގެ ނޭވާ އަރުބުޑުގައި ބެދިގެން ދިޔައެވެ. ތެޅިގަނެވުނީ އެއަތް ދަށުން ސަލާމަތް ވާށެވެ.
"ކަލެއަށް މަ މާފް ކުރާނެ ދެން އޮތީ އެންމެ ގޮތެއް. ކަލޭ ޖެހޭނީ ވަރިވަން. ކަލޭ އިންނަން ޖެހޭނީ މަށާ. ކަލޭމެން ދެމީހުން މާލެ ދިޔަސް މަ ދާނަން ފަހަތުން. މިސްކު އެއީ މަގޭ ދަރިއެއް. އޭނަ ބައްޕަ ކިޔަން ޖެހޭނީ މަށަށް."
އަހަރެންނަށް އަނިޔާކޮށްލެވުމުން ލިބުނު ހިތްހަމަ ޖެހުމާއެކު އަހަރެންގެ ކަރުން ދޫކޮށްލުމަށްފަހު ތޮލާލު ކޮޅަށް ތެދުވިއެވެ. އަހަރެން ދުރަށް ޖެހުނީ މައި ނޭވައި ލަމުންނެވެ. އެއީ ތޮލާލު އެފަދައިން އަހަރެންނަށް އަނިޔާ ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނަގެ ދަރިއަކަށް އަހަރެން ބަލިވެ އިންކަން އެނގުނު ދުވަހުވެސް ތޮލާލު އަހަރެންނަށް ކުރީ އަނިޔާއެވެ. އަހަރެންނަށް ވެފައިވާ ވަރު ފެނުމުން ތޮލާލު އަހަރެންގެ މޫނަށް އިނގިލި ދިއްކޮށްލުމަށްފަހު ދާން ހިގައިގަތެވެ.
"ތީ ވަގަށް އައިސް ނިކަމެތި އަންހެނަކަށް އަނިޔާ ކުރާ ބޮޑު ރަނޑު ފިނޑިއެއް."
އަޅަމުން ދިޔަ ދިލަ ވޭނުގެ ތެރެއިން ރުޅިވެރިކަމުގެ ބާނިތަށް އަހަރެންގެ ހިތުތެރޭ ކެކި އަރަމުން ދިޔައެވެ. އެނބުރި ތޮލާލު ބަލާލީ އަހަރެންގެ ދެލޮލަށެވެ.
"ކަލޭ މަ މަރާލިޔަސް ކަލެއަށް އަހަރެންގެ ރުހުމުގައި ދުވަހަކުވެސް ދެން މަގޭ ގައިގަ އަތެއް ނުލެވޭނެ. "
"ދެދުވަސް ކަލެއަށް މިދެނީ. ވަރިނުވެއްޖިއްޔާ ކަލެއަށް ދެން މަ ދައްކާލީ ވަޅީގެ ތޫނުކަން."
އަހަރެން ގަދަކޮށްލަން އުޅުމުން ތޮލާލު އަހަރެން ބޮލުގައި ހިފާ ކޮޅަށް ނެގުމަށްފަހު އަހަރެންގެ މޫނަށް އިނގިލި ދިއްކުރަމުން ބުނެލިއެވެ. ބޮލަށް ވަމުން ދިޔަ ތަދުން އެވަގުތު އަހަރެންނަށް ހުރެވުނީ ދެލޯ މަރައި ބާރުކޮށްގެނެވެ. އަހަރެން ކޮޅަށް ނެގުމަށްފަހު ތޮލާލު އަހަރެން ކޮއްޕާލީ އުދުނާ ދިމާލަށެވެ. އަހަރެންގެ އަތް ޖެހުނީ ކެކިކެކި ހުރި ފެން ތެލީގައެވެ. އަތުން ނަގަމުން ދިޔަ ދިލައާއި އެކު ތެލީގެ އުޅަށްގަނޑުގައި ހިފިގޮތަށް އަހަރެން އެނބުރި ކެކިކެކި ހުރި ފެންތެލި ތޮލާލުގެ ގަޔަށް ޖެހީމެވެ. ތޮލާލު ތެޅި ފޮޅެން ފެށީ ހަޅޭލަވައި ގަންނަމުންނެވެ. އަހަރެންނަށް ކުރެވުނު ކަމެއް ވިސްނުނު އިރު ކަންވެ ނިމިއްޖެއެވެ. ބިރުން އަހަރެންނަށް ދުއްވައިގަނެވުނީ ބޭރަށެވެ. ނަގައިގަތް ދިލަ ހޫނަށް ކެތްނުކުރެވި ހަޅޭލަވަމުން ތޮލާލު ދުވެފައި ނުކުތީ ގެއިން ބޭރަށެވެ. އެމަންޒަރު ފެނުނީ ކޮޓަރި ފޮޅަމުން ނުކުތް އާޝިއާއަށެވެ. އާޝިއާ ހަޅޭލަވައިގަތް އަޑަށް ޝަނާއާއި ރީނާ އަދި ކުދިވެރިން ވެސް ބޭރަށް ނުކުތެވެ. އޭރު ތޮލާލު އޮތީ ގޯތި ތެރޭ ހުރި ޖޯލިފަތި ކައިރިއަށް ވެއްޓިފައެވެ. ކޮޓަރިއަަށް ވަދެ ތަޅުލިގޮތަށް އަހަރެންނަށް އަޑުން އަޑުނަގާ ރޮއެގަނެވުނެވެ. އަހަރެންނަކީ ހިންޏެއް މަރާލަންވެސް ނުކެރޭ މީހެކެވެ. ކުއްލިއަކަށް އަހަރެންނަށް އެފަދަ ހިތްވަރެއް ލިބުނީ ކިހިނެއް ކަމެއް އަހަރެންނަކަށް ނޭނގުނެވެ. އަހަރެން ބޮލުގައި ދެއަތް އަޅައިގެން ރޯން ހުއްޓައި މިސްކުއާއި ހީރު އައިސް ދޮރުގައި ތަޅައިގެންފިއެވެ.
"ދޮންބެދައްތާ ކުޑަބެ ފިހިއްޖެ."
ހީރު ބާރު އަޑުން ގޮވާލިއެވެ. ނަމަވެސް ދޮރުހުޅުވާކަށް އަހަރެންނަކަށް ނުކެރުނެވެ. އަހަރެން ބޭރަށް ނުނުކުތުމުން ހީރުއާއި މިސްކު ދުވެފައި އެނބުރި ދިޔައެވެ.
ތޮލާލު ގޮވައިގެން އެންމެން ދިޔައީ ހޮސްޕިޓަލަށެވެ. އަހަރެން ދޮރުބުޑަށް ޖެހިފައި އިންނަތާ އެތަށް އިރެއް ވީފަހުން ނަޒީފް އައިސް ދޮރުގައި ޓަކި ދިނެވެ.
"ސުދާ.. ސުދާ ދޮރު ހުޅުވަބަލަ."
ނަޒީފް ގޮވަން ފެށުމުން އަހަރެންނަށް މަޖުބޫރުވީ ދޮރުހުޅުވާށެވެ. އަވަސް އަރާފައި ހުރި ނަޒީފް ކޮޓަރި ތެރެއަށް ވަދެގެން ދިޔައީ އަހަރެން ހުރި ހާލު ނުފެނިއެވެ.
"ކުޑަބެ ފިހިގެން އެ އުޅެނީ. ދޮންތަ ގުޅީމަ ލޯންޗެއް ހިފައިގެން އަހަރެމެން މިއައީ. މޭމަތިން ތިރިއަށް އެކީއެކަށް އެބައޮތް ފޮޅު އަރާފަ. އެންމެން އެތިބީ ހޮސްޕިޓަލުގަ. އަތޮޅު ހޮސްޕިޓަލަށް ފުރަން މިއުޅެނީ އޭނަ ގޮވައިގެން. މަށަށް ހީވަނީ ކޮފީ ގިރަންހެން އޭނަ އުޅުނީ. ފެންކައްކާ ޖަގު ހުރީ ހަލާކުވެތަ؟"
ނަޒީފް ދެތިން އަންނައުނެއް ނަގާ ދަބަހަށް އަޅަމުން އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަރެން ހުރި ހާލު ފެނުމުން ނަޒީފް ދިޔައީ ހުއްޓުން އަރައިގެނެވެ. އަހަރެންގެ ފައިން ފެށިގެން ނަޒީފްގެ ނަޒަރު ދޫކޮށްލީ އަހަރެންގެ ދެލޮލަށެވެ.
އަހަރެން އައިސް ނަޒީފްގެ ކުރިމަތީ ހުއްޓުނުއިރު އަހަރެންގެ މުޅި ހަށިގަނޑު ރޫރު އަޅައެވެ. ރޮއެރޮއެ އަހަރެންގެ ދެލޯ ހުރީ ރަތްވެ ދުޅަވެފައެވެ. ލޮލުން ފައިބަމުން ދިޔައީ ހިފެހެއްޓުމެއް ނެތް ކަރުނައެވެ. ވީ ކީއްތޯ އަހާލަންވެސް ނޭނގިފައި ހުރި ނަޒީފްގެ މޭގައި އަހަރެންނަށް ލައްވެލެވުނީ ހިމާޔަތަށް އެދެމުންނެވެ.
"ސުދާ.. މީ..."
"ދޮންބެ މަންމަ ބުނީ އަވަހަށް...."
ކޮޓަރިއަށް ވަތް އާޝިއަށް ފެނުނު މަންޒަރުން ފުރަތަމަ މޫނު އަނބުރާލީ އެކޮޓަރިން ނުކުންނާށެވެ. ނަމަވެސް އަހަރެންގެ ހިތްދަތި ރުއިމުގެ އަޑު އިވުމާއެކު އާޝިއާ ފަސްއެނބުރި ބަލާލިއެވެ.
"ކިހިނެއްވީ؟ "
އާޝިއާއަށް ލިބުނު ހައިރާން ކަމާއިއެކި އައިސް ހިފީ އަހަރެންގެ ކޮނޑުގައެވެ. އާޝިއާ ފެނުމުންވެސް އަހަރެންނަށް ނަޒީފް ގައިން އަހަރެންނަކަށް ދޫކޮށެއް ނުލެވުނެވެ. އަހަރެންގެ ރުއިމުގެ އަޑު ހިނދަކަށްވުރެ ހިނދެއް ދިޔައީ ބާރުވަމުންނެވެ. ފާއިތުވެ ދިޔަ ހަފްތާއެއްހާ ދުވަސް ތެރޭ ތޮލާލުގެ ދެއަތުން އަހަރެންނަށް ދިންހާ އަނިޔާ އެމީހުނަށް ކިޔާދޭނެހާ ހިތްވަރު އަހަރެން ގަޔަކު ނެތެވެ.
"ތި ސުވާލުގެ ޖަވާބު ދޮންތަ ދީބަލަ. މިގޭތެރޭ ކަމެއް ހިނގީތަ؟"
އަހަރެންގެ ހާލު ފެނި ނަޒީފްގެ ސިކުނޑި އޭރު ވަނީ ސުމަކަށް ގޮސްފައެވެ.
"ނޫން. އަހަރެންނަށް އެނގިގެން އެއްވެސް ކަމެއް ނުވޭ. މިގެއަށް މީހަކު ވަންތަނެއް ވެސް މަށެއް ނުދެކެން. މިސްކުއަށް އެނގިދާނެ. އެބަ އަންނަން...."
"ނޫން. މިސްކުއަށް ނާންގާތީ."
ބިރުން އަހަރެންނަށް ހިފުނީ ދާން ހިނގައިގަތް އާޝީއާ އަތުގައެވެ. އަހަރެން ރޯކަން އެނގިއްޖެނަމަ މިސްކުގެ ހާލު ގޯސް ވެދާނެއެވެ. އާޝިއާ ހިފެހެއްޓުމަށްފަހު އަހަރެން ގޮސް ކޮޓަރީގެ ދޮރުޖަހާ ތަޅުލީ މިސްކު އައިސް ކޮޓަރިއަށް ވަދެދާނެކަމަށް ބިރުންނެވެ.
"މިސްކުއަށް އެއްވެސް އެއްޗެއް އެނގެން އަހަރެން ބޭނުމެއް ނޫން."
އަހަރެން ގޮސް ހުއްޓުނީ އެދެމީހުންގެ ކުރިމަތީގައެވެ. އޭރުވެސް އަހަރެންގެ ދެލޮލުން ހިފެހެއްޓުމެއް ކަރުނަ ހިލެމުންދެއެވެ.
"އެހެންވިއްޔާ ބުނެބަލަ ކިހިނެއްތަ ވީ. އަނެއްކާ ދޮންބެދައްތަ އަތުންތަ ކުޑަބެގަޔަށް ފެންއެތި އެޅުނީ."
އާޝިއާއަށް ހީވި ހީވުމުގެ މައްޗަށް އަހާލިއެވެ.
"ތެދެއް؟ ސުދާ...."
"އެޅުނީކީ ނޫން. އަހަރެން ފެންއެތި ޖެހީ އޭނަ ގަޔަށް."
އަހަރެންގެ ދުލުން ބޭރުވި ލަފްޒު އަހަން ހުރި އާޝިއާ ދިޔައީ އަނގަހުޅުވިގެނެވެ. ނަޒީފަށްވެސް ލިބިގެން ދިއައީ ސިހުމެވެ.
"ލައްކަ ކެތްކުރިން ސިއްރުކޮށްގެން ހުރެވޭތޯ. އެކަމަކު މިއަދު އައިސް ބެލްޓުން ތަޅައިގަތީ އަހަރެން ބުރަކަށި މަތީގަ. "
ރޮމުން އަހަރެން ތެދު ހާމަ ކުރީމެވެ.
"ކުޑަބެތަ ތެޅީ.؟"
އާޝިއާއަށް އަހާލެވުނީ ހައިރާންވެ ގަބޫލު ކުރަން ދަތިވެފައެވެ. ނަޒީފް އަހަރެން ލައިގެން ހުރި ކުރުތާގެ ފަހަތުން ހިފާ މައްޗަށް އުފުލާލިއެވެ. އަހަރެންގެ ބުރަކައްޓަށް ވެފައި އޮތް ވަރު ފެނުމުން އާޝިއާއަށް ދެއަތް އެޅުނީ އަނގަމަތީގައެވެ.
"މީ ތޮލާލު ތަޅާފަތަ؟"
ނަޒީފްގެ އަޑު ދިޔައީ ބާރުވެގެނެވެ.
"މިސްކު ބައްޕަ އެއީ."
އެންމެނަށް ސިއްރު ކޮށްގެން އުޅުނު ބޮޑު ސިއްރު އަހަރެން އެންމެ ފަހުން ހާމަ ކުރީމެވެ. ނަޒީފް ހުއްޓުން އަރައިގެން ދިޔައިރު އާޝިއާ ދެއަތް އެޅީ އަނގަމަތީގައެވެ.
"ތޮލާލަކީ މިގޭ މީހެއްކަން އަހަރެންނަށް އެނގުނީ މިރަށަށް އައި ދުވަހު. އަހަރެން އެންމެ ފުރަތަމަ އޭނައާ ދިމާވީ ކޮލެޖުގަ އުޅުނު ދުވަސްވަރު. އަހަރެން ބަލިވެ އިނީމަ އޭނަ ބޭނުންވީ ދަރިފުޅު ވައްޓާލަން. ދުނިޔޭގެ ލަދަށް ފިލަން އަހަރެން ތޮލާލު ފުރަތަމަ ގެނައި ބޭސް ގުޅަ ކެއިން. އެކަމަކު ދަރިފުޅު ބައިގެން ނުދިޔަ. ދެން އަހަރެން ބޭނުންވީ ދަރިފުޅު ވިހަން. އަހަރެން ދަރިފުޅު ވައްޓާލަން އެއްބަސް ނުވީމަ އެދުވަހުވެސް ތަޅާ އަނިޔާކުރި. އެއީ އެންމެ ފަހުން އަހަރެންނަށް އޭނަ ފެނުނު ދުވަސް. ދަރިފުޅު ވިހާފަ އަހަރެން ވަރަށް ގުޅިން އޭނަ އަނބުރާ އާދޭތޯ. އެކަމަކު އޭނަ އަހަރެންނަށް ހަޑިވެގެން ނުކިޔާ އެއްވެސް އެއްޗެއް ނޯންނާނެ. މިސްކު ބައްޕަ ދުނިޔޭގަ ހުރިކަން އެނގޭ ހަމައެކަނި މީހަކީ ޒައި. ދެން ސުވާލު ކުރިހާ މީހެއް ކައިރީ އަހަރެން ބުނެފަ އޮންނާނީ އޭނަ މަރުވެއްޖެއޭ."
ރޮމުން ގިސްލަމުން އަހަރެން ކިޔައިދެމުން ދިޔަ ވާހަކަ އަޑުއަހަން އާޝިއާ އާއި ނަޒީފް ތިބީ ބަސްހުއްޓި ގަބުވެފައެވެ.
"އަހަރެން ހިތަށްވެސް ނާރާ އޭނަ އެއީ ނަޒީފްގެ ކޮއްކޮއަކަށް ވެދާނެ ކަމަކަށް. އޭނަ ހީކުރީ އަހަރެން މިރަށަށް އައީ އޭނަ ފަހަތުން ކަމަށް. އޭނަ އަލުން ވައިބަރ ގުރޫޕަށް ވަނީ އަހަރެންގެ ނަންބަރ ހޯދަން. އިންޒާރު ދޭން ފެށީ ނަޒީފް ކައިރިން ވަރިވެގެން މި އާއިލާއާ ދުރަށް ދާން. ބުނީ ތިމަންނަގެ ނުލަފާކަން ދައްކާލާނަމޯ ވަރިނުވެއްޖިއްޔާ. އަހަރެން ފާޅުގަ ދެކޮޅު ހެދިން. އެރޭ އަހަރުމެން ކުރި ޒުވާބު މަންމައަށް އަޑު އިވުނީ. މަންމައަށް ހުރިހާ އެއްޗެއްވެސް އެނގޭނެ. ޖެހިގެން އައި ދުވަހު އަހަރުމެން ދަތުރު ދިޔައީ. މަންމަ ތޮލާލަށް އެންގީ އަހަރެންނާ ދުރުގަ ހުރުމަށް. އެކަމަކު ނަޒީފް ހީހީފަ އަހަރުމެން ދެމައިން ގޮވައިގެން އުޅޭތަން އޭނަ ބަލަމުން ދިޔައީ ހަސަދަވެރިކަމާއި އެކު. އޭނަ ހިތުގަ އަދަނީ ނަޒީފައްޓަކާ އިންތިހާއީ ނަފްރަތު. އެދުވަހު ވަލަށް ވަދެ އަހަރެންގެ މޫނުމަތީގަ ޖަހާ އަނިޔާ ކުރީ އޭނަ. މަންމަ އެދުނީ ރަށަށް ދެވެންދެން ނަޒީފްއަށް އެވާހަކަ ސިއްރު ކޮށްދޭން. ޒާހިޔާއަށް އެނގިއްޖިއްޔާ މުޅި ރަށަށް އަހަރެން ފަޟީޙަތް ކޮށްލާނެއޭ މަންމަ ބުނީ. އަހަރެންވެސް މަންމަވެސް ނޭދެން ތޮލާލުއާއި ނަޒީފްގެ ހީނަރު ގުޅުން އިތުރަށް ހީނަރުވެދާކަށް. އެކަމަކު ހަގީގަތް ފޮރުވުނުކަން އެއީ އަހަރެންނަށް ހެދުނު އެންމެ ބޮޑު ގޯސް."
ތޮލާލުގެ އަތްދަށުވެ އަހަރެން ޝިކާރަ ވެގެން ދިޔަ އެ ހިތްދަތި ވަގުތު ކޮޅު އަހަރެންގެ ލޮލުގެ ކުރިމަތީ ސިފަވާން ފެށުމުން އަހަރެންނަށް އަނެއްކާވެސް ރޮވުނެވެ.
"އެރޭ އޭނަ ބޭނުންވި އަހަރެން އެކަހެރިކޮށް ވަލަށް ގެންދަން. އަހަރެން ނުދާނެކަން އެނގުނީމަ އެންމެން ކުޅިވަރުގައި ފޯރިގަދަވި ވަގުތު ބަލާފަ އޭނަ ފިލީ މިސްކު ގޮވައިގެން. ގުޅީމަ ބުނީ އެހެން މީހަކަށް އަންގައިފިއްޔާ މިސްކުގެ ހިޔަނިވެސް ދައްކާ ނުލާނަމޯ. އަހަރެން މިސްކު ހޯދަން ދިޔަކަންވެސް މަންމައަށް އެނގޭނެ. އެކަމަކު އެޚަބަރު ނަޒީފަށް ދޭން މަންމަވެސް ބިރުގަތީ ތޮލާލު އެހެން ބުނީމަ. އޭނަ އަހަރެން ގެންދަންވީ ހިސާބަށް އަހަރެންނަށް ދެވުނީމަ އަހަރެން ކައިރިއަށް އޭނަ އައީ ވަލުތެރެއަށް މިސްކު ފޮރުވާފަ. އަހަރެން ރޮއެ އާދޭސްކޮށް ސަލާންވެސްޖެހިން މިސްކު ވީ ތަނެއް ބުނުމަށް އެދި. އޭނަ އަހަރެންނަށް މިސްކު ދެއްކީ އޭނަ ބޭނުންވާ ކަންތައް ފުދުނީމަ. އަހަރެން.... އަހަރެން ރޭޕްކޮށްފަ."
"ޔާ ރައްބީ.. ދޮންބެދައްތަ ކީކޭ ތިކިޔަނީ. އެބަ އެނގޭތަ ތިކިޔޭ އެއްޗެއް؟"
އާޝިއާ އަހަރެން ކޮނޑުގައި ހިފާ އޭނައާ ދިމާލަށް އަނބުރާލީ އަޑު ބާރު ކޮށްލަމުންނެވެ.
- ނުނިމޭ
ކީއްވެ މި ވާހަކައިގެ އެޕިސޯޑު 7 ނާންނަނީ ވަރަށް ކިޔާހިއްވޭ