އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ އިހުމާލުން އައްޑޫ ޒުވާނަކު މަރުވި ކަމަށް ބުނެ އާއިލާއިން ތުހުމަތު ކުރުމާއެކު ގިނަ ބައެއްގެ ފަޑުކިޔުންތައް އެ ހޮސްޕިޓަލަށް އަމާޒުވެއްޖެއެވެ.
އިއްޔެ އޭއީއެޗްގައި ފަރުވާދެމުން ދަނިކޮށް މަރުވީ ސ. މަރަދޫފޭދޫ، ނޫރަންމާގެ މުހައްމަދު ނިޝާމް އަބްދުލް ގާދިރެވެ. މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ނޭވާލާން އުނދަގޫ ވެގެން ނިޝާމް އަށް އެންމެ ފުރަތަމަ ފަރުވާ ދީފައި ވަނީ މަރަދޫ ސިއްހީ މަރުކަޒުގައެވެ. އަދި އޭނާ މަރުވެފައި ވަނީ އޭއީއެޗްގައި ފަރުވާދެމުން ދަނިކޮށް މި މަހުގެ 18 ވަނަ ދުވަހުއެވެ.
ނިޝާމްގެ ދައްތަ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އޭނާގެ ކޮއްކޮ ހޮސްޕިޓަލަށް ގެންދިޔައީ މެޔާއި އަދި ފުއްޕާމޭގައި އިންފެކްޝަން ހެދުމާ ގުޅިގެން ނޭވާލާން އުނދަގޫވެ އޮކްސިޖަން ނުހިފެހެއްޓޭތީ ކަމަށެވެ. މަރަދޫ ސިއްހީ މަރުކަޒުން ނިޝާމް، އޭއީއެޗް އަށް ޓްރާންސްފާކޮށް އެމަޖެންސީގައި ނެގި އެކްސްރޭ އިން އޭނާގެ ފުއްޕާމޭގެ އެއްފަޅީގައި އިންފެކްޝަން ހެދި ހަލާކުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ބުނެފައިވާ ކަމަށެވެ.
އެވަގުތުވެސް އޭނާ ނޭވާނުލެވިގެން 'ތެޅެމުން' ދިޔަ ކަމަށާ، އެހެންނަމަވެސް އެމަޖެންސީ ރޫމުން އައިސީޔޫ އާ ހަަމައަށް އޭނާ ގެންދިޔަ އިރު އޮކްސިޖަން ގުޅާފައި ނުވާކަމަށް އެ ޕޯސްޓްގައި ވަނީ ބުނެފައެވެ. އަދި ޕޯޓަބަލް އޮކްސިޖަން މެޝިނާ ނުލައި އައިސީޔޫ އަށް ބަދަލު ކުރި އިރުވެސް އޭނާގެ ހާލު ވަރަށް ގޯސްވެފައި ވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
އިތުރަށް އާއިލާއިން ބުނީ މި މައްސަލައިގައި ހޮސްޕިޓަލުން ހަމައެކަނި 'ދޮގު ބަޔާނެއް' ނެރެލުމަށް ފަހު، އިހުމާލު ފޮރުވުމަށް، ނިޝާމް އަށް ދިން ފަރުވާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ވިނަވި ޕޯޓަލް އަށް އަޕްޑޭޓް ނުކުރުމުން ނުނިމޭނެ ކަމަށެވެ.
ނިޝާމް އަށް ފަރުވާ ދިނުމުގައި އޭއީއެޗްގެ އިހުމާލު ބޮޑުކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުން އަންނަ އިރު، އޭއީއެޗް އިން ނެރުނު ބަޔާނުގައި ބުނީ ހޮސްޕިޓަލުން އޮކްސިޖަން ހުސްވުމާ ގުޅިގެން ބަލިމީހަކު މަރުވިކަމަށް ސޯޝަލް މީޑީއާގައި ފަތުރާ ހަބަރަކީ ހަގީގަތާ ހިލާފު ހަބަރެއް ކަމަށެވެ. އަދި އެ ހޮސްޕިޓަލުން އޮކްސިޖަން ހުސްވެފައި ނުވާކަމަށާއި އޮކްސިިޖަން ނުލިބުމުގެ ސަބަބުން ބަލި މީހަކު މަރުވެފައި ނުވާ ކަމަށެވެ. އޭއީއެޗް އަކީ ސެންޓްރަލް އޮކްސިޖަން ސިސްޓަމްގެ އިތުރުން ބެކަޕް އޮކްސިޖަން ބޭންކެއްވެސް ތަރައްގީ ކުރެވިފައި ވާ ތަނެއްކަން ފާހަގަކޮށް އޭއީއެޗް އިން ބުނީ އޮކްސިޖަން ލިބުމުގައި އެއްވެސް ދަތިކަމެއް ދިމާ ނުވާ ކަމުގެ ޔަގީންކަން ދޭކަމަށެވެ.
މީގެ އިތުރުން އެ ހޮސްޕިޓަލުން ބުނީ ކަމުގެ ހަގީގަތް ބެލުމެއް ނެތި ފަތުރާ ހަބަރުތަކުގެ ސަބަބުން، އެ ހޮސްޕިޓަލަށް ރައްޔިތުން ކުރާ އިތުބާރަށް އަސަރުކުރާ ކަމަށެވެ.