އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އިހުމާލުން މީހެއްގެ އެއް ލޮލުގެ ފެނުން ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
އޭއީއެޗް އިން އައްޑޫ ސިޓީ ފޭދޫ ކީރަންމާގެ، އަބްދުﷲ އިބްރާހީމް (86އ) ގެ ލޮލުގެ ފުސް ކެހުމަށް އޮޕަރޭޝަންކޮށްފައިވަނީ މި ދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. މީގެ ކުރިންވެސް މާލޭ، އައިކެއާއިން އެއް ލޮލުގެ ފުސްކަހާފައިވާއިރު، އެ ފަހަރު އެއްވެސް މައްސަލައެއް ދިމާވެފައެއް ނުވެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އަބްދުﷲ އިބްރާހީމްގެ އާއިލާއިން ބުނީ އެންމެ ފުރަތަމަ އަބްދުﷲ އޭއީއެޗްއަށް ދެއްކީ ލޮލުގެ ފުސް ކެހުމަށް ކަމަށާއި އޭނާއަކީ ނޭވާ ހިއްލުމުގެ މައްސަލަ ދިމާވާ މީހަކަށްވުމުން ސިއްހީ ހާލަތުގެ ހުރިހާ މައުލޫމާތެއް ޑޮކްޓަރާއި ހިއްސާކޮށްފައިވާނެކަމަށެވެ. ލޮލުގެ އޮޕަރޭޝަން ކުރުމަށް، އޮޕަރޭޝަން ޑޮކްޓަރުގެ ސޮއި ލިބި ހުރިހާ ކަމެއް ހަމަޖެހުމުން 29 ސެޕްޓެމްބަރު ދުވަހު 12:50 ހާއިރު އޮޕަރޭޝަނަށް ވެއްދިކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް 30 މިނިޓް ތެރޭގައި ނިމޭ، އެ އޮޕަރޭޝަންގެ ވަގުތު ދިގުދެމިގެން ދިއުމުން އާއިލާއިން ކަންބޮޑުވިކަމަށާ، އޮޕަރޭޝަން ނިމުނީ އެ ދުވަހު 14:57 ހާއިރުކަމަށް އާއިލާއިން ވަނީ ބުނެފައެވެ." އޮޕަރޭޝަން ނިމި ބޭރަށް ނިކުމެވެސް ޑޮކްޓަރު އާއިލާ އާއި އެއްވެސް ވާހަކައެއް ހިއްސާނުކުރޭ. ދެން އަޅުގަނޑުމެން ބައްޕަ ކައިރިއަށް ދިއުމުން އެތަނުގައި ހުރި ނަރުސް ސުވާލުކުރީ ހުރިހާ ވާހަކައެއް ޑޮކްޓަރު ހިއްސާކުރިތޯ ޑޮކްޓަރު އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާތީ، ނަރުސް ކައިރިން އެހުމުން އެނގުނީ މައްސަލައެއް ދިމާވިކަން" އާއިލާއިން ބުންޏެވެ.
އާއިލާއަށް އަބްދުﷲ ގެ އޮޕަރޭޝަންގައި މައްސަލައެއް ދިމާވިކަން އެނގުނު ވަގުތު ޑޮކްޓަރު ޝިފްޓް ނިންމާ ގެއަށް ގޮސްފިއެވެ. އާއިލާއިން މައްސަލަ ޖައްސާ ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުން ޑޮކްޓަރަށް ގުޅައިގެން ވާހަކަދެއްކުމުގެ ފުރުސަތު ލިބުނެވެ. " ޑޮކްޓަރު ވިދާޅުވި ބައްޕަގެ އޮޕަރޭޝަންގަ މައްސަލަތަކެއް ދިމާވި ވާހަކަ. ބައްޕަގެ ނޭވާ ހާސްވިކަން ވެސް އެގުނީ އެހާ ހިސާބުން. ވަގުތުން ސުވާލުކުރިން ބައްޕަގެ ލޮލަށް ދެން ފެންނާނެތޯ؟ ޑޮކްޓަރުގެ ޖަވާބަކީ ރަނގަޅުވެގެން ނޫންހޭ ފެންނާނީ. އަދި މިހާވަރުން ނިމުނީ އެއް ނޫން. އާއިލާއިން އެތައް މައްސަލައެއް ޖައްސައިގެން ފަހުން ބުނީ އޮޕަރޭޝަން ތެރޭގައި ޑޮކްޓަރު އަތުން ލޮލުގެ މެމްބްރައިން ކަނޑައިގެން ދިޔަ ވާހަކަ. އެ ވާހަކަވެސް ފުރަތަމަ ސިއްރުކުރީ. މެނޭޖްމެންޓާއެކު ބޭއްވި ބައްދަލުވުމުގައި ދުލިކަނޑައިގެން ދިޔަ ވާހަކަ ހިއްސާކޮށް، ޑޮކްޓަރު ބުނީ އެތަން ރަނގަޅުވާން އެއް ހަފްތާވަރު ނަގާނެކަމަށް." ހޮސްޕިޓަލުގެ މެނޭޖްމެންޓުންވެސް ބައިވެރިވި ބައްދަލުވުމުގައި ޑޮކްޓަރު ދެއްކި ވާހަކަ ހިއްސާކުރަމުން އާއިލާއިން ބުންޏެވެ. އަދި ލޮލުގެ މެމްބްރައިން ކަނޑައިގެން ދިއުމުގެ ސަބަބުން އަބްދުﷲގެ ލޮލަށް ލެންސް ނުލެއްވޭކަންވެސް ޑޮކްޓަރު އެންގީ މާފަހުންކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އާއިލާއިން ބުނީ އަބްދުﷲ އޮޕަރޭޝަންކުރުމަށް އައްސިކުރަން އިންޖެކްޝަންޖެހި ނަމަވެސް އައްސި ނުވާކަމަށެވެ. އަދި އެކަން ޑޮކްޓަރަށްވެސް އެންގިކަމަށް އަބްދުﷲ އާއި ހަވާލާދީ އާއިލާއިން ވަނީ ބުނެފައެވެ. ލޮލަށް އެއްޗެއް ކޮއްޕުމުން ކޮންމެ ފަހަރަކު ތަދުވެގެން އުޅެން ފެށުމުން އިންޖެކްޝަނެއް ޖަހާކަންވެސް އޭނާގެ ވާހަކަތަކުން އެގުނު ކަމަށް އާއިލާއިން ބުންޏެވެ. " ބައްޕަ ބުނީ ދެތިން ފަހަރަކު އިންޖެކްޝަން ޖެހިކަމަށް އައްސި ކުރަން. އެހެންނަމަވެސް އައްސި ނުވާ ވާހަކަ ބުނިކަމަށް ބައްޕަ ވަނީ ބުނެފައި. ބައްޕައަށް އެ ވޭނުގަ ކެތް ނުކުރެވިގެން ރޯންފެށުމުން އެ ލޮލުން ލޭ އަންނަން ފެށީ. ބައްޕަ ވާޑަށް ބަދަލުކޮށްގެން ވެސް ބީޕީ ވަރަށް ބޮޑަށް މައްޗަށް ދިޔަ" މިހުރިހާ މައްސަލަތައް ދިމާވި ނަމަވެސް ހޮސްޕިޓަލުން އަބްދުﷲގެ ބީޕީ ދަށްކުރުމަށް ބޭސް ދީގެންވެސް ދަށް ނުވުމުން، އިންޖެކްޝަނެއްޖަހާ ފަހު ދުވަހު ގެއަށް ދޫކޮށްލިއެވެ. "ބައްޕަ ބީޕީ ދަށްނުވެ، ބޮލުގައި ރިއްސާތީ ރޯންފެށީ. އެހާ ހިސާބުން އިންޖެކްޝަނެއް ޖަހާ ކުޑަކޮށް ހިނގަން ފެށުމުން އޯކޭވީ"
އަބްދުﷲ ހޮސްޕިޓަލުން ގެއަށް ދޫކޮށްލި ދުވަހު ޑޮކްޓަރު ވަނީ ބުރާސްފަތި ދުވަހު ޑޮކްޓަރަށް ދެއްކުމަށް އިރުޝާދު ދީފައެވެ. "މި މަހު 03 ވަނަ ދުވަހު ދައްކަން އެޕޮއިންޓްމެންޓެއް ދިނީ. ހަފްތާއެއްގެ ތެރޭގައި ހީލްވާނެކަމަށް ޑޮކްޓަރު ބުނެފަ އޮތުމުން އެ ދުވަހު ދެއްކީ" އާއިލާއިން ބުންޏެވެ. ޑޮކްޓަރުން ބެލުމަށްފަހު އެއްވެސް މައްސަލައެއް ނެތްކަމަށާއި ހީލްވަމުންދާ ކަމަށް ބުންޏެވެ. އެހެންނަމަވެސް އެ ޑޮކްޓަރު އަބްދުﷲ މާލެ ގެންދިއުމަށް ރިކޮމެންޑުކުރުމުން އާއިލާގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. ލޯ ހީލްވަމުން އަންނަކަމަށް ޑޮކްޓަރު ބުނި ނަމަވެސް އެ ވާހަކަ އާއިލާއަށް ގަބޫލެއް ނުކުރެވުނީ އަބްދުﷲ ލޮލަށް ތަދުވެ، ލޮލުގައި އެއްޗެއް ޖެހޭ ވާހަކަ ތަކުރާރުކޮށް ބުނަމުން ދިއުމުންނެވެ. "ބައްޕަގެ އެ ލޮލަކީ ފުސްކޮށް ފެނުނު ނަމަވެސް ކުރިން ބަރާބަަރަށް ރަނގަޅަށް ފެންނަ ލޮލެއް. ބައްޕަގެ ލޮލަށް އޮޕަރޭޝަނަށް ފަހު ނުފެންނަ ވާހަކަ ބުނަން ފެށީ. ބޮލުގެ އެއްފަޅިއަށް ތަދުވާކަމަށް ބައްޕަ ބުނަން ފެށުމުން މާލެ ގޮސް ޑޮކްޓަރަށް ދައްކަން ނިންމީ." އާއިލާއިން ބުންޏެވެ.
އެހެންކަމުން އަބްދުﷲގެ އާއިލާއިން، މާލެއަށް ގޮސް އައިކެއާގައި ހުރި ލޮލުގެ ޑޮކްޓަރަށް އޭނާ ދެއްކީ ލޮލަށް ނުފެންނަކަމަށް ބުނެ ލޮލަށް ތަދުވެގެން އުޅޭ ސަބަބު ދެނެގަތުމަށެވެ. "އައިކެއާއަށް ދެއްކުމުން އެގުނީ ބައްޕަގެ ލޮލުގެ މެމްބްރައިން ކަނޑައިގެން ދިޔަތަނަށް އެއްވެސް ފަރުވާއެއް ދެވިފައި ނުވާކަން. ސްޓިޗްވެސް ނުކޮށް ހުރީ. އެހެންވެ ބައްޕަގެ ލޮލުން ލޭ އައީ. އައިކެއާގެ ޑޮކްޓަރުން ބެލި ބެލުމުން އެނގުނީ ބައްޕަގެ ލޮލުގެ ކަޅިވެސް ތިރިއަށް ޖެހިފައިވާކަން. ފާރުގަނޑު ހުޅުވިފައި ހުރުމުން ޑަސްޓްތައް ލޮލަށް ފެތުރިފައިވަނީ. ފާރުގަނޑު އެއްވެސް ވަރަކަށް ހީލްވެފައެއް ނެތް" އަބްދުﷲ ގެ އާއިލާއިން ބުންޏެވެ.
އޭއީއެޗްގެ ޑޮކްޓަރުގެ އިހުމާލުން އަބްދުﷲގެ އެއް ލޮލުގެ ފެނުން ގެއްލި ކަޅީގެ ޕޮޒިޝަން ގެއްލިފައިވާއިރު އާއިލާއިން ބުނީ މި މައްސަލަ ރަސްމީ ހުރިހާ އިދާރާއަކަށް ހުށަހަޅާނެކަމަށެވެ. އަދި އަބްދުﷲ ގެ ލޮލުގެ އޮޕަރޭޝަނުގައި އިހުމާލުވެފައިވާކަމަށް ތުހުމަތުކޮށް އާއިލާއިން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. މިހާރު އަބްދުﷲ ގެ ލޮލަށް އައިކެއާއިން ފަރުވާދޭން ފަށާފައިވާއިރު އާއިލާއިން ބުނީ މި މައްސަލަ ހުށަހަޅަން ނިންމީ މިފަދަ ހާދިސާތައް ތަކުރާރުވުން ހުއްޓުވުމަށާއި އެހެން މީހަކަށް މިފަދަ ކަމެއް ދިމާވާން ބޭނުން ނުވާތީ ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން ' ދަ ޕްރެސް' އިން ކުރި ސުވާލަށް ޖަވާބުދެމުން އޭއީއެޗް އިން ބުނީ މިފަދަ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެ ހޮސްޕިޓަލުން އެ މައްސަލަ ބަލަމުން އަންނަކަމަށެވެ. އަދި މި މައްސަލަ އާއިލާއިން ރަސްމީކޮށް ހުށަހަޅާފައިނުވާކަން ފާހަގަކޮށް އޭއީއެޗް އިން ބުނީ މިކަން ހިނގައި ދިޔަގޮތް ހޮސްޕިޓަލުން އިސް ނަގައިގެން ބަލަމުން އަންކަަމަށެވެ.
ހޮސްޕިޓަލުން އެ ހަދަނީ ދޮގު. މިއީ 2024 ކަން އެނގޭ ފަދައިން އެއީ ދޮގުކަން ބުނަން އެނގޭ.