ދިވެހި ޒުވާން ފިރިހެނަކު ގެއްލިގެން އަނެއްކާވެސް ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ހދ. މަކުނުދޫ ސިތާރާމަންޒިލް ނާތިފް އަބްދުއްސަލާމް 28އ ކަަމަށެވެ. ނާތިފް އޭނާގެ އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އިއްޔެ ފުލުހުންނަށް ރިޕޯޓްކޮށްފައިވުމުން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަަމަށެވެ.

އޭނާ މިހާރު ދިރިއުޅެމުން ދަނީ މާލޭގައި ކަމަށާއި، އޭނާ އެންމެ ފަހުން ފެނިފައި ވަނީ ސެޕްޓެމްބަރު 15 ދުވަހު ކަަމަށް އާއިލާއާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. އެންމެ ފަހުން ފެނުނު އިރު އޭނާ ލައިގެން ހުރީ ރުއްތައް ޖަހާފައި ހުރި ގަމީހަކާއި ސޯޓެއް ކަމަށްވެސް އާއިލާއިން ވަނީ މައުލޫމާތު ދީފައެވެ.

އެހެންކަމުން އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަން ނަމްބަރު 9393351 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދިފައިވެއެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ގެއްލޭ މައްސަލަ އިތުރު ވަމުންދާއިރު މީގެ ދެ ދުވަސް ކުރިންވެސް ދިވެހި ޒުވާން ފިރިހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. މާލޭގައި ދިރިއުޅެމުންދާ އުމުރުން 21 އަހަރުގެ އއ. މާޅޮސް ހުސްނޫވިލާ، އަލީ ރިޝާން ގެއްލިގެން ހޯދަމުންދާތާ ދެދުވަސް ފަހުން އިއްޔެ އޭނާ ވަނީ އާއިލާއަށް ގުޅާފައެވެ.

އަދި ހަމައެހެންމެ މިދިޔަ ހޮނިހިރު ދުވަހުވެސް އުމުރުން 50 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އޭނާވެސް ވަނީ ފެނިފައެވެ.