ޓައިގާ ޝްރޮފް އާއި ކްރިތީ ސެނަން ވަރުގަދަ އެކްޝަން ރޯލަކުން ފެނިގެންދާ ފިލްމު "ގަންޕަތު" ރިލީޒްކުރާ ތާރީހް އިއުލާން ކޮށްފިއެވެ.

ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ މި ފިލްމުގެ އާ ޕޯސްޓަރެއް ވެސް މިހާރު އާންމުކޮށްފައި ވާއިރު މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 20 ވަނަ ދުވަހުއެވެ. ވިކާސް ބާލް ޑައިރެކްޓްކުރާ އެ ފިލްމުގައި ޓައިގާ ކުޅޭނީ ބޮކްސާއެއްގެ ރޯލެވެ. މުމްބާއީގައި ދިރިއުޅޭ ވަރުގަދަ ބޮކްސިންތަޅާ މީހެއްގެ ވާހަކަ ކިޔައިދޭ "ގަންޕަތު" އަކީ އެކްޓަރު ޓައިގާ ވެސް ކްރިތީ ވެސް ވިކާސް އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ފިލްމުގައި ކްރިތީ ކުޅޭނީ ޖައްސީ ކިޔާ ކެރެކްޓާއެކެވެ. އަދި މިއީ ޓައިގާ އާއި ކްރިތީ އެކުގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ. 2014 ވަނަ އަހަރު "ހީރޯޕަންތީ" އިން ބޮލީވުޑަށް ތައާރަފްވި މި ދެތަރިންނަކީ ބޮލީވުޑްގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭ މަގްބޫލުކަން ހޯދާފައިވާ ދެތަރިންނެވެ.

މި ފިލްމަކީ ދެބަޔަކަށް ބަހަލައިގެން ގެނެސްދޭ ފިލްމެއް ވެސްމެއެވެ. ފިލްމާ ގުޅޭގޮތުން ކްރިތީ ބުނީ އަލުން ޓައިގާ އާއެކު މަސައްކަތްކުރަން ފުރުސަތު ލިބުމުން އުފާވާކަމަށާއި އެކްޝަން ފިލްމެއް ކުޅެން ބޭނުންވެފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ މިދިޔަ އަހަރުއެވެ. ނަމަވެސް ފިލްމުގެ މަސައްކަތްތައް އެއްކޮށް ނުނިމުމުގެ ސަބަބުން ފިލްމު މި އަހަރަށް ފަސްކުރިއެވެ.

ޖުމްލަ 150 ކުރޯޑުގެ ބަޖެޓަކުން އުފައްދާފައިވާ މި ފިލްމަކީ މިއަހަރު ސިނަމާއަށް އަންނާނެ އެންމެ އުންމީދީ އެއް ފިލްމުވެސްމެއެވެ.