ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ 4 މަސް ބޯޓެއް ހިފަހައްޓައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ 4 މަސްބޯޓެއް މިއަދު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވާ ކަމަށެވެ. އެ ބޯޓްތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އދ. މަހިބަދޫ "އަސުރުމާ" މަސްދޯނީގެ ފަރާތުން ފޯރުކޮށްދިން މައުލޫމާތުގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި ހިފެހެއްޓި މަސް ބޯޓުތަކަކީ ސްރީލަންކާގެ މަސްބޯޓުތަކެއް ކަމަށް އެމްއެންޑީއެފުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ރާއްޖެ އަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވެފައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން ދޭތެރެ ދޭތެރެއިން އުޅަނދުތައް ވަދެއެވެ. އާންމުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ މި ބާވަތުގެ އުޅަނދުތައް އިތުރަށް ބަލާ ފާސް ކުރާ އިރު މަސްތުވާތަކެތި ފެންނަ ނިސްބަތް ވެސް މަދެއް ނޫނެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ ބޭރުގެ ބޯޓުތައް މީގެ ކުރިން އަތުލައިގެންފައިވާ އިރު، ލަންކާގެ މަސް ބޯޓުތައް ގިނަ ފަހަރު އަތުލައިގެންފައިވާ ކަން ފާހަގަ ކުރެވެއެވެ.