ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ހިޔާލާއި ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާއި ނަފްސަށް ގެއްލުންވާ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގޮވާލައިފިއެވެ.

އެޗްއާރްސީއެމްއިން މިފަދައިން ގޮވާލީ މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަނބިކަބަލުން ފަޒްނާ އަހްމަދު އިއްޔެ ހުޅުމާލެ ފޭސް 2 އަަށް ވަޑައިގަތުމުން އެ ތަނުގެ ދިރިއުޅޭ ބަޔަކު "ބާޣީ ފަޒްނާ" އޭ ގޮވުމާ ގުޅިގެން އެކަން ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން އެޗްއާރްސީއެމްއިން ބުނީ ފަޒްނާ އިއްޔެގެ ވަގުތެއްގައި ކެމްޕެއިން ހަރަކާތެއްގައި ހުޅުމާލެ ފޭސް 2 ސަރަޙައްދުގެ ދޮރުން ދޮރަށް ކުރެއްވި ޒިޔާރަތުގައި އާންމު ފަރާތްތަކުން ކެމްޕެއިނަށް ހުރަސް އެޅި އެޅުން އެ ކޮމިޝަނުގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އިންތިހާބުގައި ތާއީދުު ހޯދުމަށް މަސައްކަތްކުރުމަކީ ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އެޗްއާރްސީއެމްއިން ވަނީ ކެންޑިޑޭޓުންގެ އިންތިހާބީ ހައްގުތަކަށާއި ކެމްޕެއިން ހަރަކާތްތަކަށް އިހުތިރާމްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއަކަށްވީ ހިނދު، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެކަކު އަނެކާގެ ހައްގުތަކަށް އިހުތިރާމްކޮށް ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން މަސައްކަތް ކުރުމަށް ގޮވާލާފައެވެ.

ކެންޑިޑޭޓުންނާ ބައްދަލުކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއް ކަން ފާހަގަކުރަމުން އެ ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ އިސް ފަރާތްތަކުން މިފަދަ އަމަލުތަކަށް ހިތްވަރުނުދެއްވުމަށް ކޮމިޝަނުން އިލްތިމާސްކުރާ ކަމަށެވެ.