ބާރު ސްޕީޑެއްގައި ށ. މާއުނގޫދޫގައި ފެންވަރު ރަނގަޅު ބަނދަރެއް ތަރައްގީ ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިންގެ ދެވަނަ ބުރުގެ ރަށްރަށަށް ކުރައްވާ ދަތުރުގެ ތެރެއިން ށ. މާއުނގޫދޫ އަށް ވަޑައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ, ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގައި ޝަކުވާއަކަށް ވަނީ މަސައްކަތްތައް ނުނިމި ހުރި ވާހަކަ ކަމަށާއި މިއީ ހުރިހާ ރަށެއްގެ ހާލު ކަމަށެވެ. ސަރުކާރުން މަޝްރޫއުތައް ހިންގަން ސަމާލުކަން ދީފައި ނުވާކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި އެއްވެސް ތަފާތު ކުރުމެއްނެތި ހުރިހާ މަޝްރޫއެއް ވެސް ހުއްޓުމެއް ނެތި އަވަސް ސްޕީޑުގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.

މިގޮތުން މާއުނގޫދޫގައި ވެސް ހުއްޓިފައިހުރި މަޝްރޫއުތައް ވަރަށް ބޮޑު ސަމާލުކަން ދެއްވައިގެން ނިންމަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިގޮތުން އެރަށުގެ ބަނދަރު ރަނގަޅު ފެންވަރުގައި، އަވަސް ސްޕީޑެއްގައި ހައްދަވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އެރަށުގެ މަގުތައް ރަނގަޅު ފެންވަރުގައި ތަރައްގީ ކޮށްދެއްވާނެ ކަމަށާއި ރަށް ގިރުމުގެ މައްސަލައަށް ވެސް ހައްލެއް ގެނެސްދެސްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ރަށު ސްކޫލުގެ ޖާގަ އިތުރުކޮށް ޒުވާނުންގެ މަރުކަޒެއް ހައްދަވައިދެއްވާނެ ކަމަށް މުއިއްޒު އިއުލާން ކުރެއްވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ. މި ދެ ބޭފުޅުން ކުރެ ބޭފުޅަކަށް 50 ޕަސެންޓް ވޯޓު ލިބިވަޑައިގެންފައި ނުވާތީ އެ ދެބޭފުޅުން ވަނީ ދެވަނަ ބުރަށް ވަޑައިގެންފައެވެ.

ކެމްޕެއިންގެ 2 ވަނަ ބުރަށް މުއިއްޒު، އުތުރަށް މިހާރު ކުރައްވާ ދަތުރުގައި ހއ. ހދ އަދި ށ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަންނަވާނެއެވެ.