ހިޔާ ސަރަހައްދަކީ ވަކި ބައެއްގެ ބާރު ހިނގާ ތަނެއްކަމަށާ، އެމްޑީޕީއަށް އެހިސާބަށް ނޭރޭނެ ތަނެއްކަމަށް ބުނެ އިންޒާރުތައް ދެމުންދާތާ ދުވަސްކޮޅެއް ވެއްޖެކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކެމްޕެއިންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަނބިކަބަލުން ފަޒްނާ އަހްމަދު ހުޅުމާލެ ފޭސް 2 އަަށް ވަޑައިގަތުމުން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެންބަރުން ވަނީ އިހްތިޖާޖު ކޮށްފައެވެ. މި ގޮތުން ސޯޝަލް މީޑިއާގައި ދައރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުން އެ ސަރަހައްދަށް ފަޒްނާ ވަޑައިގަތުމުން އެކަމަނާ އާ ދެކޮޅު ފަރާތްތަކުން ވަނީ ހަޑިހުތުރު ބަހުން މުހާތަބުކޮށް އަޑުއުފުލާފައެވެ. އަދި ހިޔާ ސަރަހައްދަށް އެކަމަނާއަށް ވަޑައިނުގަނެވޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަޑުއުފުލި ނަމަވެސް ފަޒްނާ ވަނީ އެ ސަރަހައްދުގެ ބައެއް ފްލެޓްތަކަށް ވަޑައިގެން ކެމްޕެއިން ހަރަކާތް ކުރިއަށް ގެންދަވާފައެވެ.
އެކަމަށް އިޝާރަތް ކުރައްވަމުން މަހްލޫފު ވިދާޅުވީ ހިޔާ ސަރަހައްދަކީ ވަކި ބައެއްގެ ބާރު ހިނގާ ވަކި ބަޔަކަށް ކެމްޕެއިން ކުރެވޭ ތަނެއް ކަމަށް ބުނެ އިންޒާރު ދެމުން އަންނަ ކަމަށެވެ.
ހިޔާ ސަރަހައްދަކީވެސް އަދި ރަށްރަށަކީ ވެސް ވަކި ބައެއްގެ މިލްކެއް ނޫންކަން ފާހަގަ ކުރައްވަމުން މަހްލޫފު ވިދާޅުވީ ބޭނުން ބަޔަކަށް މިނިވަންކަމާ އެކު އެ ސަރަހައްދެއްގައި އުޅެވޭނެ ކަމަށާއި އަދި އިސްލާމްދީނާއި ގާނޫނު އަސާސީ އާ ހިލާފުނުވެ ބޭނުންކަމެއް ކުރެވޭނެ ކަމަށެވެ. އަދި އެއްވެސް ހާލެއްގައި އެއްވެސް ރައްޔިތެއްގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ނުވަތަ އެއްވެސް ރައްޔިތެއްގެ ހައްގަކަށް އުނިކަން އަންނާނެ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެކަމަށް މަހްލޫފު ވިދާޅުވިއެވެ.
ހިޔާ ސަރަހައްދުން ފަސްޓްލޭޑީ ފަޒްނާއާ ދެކޮޅަށް ހިންގި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކު ރައްވަމުން މަހްލޫފު ވިދާޅުވީ ރައީސް ސޯލިހްގެ ކެމްޕެއިންގެ ތެރޭގައިވެސް ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ބޮލަށް އަރާ ހިސާބަށް ދިއުމުން، އެކަންކަން ހުއްޓުވުމަށް ކަމަށެވެ.
އޭނަޔާ ދިމާޔަށް ގޮވީ ބާގީއޭ. އެއީ ކަލޭމެނަށް އެއްވެސް ގޮތަކުން ހުތުރު ބަހެއް ނޫން. މަހުލޫފުގެ މައްސަލަ ހިންދާލީމަ ދެން ކިޔަން ޖެހޭ އެއްޗެއް ކިޔާނެކަން އެނގޭ