ރިޔާސީ އިންތިހާބަށް ރީރަޖިސްޓާ ވުމަށް އިލެކްޝަންސް ކޮމިޝަނުން ގާއިމު ކޮށްފައިވާ އޮންލައިން ޕޯޓަލް ހެކް ކުރުމަށް ބަޔަކު މަސައްކަތް ކޮށް ގިން އެޓޭކްތަކެއް ދޭ ކަމަށް އެ ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް ވިދާޅުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ފުވާދު ވިދާޅުވީ، އެ އެޓޭކްތަކާ ގުޅިގެން ޓެކްނިކަލް މަސައްކަތްތަކެއް ކުރަމުން ދާ ކަމަށާއި އަދި އެ ޕޯޓަލް ހެކް ކުރަން މަސައްކަތް ކުރާ ބަޔަކަށް ކާމިޔާބު ވެފައި ނުވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލާން ރީރެޖިސްޓްރީ ވުމަށް ހުޅުވާލިތާ ދެ ދުވަސްތެރޭ 25،000 މީހުން ރީރަޖިސްޓާ ވުމަށް ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމުން ގިނަ ބަޔަކު ވަނީ މި ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އިދިކޮޅުގެ ކަންބޮޑުވުންތައް މިއަދު އެ ކޯލިޝަންގެ ލީޑަޝިޕުން ވަނީ އީސީއާ ހިއްސާ ކޮށްފައެވެ.

އީސީއާ ބައްދަލު ކުރުމަށްފަހު އިދިކޮޅުގެ ލީޑަރުން ޕޯޓް ބިލްޑިން އިން ނިކުމެވަޑައިގަންނަވަނީ / ފޮޓޯ: ދަ ޕްރެސް

އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާދު ދެއްވަމުން ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، މިހާތަނަށް ރީރަޖިސްޓާ ވާން އެދުނު 25،000 މީހުންގެ ތެރެއިން 22،000 މީހުން ފޯމު ހުށަހެޅީ އޮންލައިންކޮށް ކަމަށް ވާއިރު، އެ ކަމުގައި ސުވާލު އުފެދޭ ކަންކަން ހުރި ކަމަށެވެ.

އީސީގެ ޕޯޓަލް ހެކް ކުރުމަށް ބަޔަކު މަސައްކަތް ކުރާ ކަމަށާއި އެ މައުލޫމާތު އީސީން ދީފައިވާ ކަަމަށް ވެސް ސައީދު ވިދާޅުވިއެވެ. އިދިކޮޅުން ދެއްކި ވާހަކައިގެ ޔަގީންކަން އެކަމުން ހާމަވާ ކަމަށާއި ވަރަށް ގިނަ ޝަކުވާ އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބައެއް މީހުންނަށް ނޭނގި އެމީހުން އެހެން ތަންތަނަށް ރީރަޖިސްޓާ ކޮށްފައި ހުރި ކަމުގެ ޝަކުވާތައް ވެސް ލިބެމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ.

ރީރަޖިސްޓާ ވުމުގެ މައްސަލަތަކާ މެދު އަމަލުކުރާނެ ގޮތް ނިންމާނީ އީސީން ކަމަށާއި ނަމަވެސް އިދިކޮޅުން ތިބީ ދޫދޭ ގޮތަށް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން ފޯމުތަކުގެ ސާމްޕަލް ޗެކް ކުރުމުގެ ފުރުސަތު އެމްޑީޕީ އާއި ޕީޕީއެމަށް ވެސް އީސީން ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީސީން ބުނާ ގޮތުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރަތަމަ ދުވަހު 9206 މީހުން ފޯމު ހުށަހަޅާފައިވާ އިރު، ދެވަނަ ދުވަހު 16287 ފޯމު ވަނީ ހުށަހަޅާފައެވެ. އަދި އޮންލައިންކޮށް ފުރަތަމަ ދުވަހު 7267 މީހަކު ހުށަހެޅިއިރު ދެވަނަ ދުވަހު އޮންލައިންކޮށް 11082 ފޯމް ވަނީ ހުށަހަޅާފައެވެ. މިހާތަނަށް ދެވަނަބުރުގައި 10271 މީހުން ރީރަޖިސްޓަރީ ކޮށްދީފައިވާ ކަމަށް އީސީން ބުނާ އިރު، ދެވަނަބުރުގައި ހުށަހެޅި ފޯމުތަކުން އެކިއެކި ސަބަބުތަކާ ހުރެ މިހާތަނަށް 1546 ފޯމު ރިޖެކްޓް ކޮށްފައިވާ ކަމަށް ވެސް އީސީން ވަނީ ބުނެފައެވެ.