ކުޅުދުއްފުށީގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެ ބޭނުންނުކުރެވޭ ވަރަށް އެ ތަން އެނދުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް ކުޅުދުއްފުށީގެ ރައްޔިތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އިއްޔެ މެންދުރުފަހު 2:30 ގެ ފަހުން ހިނގި އެ ހާދިސާގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ބްލޮކް ވަނީ ބޭނުންނުކުރެވޭ ވަރަށް އެއްކޮށް އަނދައިފައެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.
'ދަ ޕްރެސް' އިން އިއްޔެ ސުވާލުކުރުމުން ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރު އަހްމަދު އަބްދުﷲ ވިދާޅުވީ، ބްލޮކްގައި އަލިފާން ރޯވީ މަސައްކަތްތެރިން ވޯކް ސައިޓުގައި ހަރަކާތްތެރިވަމުން ދިޔަ ވަގުތުގައި ކަމަށާއި، ހާދިސާ ހިނގި ވަގުތު ބްލޮކްގައި ބިދޭސީ އެއްވެސް މަސައްކަތްތެރިއަކު ނެތް ކަމަށެވެ.
"މުޅި ތަނުގަ ބޭނުންކުރެވޭ ގޮތަކަށް ނެތް އެއްވެސް އެއްޗެއް، ހުރިހާ އެއްޗެއް އަނދައިގެން ހިނގައްޖެ،" ހާދިސާގެ ތަފްސީލު ހިއްސާ ކުރައްވައި އޭނާ ވިދާޅުވިއެވެ.
އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުޅުދުއްފުށީގެ ކައުންސިލާއި ރެޑް ކްރެޒެންޓް ގުޅިގެން ވަނީ، އަންނައުނު ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އިއްޔެ އިރުއޮއްސި 6 އިން ފެށިގެން ރޭގަނޑު 9 އަށް ފުރުސަތު ހުޅުވާލައިފައެވެ.
އިއްޔެ ހުޅުވާލި ފުރުސަތުގައި ކުޅުދުއްފުށީގެ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބުނު ކަން ފާހަގަކޮށް އެ ސިޓީގެ ކައުންސިލުން ބުނީ، މިފަދަ ކޮންމެ ހާލަތެއްގައި ވެސް އެ ސިޓީގެ ރައްޔިތުން ދައްކާ ނަމޫނާ އަށް ފަހުރުވެރިވާ ކަމަށެވެ.
ސިފައިން ވަނީ އެކޮމޮޑޭޝަން ބްލޮކްގައި އަލިފާން ރޯވިތާ ބައިގަޑިއިރުގެ ތެރޭ ނިއްވާލައިފައެވެ. އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށެވެ.