ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރަށް ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި ނޭނގިވެސް ގިނަ ބަޔަކު ރީރަޖިސްޓްރީ ކޮށްފައި ވާ ކަމަށް ޕީއެންސީގެ، ކޯލިޝަން ހިންގުމާ ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ނޭކުރެންދޫގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވުން އަދުރޭ ވިދާޅުވީ، ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި ޕީޕީއެމްއަށް ވޯޓުލާން ތިބި އެތައް ބަޔަކު އެހެން ތަންތަނަށް ރީރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

މިގޮތުން މިހާތަނަށް 15 ޕަސެންޓް ރިޖެޓް ވެފައި ވާ ކަމަށާއި ފޯމު ސައްހަ ނަމަ އެހާ ގިނައިން ރިޖެކްޓް ނުވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ ރަޖިސްޓްރީ ކުރުމަށް އިތުރު ފުރުސަތު ބޭނުންވާ ކަމަށާއި އެއްވެސް މީހަކު ސަރުކާރުގެ ނުފޫޒަށް ބޯލަނބައިގެން ނުވާނެ ކަމަށާއި ސަރުކާރުން ގޯސް ހަދަން ފުރުސަތު ނުދިނުމަށް ގޮވާލައްވާފައެވެ.

އަދުރޭ މިހެން ވިދާޅުވެފައި ވާއިރު 25 ހާހަށް ވުރެ ގިނަ މީހުން ރީރަޖިސްޓާ ވާން ހުށަހެޅުމުން ސުވާލު އުފެދޭ ކަމަށް އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ، 2 ދުވަސް ތެރޭގައި 25 ހާސް މީހުން ރީރަޖިސްޓްރީ ވާން ހުށަހެޅުމަކީ 'ވަރަށް ބޮޑަށް ސުވާލު އުފެދޭ' ކަމެއް ކަމަށާއި، ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން، ސިޔާސީ ޕާޓީތަކުންވެސް ބަލަން ޖެހޭ ކަމަށެވެ.

އެގެ އިތުރުން އޭނާ ވަނީ، އިންތިހާބާ ގުޅޭ ކަންކަން ބަލަމުން ދާ އިންޓަނޭޝަނަލް މޮނިޓަރުންވެސް އެކަން ބަލައި ދިނުމަށް ގޮވާލައްވާފައެވެ. އަދި އޮބްޒާވަރުންނާއި، އިންތިހާބާ ގުޅުން ހުރި ކަންކަން ބަލައި އެހެން ފަރާތްތަކުން ވެސް އެކަން ބަލައިދޭން މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މި މަހުގެ 30 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވާ އިރު، ރީރަޖިސްޓްރޭޝަނަށް ދިން ވަގުތު މިއަދުގެ ހަވީރު 4 އަށް ހަމަވާނެއެވެ.

ރީރަޖިސްޓްރޭޝަނަށް ހުށަހެޅި މީހުންގެ އަދަދުތައް ހާމަ ކުރައްވަމުން އިލެންޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރީރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރަތަމަ ދުވަހު 9،206 މީހުން ފޯމު ހުށަހެޅި ކަމަށާއި ދެވަނަ ދުވަހު 16،287 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި އޮންލައިންކޮށް ފުރަތަމަ ދުވަހު 7،267 މީހަކު ހުށަހެޅިއިރު ދެވަނަ ދުވަހު 11،082 އޮންލައިންކޮށް ހުށަހަޅި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، މިހާތަނަށް 10،271 މީހުން ރީ-ރަޖިސްޓަރީ ކޮށްދެވިފައިވާ ކަމަށާއި ދެވަނަބުރުގައި ހުށަހެޅި ފޯމުތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާ ހުރެ މިހާތަނަށް 1،546 ފޯމު ރިޖެކްޓް [ބާތިލް] ކުރެވިފައި ވާ ކަމަށެވެ. ރިޖެކްޓް ވި ފޯމްތަކުގެ ތެރޭގައި ހުށަހަޅަންޖެހޭ ހުރިހާ މައުލޫމާތު ފުރިހަމަ ނުވާ ފޯމްތައް ހިމެނެއެވެ.

ހަބީބް ވިދާޅުވީ ފޯމުތަކުގެ ސައްހަކަން ކަށަވަރުވިހާ އަވަހަކަށް ރީ-ރަޖިސްޓަރީ ކުރެވުނު ކަމުގެ މެސެޖް އެމީހަކަށް ލިބޭނެ ކަމަށެވެ.

މިއަދު ހަވީރު 4 ޖެހުމަށް ފަހު ރީ-ރަޖިސްޓްރީ ވުމަށް އިތުރު ފުރުސަތެއް ދޭން އަދި ނިންމާފައި ނުވާއިރު އެމީހަކު ވޯޓުލާން ރަޖިސްޓަރީ ވެފައި ވަނީ ކޮންތަކަށްތޯ މިހާރުން މިހާރަށްވެސް ޗެކް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައި ވަނީ ރީ-ރަޖިސްޓާ ކުރަން ހުށަހަޅާ ފަރާތްތަކުގެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް އީސީގެ ފޯނު ނަންބަރަކުން، ފޯމު ހުށަހަޅާ ފަރާތްތަކަށް ގުޅާ ވެރިފައި ކުރުމަށެވެ. އެ ޕްރޮސެސްގައި މީހަކު ހުށަހެޅި ފޯމަކީ ސައްހަނޫން ފޯމެއް ކަން ދެނެގަނެވިއްޖެ ނަމަ، އެ ފޯމެއް ހުށަހެޅި ފަރާތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އީސީއިން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވު ކުރުމަށާއި، މޮނިޓާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި، ކެންޑިޑޭޓުންގެ ފަރާތުން ފޯމު ހުށަހެޅުމަށް ވެސް ފުރުސަތު ހުޅުވާލައިފައި ވާއިރު ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިއަދުގެ މެންދުރުފަހު 3 އެވެ.