ޔޫކްރައިން ހަނގުރާމައިގެ ކުރިން، އެގައުމަކީ ދުނިޔެއަށް ބޭނުންވާ ގޮދަން އެކްސްޕޯޓް ކުރާ އެންމެ ބޮޑު އެއް ގައުމެވެ. ނަމަވެސް ހަނގުރާމައާ އެކު ރަޝިއާއިން ކަޅުކަނޑުގައި ހަރަކާތްތެރި ވާތީ އާިއ، ކާގޯ ބޯޓުތަކަށް ހުރަސް އަޅާތީ ގޮދަނުގެ ބާވަތްތައް އެކްސްޕޯޓު ކުރުން މަދުވެ ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

ތުރުކީ މެދުވެރިވެގެން އދ އާއި ޔޫކްރައިން އަދި ރަޝިއާ އެއްބަސްވެފައި ވާ ގޮތަށް ގޮދަނުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ދެމުން އައި ނަމަވެސް، ކާގޯ ބޯޓު ފަހަރުގައު ޔޫކްރައިނަށް ހަތިޔާރު އެތެރެ ކުރާ ކަމުގެ ތުހުމަތާއި، ދެފަރާތުގެ ދެމެދުގައި ބަދަލު ކުރަމުން ދާ ހަމަލާތަކާ ގުޅިގެން ރަޝިއާއިން އެއްބަސް ވުން އުވާލައި، ކަޅުކަނޑުން ދަތުރު ކުރާ ކޮންމެ އުޅަނދަކީ ނުރައްކަލެއް ކަމަށް ބަލާ ފިޔަވަޅު އަޅާނެ ކަމަށް އޮތީ ބުނެފައެވެ.

އެއާއެކު ޔޫކްރައިނުން އެކްސްޕޯޓް ކުރާ ގޮދަނުގެ ބާވަތްތައް ކަނޑުމަގުން ބޭރު ކުރުމުގައި އިތުރު ގޮންޖެހުންތައް ކުރިމަތިވެފައި ވާ އިރު، އެއްގަމު މަގުން ޕޮލަންޑާއި، ސްލޮވޭކިއާ އަދި ހަންގޭރީއަށް އެތެރެ ކުރާ ގޮދަނުގެ ނިސްބަތް ގިނަ ވެ، އެ ގައުމުތަކުގެ އެތެރޭގެ އުފެންދުންތަކުގެ އަގު ވެއްޓި އިގުތިސޯދަށް އަސަރު ކުރަމުން ދާ މަައްސަލައިގައި އެ ގައުމުތަކަށް ޔޫކްރައިންގެ ގޮދަން އެތެރެ ނުކުރަން ވަނީ ނިންމާފައެވެ.

މިފިޔަވަޅު އެޅި ނަމަވެސް އެގައުމުގެ ސަރަހައްދު ބޭނުން ކޮށްގެން ދުނިޔޭގެ އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު އޮތީ ހުޅުވާލާފައެވެ.

ޔޫކްރައިން އަކީ ގޮދަނުގެ ބާވަތްތައް ގިނަ އަދަދަކަށް އުފައްދާ ގައުމަކަށް ވާއިރު، އެގައުމުގެ އިގުތިސޯދުގެ މުހިންމު އެއް ތަނބަކީވެސް އެއީއެވެ. އެއްބަސްވުމުން ރަޝިއާ ނުކުތުމާއެކު ދިމާވެފައި ވާ މައްސަލައަށް ހައްލެއް ހޯދުމަށް، ޔޫކްރައިނުން ވަނީ، އެގައުގެ އުޅަނދުތައް ކަޅުކަނޑަށް ނުކުތުމަށް ބޭނުން ކުރާ ބަނދަރެއް ބޭނުން ކޮށްގެން، ކާގޯ ބޯޓު ފަހަރަށް ވަދެވޭނެ ގޮތް ހަދާފައެވެ.

އެ އިންތިޒާމުތަކުގެ ދަށުން 20،000 ޓަނު އުފުލޭ ވަރުގެ ދެބޯޓު މިހާރު ބަނދަރުކޮށް ގޮދަން ބަރު ކުރަމުން ދާ އިރު އެ ބޯޓުތައް ދާނީ މިސްރާއި އިޒްރޭލަށެވެ. އެއަށް ފަހު އެ ގައުމުތަކުން ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ވިއްކުމާއި އެގައުމުތަކުގައި ވިއްކުން ކުރިއަށް ދާނެއެވެ.

އަލަށް ބޭނުން ކުރަން ފެށި މި ބަނދަރަކީ ރަޝިއާ އަށް ބާރު ނުފޯރާ ފަށުގައި އޮތް ބަނދަރެއް ނަމަވެސް އެއީ، ދަތުރުފަތުރު ކުރުމުގައި ދުރު އަދި ދިގު މަގެއް ކަމަށް މުރާސިލުން ބުނެއެވެ.

މީގެ ކުރިން ޔޫކްރައިނުން ބޭނުން ކުރަމުން އައި އޮޑިއްސާގެ ބަނދަރުތަކުން ބޯޓުތައް ފުރަމުން އައި އިރު ރަޝިއާއިން ވަނީ، އެ ފަދަ ބޯޓުތަކަށް އަމާޒު ކޮށް ހަމަލާވެސް ދީފައެވެ. އެގޮތުން ފެބްރުއަރީ 2022 ގައި ހަނގުރާމަ ފެށިފަހުން މިހާތަނަށް 20 މިލިއަން ޓަނުގެ ގޮދަން އެކްސްޕޯޓް ނުކުރެވި ވަނީ ޔޫކްރައިންގައި ތާށިވެފައެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ބޭނުންވާ ގިނަ އަދަދެއްގެ ގޮދަނުގެ ބާވަތްތައް ޔޫކްރައނުން އެކްސްޕޯޓް ކުރެވޭ ގޮތް ނުވެ ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ ބާޒާރުގައި ގޮދަނުގެ ބާވަތްތަކުގެ އަގުވެސް ވަނީ އުފުލިފައެވެ. އެގޮތުން މެދުއިރުމައްޗާއި އެފްރިކާގެ ގައުމުތަކުގައި ވަނީ އަގުތައް ބޮޑުތަނުން އުފުލިފައެވެ.