ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން އިސްތިއުފާ ނުދެއްވަން ކަމަށާއި، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އޭނާ އާ ދެމެދު އޮތީ ހަރުދަނާ ގުޅުމެއް ކަމަށް، ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވެއްޖެއެވެ.

މިއަދު ޖުމްހޫރީ ޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމަށް ފަހު އާރިފް އިސްތިއުފާދެއްވި ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓު ކޮށްފައިވެއެވެ. ބައެއް ހަބަރުތައް ބުނާ ގޮތުން، ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމަށް ފަހު ޕާޓީގެ މުވައްޒަފުންނާ ބައްދަލު ކުރައްވައި، ސެކްރެޓަރީ ޖެނެރަލްކަމުން އާރިފް އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވެފައިވެއެވެ.

ނަމަވެސް އާރިފް އިސްތިއުފާ ނުދެއްވަން ކަމަށް، 'ދަ ޕްރެސް' އިން ސުވާލުކުރުމުން އޭނާ ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ، އޭނާ އާއި ގާސިމާ ދެމެދު އަންޑަސްޓޭންޑިން އެއް އެބައޮތް ކަމަށާއި، ދެ ބޭފުޅުންގެ ދެމެދުގައި އޮންނަނީ ހަރުދަނާ، ވަރުގަދަ ގުޅުމެއް ކަމަށެވެ.

"އަޅުގަނޑުމެން ދެ މީހުން ވާހަކަ ދައްކާފަ ގޮތެއް ނިންމާނީ،" އާރިފް ވިދާޅުވިއެވެ.

މަގާމުން އިސްތިއުފާ ދެއްވުމާ މެދު ގޮތެއް ނިންމަވާ ނަމަ، މީޑިއާ އާ އެ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކެލާ ދާއިރާގެ މަޖިލިސް މެންބަރުކަން ކުރިން ކުރެއްވި އާރިފް، އިިދިކޮޅު ޕީޕީއެމް ދޫކުރައްވައި ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވީ އޮގަސްޓު 2019 ގައެވެ. އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އާރިފް އައްޔަނުކުރެވުނީ އޭގެ ދެ މަސް ފަހުން، އޮކްޓޯބަރު 23، 2019 ގައެވެ.