ދައުލަތުގެ ރިޒާވް މިދިޔަ ޖުލައި މަހަށް ވުރެ ރަނގަޅު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖުލައި މަސް ނިމުނުއިރު ދައުލަތުގެ ރިޒާވްގައި ހުރީ 594.1 މިލިއަން ޑޮލަރު ގައި ނަމަވެސް އޮގަސްޓް މަސް ނިމުނު އިރު އެ އަދަދު މި ވަނީ 694.2 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

ޖުލައި މަހަކީ މި އަހަރުގެ ތެރޭގައި ދައުލަތުގެ ރިޒާމް އެންމެ ބޮޑަށް ދަށަށް ދިޔަ މަހަށް ވާއިރު އޭގެ ކުރިން ޖޫން މަހާ އަޅާ ބަލާއިރު ޖުލައި މަހުގެ ތެރޭގައި ވަނީ 180 މިލިއަން ޑޮލަރު ދައުލަތުގެ ރިޒާވުން މަދުވެފައެވެ. އަދި ޖުލައި މަހާ އަޅާ ބަލާ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވަނީ 100 މިލިއަން ޑޮލަރު ދައުލަތުގެ ރިޒާވަށް އިތުރުވެފައެވެ.

މި އަހަރުގެ ޖެނުއަރީ މަހު 789.97 މިލިއަން ޑޮލަރު ދައުލަތުގެ ރިޒާވްގައި ހުއްޓެވެ. އެ އަދަދު އިތުރުވެ ފެބްރުއަރީ މަހުގެ ރިޒާވްގައި 795.83 މިލިއަން ޑޮލަރު ހުރި ނަމަވެސް މާޗު މަހުގައި އެ އަދަދު ވަނީ 764.63 މިލިއަން ޑޮލަރަށް ދަށަށް ގޮސްފައެވެ. މިދިޔަ އޭޕްރިލް މަހުގެ 756.81 މިލިއަން ޑޮލަރު ރިޒާވް ގައި ހުރިއިރު މެއި މަހުގެ ރިޒާމްގައި ހުރީ 748.15 މިލިއަން ޑޮލަރެވެ. އަދި އެ އަދަދު ޖޫން މަހުގެ ތެރޭގައި ދަށަށް ގޮސް، އެ މަހުގައި ދައުލަތުގެ ރިޒާވްގެ ގޮތުގައި ހުރީ 702.16 މިލިއަން ޑޮލަރެވެ.

މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ރިޒާވް ގައި ހުރީ 827.7 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރު ފަހު ކޮޅު ދައުލަތުގެ ރިޒާވް ދަށަށް ގޮސްފައި ވަނިކޮށް އަހަރު ނިމުނު އިރު ރިޒާވް އިތުރުވެފައި ވަނީ ޓޫރިޒަމުން ލިބުނު އާމްދަނީ އާއި ބޭރުގެ އެހީ އަދި ޓެކްސްގެ އާމްދަނީ އިތުރު ވުމުންނެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ދައުލަތުގެ ރިޒާވް ހިފެހެއްޓުމަށް އިންޑިއާއިން 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ވެސް ހަމަޖައްސާފައެވެ.