ޕީއެންސީގެ ވެރިކަމެއްގައި ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނައަށް ބޮޑުކޮށްދެއްވާނެ ކަމަށް އެޕާޓީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދާ ކެމްޕެއިނު ޖަލްސާގައި ވާހަަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ހުރިހާ ކަމެއްގައި ވެސް ސިފައިންނާއި ފުލުހުންނަށް އަޅާލާ އަޅާލުން އިސްކުރަން ޖެހޭ ކަމަށާއި ނަމަވެސް މިސަރުކާރުން ފުލުހުންނާއި ސިފައިންނަށް ވަރަށް އިހާނެތިކޮށް ހިތާފައިވާ ކަމަށެވެ.

ފުރަތަމަ 100 ދުވަހު ނިންމާނެ ކަމަށް ބުނެ ފްލެޓްތައް އަދިވެސް ނިމިފައި ނުވާކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ، ފްލެޓްތައް ނިމުމާ ގާތަށް ދިއުމުން ފްލެޓްތަކުގެ އަގުތައް ބޮޑުކޮށްފައިވާ ކަމަށެވެ.

"ފުލުހުންނާއި ސިފައިންގެ ފްލެޓްތައް، އަތްފޯރާ ފަށަށްވުރެ އަގުތައް ތަފާތު އެބަހުރި، އެކި ރޭންކުތަކަށް އެކި އަގު، ލިބޭނެ ކަމަށް ބުނި ބައެއް ލިސްޓުން އުނިވެ، މިފަދަ އެތައް ކަމެއް ހިންގައިފި" މުއިއްޒު ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، އޭނާގެ ސަރުކާރެއްގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތަކަށް ދައްކަން ޖެހޭ އަގު، ފްލެތްތައް ލިބުނު ފުލުހުންނާއި ސިފައިންނަށް ލުއެއް ދިނުމުގެ ގޮތުން އެއް އަހަރު ދުވަހަށް، އަގު ދެއްކުން ލަސްކޮށްދެއްވާނެ ކަމަށެވެ. އަދި ދައްކަން ޖެހޭ އަގު ބަހާލައިގެން ދެއްކޭނެ ފަދަ ލުއިގޮތެއް ހައްދަވައިދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ވެރިކަން ލިބިވަޑައިގެންފިނަމަ ފުލުހުންނާއި ސިފައިންގެ މިހާރު ހުރި މުސާރަ ދެގުނައަށް ބޮޑުކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި އިސްކަމެއް ދެއްވާނީ ގައުމީ ވިސްނުން ކަމަށާއި ގައުމުގެ ފަހުރަކީ ސިފައިންނާއި ފުލުހުން ކަމުން އެދެ މުއައްސަސާގެ ހުރިހާ އެންމެންނަކީ އަބުރުވެރި ދިރިއުޅުމެއް އުޅޭނެ ބައެއް ކަމުގައި ޔަގީން ކޮށްދެއްވާނެ ކަމަށެވެ. އަދި "ކުޅޭ ކުޅޭ ބޯޅައެއް ހެން ޖަހަން ގެންގުޅޭ ތަނަކަށް އެދެތަން ހެދިޔަ" ނުދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.