މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކޯލިޝަން ހެދުމާމެދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއެކު ކުރައްވަމުން ގެންދަވާ މަޝްވަރާތަކަކީ ވަރަށް އުންމީދީ ވާހަތަކެއް ކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
މިދިޔަ ބުދަ ދުވަހު ގާސިމް އާ ބައްދަލު ކުރެއްވުމަށް ރައީސް ސޯލިހް ސަން އައިލޭންޑަށް ވަޑައިގަތުމަށް އދ. މާމިިގިއްޔަށް ވަޑައިގެންފައިވާ އިރު، އެމަނިކުފާނަށް މަރުހަބާ ވިދާޅުވުމަށް ގާސިމް ވަނީ މާމިގިއްޔަށް ވަޑައިގެންފައެވެ. އެއާއެކު ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައި ވަނީ ސަން އައިލެންޑު ރިސޯޓުގައެވެ. ނަމަވެސް މިބައްދަލުވުމާ ބެހޭ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ނިޔާޒް ވިދާޅުވީ، އެ މަޝްވަރާތަކާ ގުޅިގެން އަދި ދެ ފަރާތުން ވެސް ގޮތެއް ނިންމާފައި ނުވާ ކަމަށާއި އަދި ވެސް މަޝްވަރާ ދަނީ ކުރިއަށް ކަމަށެވެ. އެ މަޝްވަރާ ބައްދަލުވުމުގައި ވަރަށް އުންމީދީ ވާހަތަކެއް ދެފަރާތުން ދައްކަވާފައިވާ ކަމަށް ވެސް ނިޔާޒް ވިދާޅުވިއެވެ.
އެއްރޭ އެއް ދުވާ، ރައީސް ސަން އައިލޭންޑްގައި ހޭދަކުރައްވާފައި ވާ އިރު، އަރިހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ގާސިމުގެ ޓީމުގައި އޭނާގެ ކެމްޕެއިން އެޖެންޑް ތޮއްޑޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ވަހީދާއި، ގާސިމްގެ އެޑްވައިޒަރުގެ ގޮތުގައި ހުންނެވި އަދި އަލީވަހީދުގެ އަރިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައި ވެއެވެ.
މި މަޝްވަރާތަކުގައި، ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ގާސިމް، ރައީސާ ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގެންފައި ވާއިރު، ގާސިމުގެ ފަރާތުން ހުށަހެޅި ބައެއް ޑިމާންޑްތައް ހުރިކަމަށް މީޑިއާގެ އެކި ވަސީލަތްތަކުގައި ބުނެފައި ވެއެވެ. އެ ވާހަކަތަކުގެ ސައްހަކަން 'ދަ ޕްރެސް' އަށް ކަށަވަރުވެފައި ނުވި ނަމަވެސް، 6 ރަށަކާއި 3 ފަޅެއްގެ އިތުރުން 6 މިލިއަން ޑޮލަރާއި ކެބިނެޓުގެ 3 މަގާމު ދިނުމަށް ހުށަހެޅި ކަމަށް ބުނެ ހަބަރު ފަތުރާފައި ވެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ. މި ދެ ބޭފުޅުންނަށް އެންމެ ގިނަ ވޯޓު ލިބި 50 ޕަސެންޓް ވޯޓު އެއްވެސް ކެންޑިޑޭޓަކަށް ލިބިފައި ނުވާތީ އެ ދެބޭފުޅުން ވަނީ ދެވަނަ ބުރަށް ވަޑައިގެންފައެވެ.
ދެވަނަ ބުރަށް ވަޑައިފގެންފައިވާ ދެ ބޭފުޅުންނަށް ބަލާލާއިރު، ފުރަތަމަ ބުރުން ފުލުހުން 2 ވަނަ ލިބުނު އެމްއެންޕީން މިހާރު ވަނީ މުއިއްޒު އާ ކޯލިޝަން ހަދާފައެވެ. އަދި މުއިއްޒުގެ ކޯލިޝަންގައި ބައިވެރިވުމަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫންގެ ފަރާތުންވެސް ދަނީ މަޝްވަރާ ކުރަމުންނެވެ. އެ މަޝްވަރާތަކުގައި ފާރިސް ހުށަހަޅުއްވާ ބައެއް ސިޔާސަތުތައް ޑރ. މުއިއްޒުގެ ސަރުކާރެއްގައި ތަންފީޒު ކުރުމާ މެދު މަޝްވަރާ ކުރެވިފައި ވާކަމަށް ޕީޕީއެމް އިން ބުނެފައި ވެއެވެ.
ދެވަނަ ބުރަށް ވަޑައިގެން ރައީސް ސޯލިހް ފުރަތަމަ ބުރުގައި ވެސް ވާދަ ކުރެއްވީ އަދާލާތު ޕާޓީއާއި އެމްޑީއޭއާއެކު ކޯލިޝަން ހަދައިގެންނެވެ. ދެވަނަ ބުރަށް އިތުރު ސިޔާސީ ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް ރައީސް ސޯލިހް ވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ގާސިމްގެ އިތުރުން ފާރިސްގެ ޓީމަކާއެކުވެސް ވަނީ މަޝްވަރާތައް ބާއްވާފައެވެ.
ރިޔާސީ އިންތިހާބުގައި ދެވަނަ ބުރުގައި ވާދަ ކުރައްވާ މުއިިއްޒާއި ސޯލިހް ކޯލިޝަން ހެދުމަށް ގާސިމާއެކު މަޝްވަރާ ކުރައްވަމުން އަންނަ އިރު، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމްއަށް ލިބިވަޑައިގެންފައި ވަނީ، 5،460 ވޯޓެވެ. ކޯލިޝަން ހެދުމާމެދު ގާސިމް އަދި ގޮތް ނިންމަވާފައި ނުވާ އިރު، 2008، 2013 އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ ގާސިމް ތާއީދު ކުރެއްވި ރިޔާސީ ކެންޑިޑޭޓުންނެވެ.
ގާސިމްބެ 5460 ތަ ލިބުުނީ. ދެން ކީއްތަ ތިކުރަނީ.