މެކްސިކޯގެ ކައިރީގައި އޮންނަ ނަޒްކާ ލައިންސް އަކީ އޭލިއަން ފޭބިތަނެއް ކަމަށް ގަބޫލު ކުރާ އެތައް ބަޔަކު އުޅޭ އިރު އެތަނުން ފެނުނު 2 އޭލިއަނެއް ކަމަށް ބުނެ، ރައްކާތެރިކޮށްގެން ގެންގުޅޭ ދޭތި މިއަދު މެކްސިކޯގެ ގާނޫނު ހަދާ މަޖިލީހަށް ގެންގޮސް ބޮޑު ބަހުސެއް ކޮށްފިއެވެ.
ރީތި ކުޑަވަރެއްގެ ދެފޮަށީގައި ބާއްވާފައި އޮތް 2 އޭލިއަން މަމީ [ގަބުރު] ކަމަށް ބުނާ ދޭތި ގެންގޮސް އެކަމާ ބެހޭ މީހުން މަޖިލީހުގައި ޕްރެޒެންޓޭޝަނެއް ދީފައި ވާ އިރު އެމީހުން ބުނީ، އެއީ ޕެރޫގެ ލަޒްކާ ލައިންސް އިން ހޯދި ދޭތި ކަމަށާއި އެއީ އޭލިއަންސް ކަމަށެވެ.
މިހާތަނަށް ހެދި ޓެސްޓްތަކުން އެއީ މި ދުނިޔޭގެ އެއްޗެއް ނޫން ކަން އެނގޭ ކަމަށާއި އެތަކެއްޗަށް 1000 އަހަރު ވެފައި ވެދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މި މީހުންގެ ވާހަކަތަކާ ގުޅިގެން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ ވަރުގަދަ ސުވާލުތައް ކުރިމަތި ކޮށްފައެވެ. ބައެއް މެންބަރުން ސުވަލު އުފައްދަމުން ބުނީ، އެއީ އޭލިއަންކަން ދެނެގަތީ ކިހިނެއްތޯ އާއި، އެ ފަދަ ވަސީލަތް މެކްސިކޯގައި ހުރިތޯއެވެ. ޖަވާބުގައި މެކްސިކޯ މިއުޒިމްގެ ފަރާތުން އޮފިޝަލުން ބުނީ، އެތަކެތި ބަލައި ތަހުލީލު ކުރީ އެކްސްރޭ ހަދައިގެން ކަމަށާއި، އެކަމުން ދެނެގަނެވެނީ އެއީ މި ދުނިޔެއާ ގުޅުން ހުރި އެއްޗެއް ނޫން ކަމަށެވެ. ނަމަވެސް އެކްސްރޭއިން އެއީ އޭލިއަން ކަން ނޭނގޭ ކަމަށާއި އިތުރު ތަހުލީލުތައް ކުރަން ޖެހޭ ކަމަށް ވެސް އެ އޮފިޝަލުން ބުނެއެވެ.
މީގެ ކުރިން މިފަދަ އޭލިއަންގެ ވާހަކަ ޕެރޫއިން ވެސް ދައްކާފައި ވާ އިރު، އޭރު ހެދި ޓެސްޓްތަކުން އެނގުނީ އެއީ އިހުޒަމާނުގައި އުޅުނު އިންސާނުން ކަރުދާހާއި ތެރަސް އަދި އެނޫން ތަކެތި ބޭނުން ކޮށްގެން ހަދާފައި ހުރި ބުދުތަކެއް ކަމަށެވެ.
ދެން ފެނުނު އެފަދަ އެއްޗެއްސަކީ އިހުޒަމާނުގައި މީހުން މަރުވީމައި ވަޅުލުމުގެ ކުރިން މުޅިގައިގައި ފޮތިއޮޅާ ކުނި ނުވާގޮތަށް ތައްޔާރު ކުރާ މަމީ ގޮތަށް ހަދާފައި ހުރި ކުޑަކުދިންގެ ހަށިތަކެއް ކަމަށެވެ. އެއާއެކު ގިނަ ފާޑުކިޔުންތައް އަމާޒުވެފައި ވާ އެ މައްސަލަ ނިމިފައި ވަނިކޮށް މެކްސިކޯގެ މިއުޒިއަމުން މިކަން ނެގުމުން އަނެއްކާ ވަނީ ފާޑުކިޔުންތައް އިތުރުވެފައެވެ.
ޕެރޫގެ ނަޒްކާ ލައިންސް އަކީ، އިހުޒަމާނުގައި އިސްކޮޅުން ދިގު ބިޔަ ބަޔަކު އުޅުނުކަން އެނގޭ ތާރީހީ ސަރަހައްދެކެވެ. ނަމަވެސް އެ ސަރަހައްދު މިހާރު ވަނީ ވަޅުލެވި ފޮރުވިފައި ކަމުން އެ ސަރަހައްދުގައި އަތްފުނާ އަޅާ ބަލައި ހޯދާ އާކިއޮލޮޖިސްޓުންނަށް ބިމުގެ އެތައް 100 ފޫޓު އަޑިން އޭލިއަން ސިފައަށް ހުންނަ ހަށިތައް ފެނެއެވެ.
އޭލިއަންގެ ވާހަކަ މެކްސިކޯގެ އިތުރުން ރަޝިއާ، އެމެރިކާ ފަދަ ގައުމުތަކުންވެސް ދޭތެރެ ދޭތެރެއިން ދައްކައެވެ. އެކްސްޓްރާޓެރެސްޓްރިއަލް [ދުނިޔެއިން ބޭރުން އަންނަ ގުޅުމެއް] ގެ ވާހަކަ ދައްކައެވެ. އަދި އެފަދަ ސިގްނަލްތައް ދެނެގަނެވިފައި ވާ ކަމަށާއި، ތަހުލީލުތައް ކުރަމުން ދާ ވާހަކަ ބުނެއެވެ. ބައެއް ފަހަރު އެ ގައުމުތަކުން ހޯދާ އާދަޔާ ހިލާފު ޓެކްނޮލޮޖީތަކުގައި އެފަދަ ހޯދުންތަކުން ލިބޭ މައުލޫމާތު ބޭނުން ކުރާ ވާހަކަވެސް ދައްކައެވެ.
ބޮލީބްޑާއި ހޮލީވްޑްގެ ފިލްމުތަކުގައި ނިކަން ގިނައިން އޭލިއަން އާއި އެފަދަ ގިނަ ގުޅުންތަކުން އިންސާނުން ހޯދާ ކުރިއެރުންތައް ދައްކައެވެ.
މިއަދު މެކްސިކޯގެ ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެންބަރުންވެސް ސުވާލު އުފައްދަމުން ދިޔައީ އެއީ އެފަދަ ކަމެއް ކަމުގައި ސިކުނޑީގައި ބަހައްޓައިގެންނެވެ.