މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކޯލިޝަން ހެދުމާމެދު އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަޝްވަރާ ކުރައްވައިފިއެވެ.
އދ. މާމިނގިލި އެއާޕޯޓުން ރައީސް ސޯލިހަށް، ގާސިމް މަރުހަބާ ވިދާޅުވެފައިވާއިރު ކޯލިޝަންގެ މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ސަން އައިލެންޑު ރިސޯޓުގައެވެ. ނަމަވެސް މިބައްދަލުވުމާ ބެހޭ އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. ދެވަނަ ބުރަށް މިމަހުގެ 11 ވަނަ ދުވަހު މުއިއްޒު ކެމްޕެއިން ފައްޓަވާފައިވާ އިރު، ރައީސް ސޯލިހްގެ ކެމްޕެއިން ފައްޓަވާ ކަމަށް ރޭ ޗާންދަނީ މަގުގައިި ހުންނަ އެމްޑީޕީ ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ އިއުލާން ކުރައްވާފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމްއަށް 5،460 ވޯޓު ލިބިވަޑައިގެންފައި ވާއިރު ކޯލިޝަން ހެދުމާމެދު ގާސިމް އަދި ގޮތް ނިންމާފައެއް ނުވެއެވެ. 2008، 2013 އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރައްވާފައި ވަނީ ގާސިމް ތާއީދު ކުރެއްވި ރިޔާސީ ކެންޑިޑޭޓުންނެވެ.
ކޯލިޝަން ހެދުމާމެދު ގާސިމް އަދި ގޮތް ނިންމާފައި ނުވާއިރު އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިން މޭޓް ހުސައިން މުހައްމަދު ލަތީފް އަދި އެ ޕާޓީގެ ލީޑަރުންގެ ޓީމެއްވަނީ ކޯލިޝަން ހެދުމާމެދު މަޝްވަރާ ކުރުމަށް ރޭގެ ވަގުތެއްގައި ސަން އައިލެންޑަށް ވަޑައިގެންފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ. މި ދެ ބޭފުޅުންނަށް އެންމެ ގިނަ ވޯޓު ލިބި 50 ޕަސެންޓް ވޯޓު އެއްވެސް ކެންޑިޑޭޓަކަށް ލިބިފައި ނުވާތީ އެ ދެބޭފުޅުން ވަނީ ދެވަނަ ބުރަށް ވަޑައިގެންފައެވެ.
ގާސިމާ ކޯލިޝަން ހެދިޔަސް 5000ވޯޓުގެ ބަދަލުގަ ތިން ހަތަރު މިނިސްޓްރީ ނުދޭތި އިބޫ