ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން އަމަލު ކުރާނެ ގޮތް ނިންމުމަށް މިއަދު ބާއްވަން ހަމަޖެހިފައި އޮތް ކައުންސިލު ބައްދަލުވުން ފަސްކޮށްފި އެވެ.

ކޯލިޝަން ހެދުމާމެދު ޖޭޕީން އަމަލު ކުރާނެ ގޮތަކާ މެދު ގޮތް ނިންމުމަށް ކައުންސިލްގެ ބައްދަލުވުމެއް ތާވަލް ކޮށްފައިވަނީ މިއަދު 16:00 އަށެވެ. ނަމަވެސް މި ބައްދަލުވުން ފަސްކޮށްފައިވަނީ ކޯލިޝަން ހެދުމާމެދު ޕާޓީތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތައް އަދި ނިމިފައި ނުވާތީއެވެ.

އެގޮތުން އެމްޑީޕީގެ ފަރާތުން މަޝްވަރާ ކުރުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ސަން އައިލެންޑު ރިސޯޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެހެންމެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިން މޭޓް ހުސައިން މުހައްމަދު ލަތީފް އަދި އެ ޕާޓީގެ ލީޑަރުންގެ ޓީމެއްވަނީ ކޯލިޝަން ހެދުމާމެދު މަޝްވަރާ ކުރުމަށް ގާސިމްގެ އަރިހަށް ރޭގެ ވަގުތެއްގައި ވަޑައިގަންފައެވެ.

ރައީސް ސޯލިހްގެ މި ސަރުކާރު ގެނައުމުގައި ޖުމްހޫރީ ޕާޓީއިން ވަނީ އެމްޑީޕީއާއެކު ކޯލިޝަން ހަދާ ގިނަ މަސައްކަތެއް ކޮށްފައެވެ. ނަމަވެސް މި އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ގާސިމް ވަނީ ވަކިން އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމްއަށް 5،460 ވޯޓު ލިބިވަޑައިގެންފައިވާއިރު ކޯލިޝަން ހެދުމާމެދު ގާސިމް އަދި ގޮތް ނިންމާފައި ނުވާއިރު 2008، 2013 އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރައްވާފައި ވަނީ ގާސިމް ތާއީދު ކުރެއްވި ރިޔާސީ ކެންޑިޑޭޓުންނެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަށް އިންތިހާބުގައި ލިބިވަޑައިގަތީ އެންމެ 5،460 ވޯޓެވެ. މިއީ 22،000 އަށްވުރެ ގިނަ މެންބަރުން ތިބި ޖޭޕީއަށް މިފަދަ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރުވެސް މެއެވެ. ސިޔާސީ މައިދާނުގައި ގާސިމް އަކީ "ކިންގް މޭކާ" ގެ ގޮތުގައި ފާހަގަވަމުން އައި ނަމަވެސް މިފަަހަރުގެ ނަތީޖާއަށް ބަލާ ޖޭޕީގައި ތިބި މެންބަރުންގެ ސައްހަ ކަމާ މެދު އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 8 ކެންޑިޑޭޓަކު ވާދަ ކުރެއްވިއިރު އިންތިހާބުގެ ކިންގް މޭކާ ގެ ލަގަބު މިފަހަރު ހޯއްދެވީ ދަ ޑިމޮކްރަޓްސްގެ ކެންޑިޑޭޓް އަދި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އިލްޔާސް އަށް 15،835 ވޯޓު ލިބިވަޑައިގެން ވަނީ 3 ވަނަ ހޯއްދަވާފައެވެ.