އުތުރު ކޮރެއާގެ ސްޕޭސް ޓެކްނޮލޮޖީ ފުޅާކޮށް ސެޓެލައިޓް ހަދަން އެހީތެރިވެދޭނެ ކަމަށް އެއްގަމު މަގުން ރޭލުގައި ރަޝިއާ އަށް ވަޑައިގެންނެވި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާ ބައްދަލު ކުރައްވާ ޕުޓިން ވިދާޅުވެއްޖެއެވެ.

ރަޝިއާގެ ރައީސް ވަލްޑިމިއާ ޕުޓިންގެ ތަރުޖަމާނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއަ ރިޕޯޓުތައް ބުނާގޮތުން، އެ ދެވެރިން އެކި ދާއިރާތަކުން މަޝްވަރާ ކުރައްވާނެ ކަމަށާއި އޭގެ ތެރޭގައި އުތުރު ކޮރެއާގެ ހަތިޔާރު ރަޝިއާއިން ހޯދުމާ ގުޅޭ މަޝްވަރާތައް ވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

އޭގެ ތެރޭގައި އިގްތިސޯދީ ދާއިރާތަކުންނާއި، ދޭދޭ ގުޅުމުގެ ދާއިރާއިންނާއި އިންސާނީ ހައްގުތަކާ ގުޅޭ ދާއިރާގެ އިތުރުން ސަރަހައްދީ ހަމަނުޖެހުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރާން ވަނީ ހަމަޖެހިފައެވެ.

މިއަދު ޕުޓިން ކިމް އަ ބައްދަލު ކުރެއްވީ، ރަޝިއާގެ ސްޕޭސް އެޖެންސީއެއްގައެވެ. އެތަނުގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވެފައި ވަނީ، އުތުރު ކޮރެއާއިން ހޯދަން މަސައްކަތް ކުރާ ސެޓެލައިޓް ޓެކްނޮލޮޖީގައި ރަޝިއާއިން އެހީވާނެ ކަމަށެވެ.

ގައުމުން ބޭރަށް ވަޑައިނުގަންނަވާތާ 4 އަހަރަށް ފަހު ކިމް ގެ މިދަތުރުގައި ރަޝިއާއިން އެންމެ ފަހުން އުފެއްދި 'އަންގަރާ' ރޮކެޓް ބައްލަވާލައްވައި ގިނަ ސުވާލުތައް ކުރައްވާފައި ވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ދެ ވެރިންގެ ބައްދަލުވުމުގައި ދެގައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާއިރު، ދެގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ވެސް ގާއިމު ކުރާނެ ކަމަށް ހަބަރުތައް ބުނެއެވެ.

އުތުރު ކޮރެއާ އަކީ ރަޝިއާއިން ޔޫކްރައިން ގައި ކުރާ ހަނަގުރާމަ އަށް ތާއީދު ކުރާ ގައުމެކެވެ. ނަމަވެސް އެގައުމުން އަދި މިހާތަނަށް ހަތިޔާރު ސަޕްލައި ކޮށްދީފައެއް ނުވެއެވެ.

އެމެރިކާގެ ތުހުމަތަކީ، ރަޝިއާއިން މަސައްކަތް ކުރަނީ އުތުރު ކޮރެއާއިން ހަތިޔާރު ހޯދުމަށް ކަމަށާއި އެކަމަށް ފާރަވެރިވެގެން ތިބި ކަމަށެވެ.

އުތުރު ކޮރެއާއިން ސްޕޭސް ސެޓެލައިޓުގެ ޓެކްނޮލޮޖީއަށް ޝައުގުވެރިކަން ފާޅުކޮށްފައި ވާ އިރު އެގައުމަކީ ޖައްވައް ސެޓެލައިޓް ފޮނުވަން މަސައްކަތް ކުރާ ގައުމެކެވެ. ދާދި ފަހުން ތަޖުރިބާ ކުރި އެފަދަ 2 ސެޓެލައިޓެއް ވަނީ އަރަންވާ ހިސާބަށް ނާރާ ގޮވާފައެވެ.