ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލު ކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ސަން އައިލެންޑު ރިސޯޓަށް ވަޑައިގައިގަންނަވާނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކޯލިޝަން ހެދުމާމެދު މަޝްވަރާ ކުރެއްވުމަށް ރައީސް ސޯލިހް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް ސޯލިހްގެ މި ސަރުކާރު ގެނައުމުގައި ޖުމްހޫރީ ޕާޓީއިން ވަނީ އެމްޑީޕީއާއެކު ކޯލިޝަން ހަދާ ގިނަ މަސައްކަތެއް ކޮށްފައެވެ. ނަމަވެސް މި އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ގާސިމް ވަނީ ވަކިން އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމްއަށް 5،460 ވޯޓު ލިބިވަޑައިގެންފައިވާއިރު ކޯލިޝަން ހެދުމާމެދު ގާސިމް އަދި ގޮތް ނިންމާފައެއް ނުވެއެވެ. 2008، 2013 އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރައްވާފައި ވަނީ ގާސިމް ތާއީދު ކުރެއްވި ރިޔާސީ ކެންޑިޑޭޓުންނެވެ.
ކޯލިޝަން ހެދުމާމެދު ގާސިމް އަދި ގޮތް ނިންމާފައިނުވާއިރު އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިން މޭޓް ހުސައިން މުހައްމަދު ލަތީފް އަދި އެ ޕާޓީގެ ލީޑަރުންގެ ޓީމެއްވަނީ ކޯލިޝަން ހެދުމާމެދު މަޝްވަރާ ކުރުމަށް ރޭގެ ވަގުތެއްގައި ސަން އައިލެންޑަށް ވަޑައިގެންފައެވެ.