ދިވެހިރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރާއްޖޭގެ ރައީސް އިބްރާހީމް ސޯލިހު ފޮނުއްވި ސިޓީ ލީކްވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އެ ސިޓީ ދައުރުވަމުން ދާއިރު އެ ސިޓީއަކީ ސައްހަ ސިޓީއެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތު ކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީ ވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ.

ޗާގޯސްގެ ސިޔާދަތީ ބާރާ ގުޅޭގޮތުން އދ. ގައި ދެން އެންމެ އަވަހަށް ނަގާ ވޯޓެއްގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެ ކަމަށެވެ.

މީގެ ކުރިން މި ސިޓީ ހޯދަން ގިނަ ބަޔަކު މަސައްކަތްތަކެއް ކުރި ނަމަވެސް ރައީސް އޮފީހުން ބުނެފައިވަނީ ދެ ގައުމެއްގެ ވެރިންގެ ދެމެދުގައި ހިނގާ ވާހަކަތަކަކީ ސިއްރު ވާހަކަތަކެއް ކަމުން ހާމަ ކުރެވެން ނެތް ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް އެއް ބުރުން އިންތިހާބު ކާމިޔާބުވެ ވަޑައިނުގަތުމާއެކު މި ސިޓީ ލީކުވުމާ ގުޅިގެން ގިޔަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި އެއީ އަސްލެއް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. މި ސިޓީ ލީކުވެފައި ވާއިރު ރާއްޖޭގެ ކަނޑުގެ އެއްބައެއް މިހާރަކު ނެތެވެ.

ކަނޑުގެ މައްސަލައިގައި އިޓްލޮސްގައި ނިމިދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.