ޑައިރެކްޓަރު އެޓްލީ ޕްރޮޑިއުސްކުރާ އެކްޝަން ފިލްމެއްގެ ޝޫޓިންގެ ތެރެއިން އަނިޔާވެ އެ ފިލްމުގެ މަސައްކަތުން ބްރޭކެއް ނެގުމަށްފަހު ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ވަރުން ދަވަން ރާއްޖެ އަތުވެއްޖެއެވެ.
2012 ވަނަ އަހަރު ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފްވި ވަރުން ރާއްޖެ އައިސްފައިވަނީ އޭނާ އަނބިމީހާ ނަތަޝާ ދަލާލް އާއެކުގައެވެ. ރާއްޖޭގެ ހިތްގައިމު ރިސޯޓެއް ކަމަށްވާ ރިޒް ކާލްޓަން މޯލްޑިވްސްގަ ވަރުން ޗުއްޓީ ހޭދަކުރަމުން އަންނައިރު އެކްޓަރު ވަނީ ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް އޭނާގެ ސޯޝަލް މީޑިއާއަށް ހިއްސާކޮށްފައެވެ. އިންސްޓަގްރާމްގައި އެ ފޮޓޯތައް ހިއްސާކުރަމުން ވަރުން ބުނީ ރާއްޖެ އަކީ އޭނާގެ "ހެޕީ ޕްލޭސް" ކަމަށެވެ. މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ވަރުން ރާއްޖެ އައިސްފައިވާއިރު އެކްޓަރު ވަރުން އަކީ ރާއްޖެ އާ އެންމެ ގާތް ގުޅުމެއް އޮންނަ ތަރިންގެ ތެރެއިން ތަރިއެކެވެ.
އެކްޓަރު އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ މަހު އެމެޒޮން ޕްރައިމް ވީޑިއޯ އިން ސްޓްރީމް ކުރި "ބަވާލް" އިންނެވެ. ޖާންވީ ކަޕޫރުއާއެކު އެ ފިލްމުން ފެނިގެންދިޔައިރު ގިނަ ބައެއްގެ ތަރުހީބު ވަނީ އެ ފިލްމަށް ލިބިގެން ގޮއްސައެވެ. ވަރުންގެ އަތުގައި ދެ ޕްރޮޖެކްޓެއް އޮތް އިރު އޭނާ އަކީ ބޮލީވުޑްގެ ޑިމާންޑް ބޮޑު ތަރިންގެ ތެރޭ ހިމެނޭ އެކްޓަރެކެވެ.