ރިޔާސީ އިންތިހާބުގެ ކުރިއަށް އޮތް ދެވަނަ ބުރުގެ މަޝްވަރާތަށް، ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ކުރިއަށްދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވި ވާހަކަ، ނަޝީދުގެ އަރިސް އަދި ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ދޮގުކުރައްވައިފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ ނަޝީދުއާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި ދެ ރައީސުން [ރައީސް ނަޝީދު އަދި ރައީސް ސޯލިހު] އެކުގައި ފެންނާނެ ކަމުގެ އުންމީދު ބޮޑުކަމަށެވެ.
ރައީސް ނަޝީދާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ވިދާޅުވެ ފައްޔާޒް ދެއްކެވި ވާހަކަތަކަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރައްދު ދެއްވަމުން ވިދާޅުވީ އެއްވެސް އިރަކު ނަޝީދާއި ރައީސް ސޯލިހު މަޝްވަރާ ކުރައްވަމުން ނުގެންދަވާ ކަމަށެވެ. "ތިހާ ދޮގު ހެދުމަކީ ރަނގަޅު ކަމެއް ނޫން، ފައްޔާޒް" އާޒިމް ވިދާޅުވިއެވެ.
ފައްޔާޒް މިގޮތަށް ވިދާޅުވެފައި ވާއިރު އިއްޔެ ރައީސް ނަޝީދުވެސް ވަނީ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު އަށް ތާއިދު ކުރައްވަފާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ. ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މި 5 އަހަރަށް ވުރެ އަންނަ 5 އަހަރުގައި ހަރުކަށި ފިކުރަށް ޖާގަ ދިނުން، ވަކި ބޮޑުވެދާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 86،151 (39.05 ޕަސެންޓު) ވޯޓާ އެކު ދެވަނައެވެ. އިންތިހާބުގެ އެއްވަނަ ހޯއްދަވާފައި ވަނީ 101،613 (46.06 ޕަސެންޓު) ވޯޓާ އެކު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ.
މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީން ޕާޓީތަކާ މަޝްވަރާ ކުރަމުންދާ ކަން ފާހަގަ ކުރައްވަމުން އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ ދެ ވަނަ ބުރުގައި އެކީގައި މަސައްކަތް ކުރުމާ މެދު ދެތިން ޕާޓީއަކުން ފެހި ސިގްނަލް ދީފައިވާ ކަމަށެވެ.