މަސް ހިފަން މޫދަށް ފައިބައިގެން އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިންނަށް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އެ މީހާ ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއެކު، އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން، ކަނޑުމަގުންނާއި އެ ސަރަހައްދުގެ ގޮނޑުދޮށުގައި ހަރަކާތްތެރިވެ އެމީހާ ހޯދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ،

އެ މީހާ ފެނިފައި ވަނީ ގޮނޑުދޮށުގައި ހަރަކާތްތެރިވަމުން ދިޔަ ސިފައިންނަށް، މިއަދު ހެނދުނު 11:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މިހާރު އެމީހާ ކޯސްޓްގާޑުގެ ސިފައިންގެ އެހީތެރިކަމާއެކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ ހުޅުމާލެ އިރުމަތި ފަރާތު ފަރު ކައިރިއަށް ކުދިމަސް ހިފުމަށް ފޭބި ބިދޭސީއަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިއަދު ހެނދުނު 10:25 ހާއިރު ކަމަށެވެ. އަދި މައުލޫމާތު ލިބުނު ގޮތުގައި އެމީހާ މަސް ހިފުމަށް ފައިބާފައި ވަނީ މިއަދު ހެނދުނު 08:30 ހާއިރު ކަމަށެވެ.