ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއްގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދަން ޕީޕީއެމް އިން ބޭނުން ނުވާކަން 'ދަ ޕްރެސް' އަށް އެނގިއްޖެއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާ ނުކުރަން އިދިކޮޅު މައި ޕާޓީގެ ލީޑަރު އަބްދުﷲ ޔާމީންގެ ސީދާ އިރުޝާދެއް ވެސް އެބައޮތެވެ.

ޕީޕީއެމް އިން ޖޭޕީ އާއެކު ކޯލިޝަން ހަދަން ބޭނުން ނުވާ ސަބަބުތަކުގެ ތެރޭގައި، މިހާރު ޖޭޕީ އަކީ 'ކިންގް މޭކާ' އަށް ނުވުމުގެ އިތުރުން ސިޔާސީ ބުރަދަނެއްވެސް ނެތުމާއި، ކޯލިޝަނެއް ހަދާނަމަ ކެބިނެޓުގެ ގިނަ މަގާމުތައް ދޭން ޖެހުމުގެ އިތުރުން ދައުލަތުގެ ހަރު މުދާވެސް ދޭން ޖެހުން ހިމެނޭކަން ވެސް ވަނީ އެނގިފައެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ލިބިފައި ނުވުމުން އިންތިހާބުގެ ދެވަނަ ބުރަކަށް ދާން ޖެހިފައިވާއިރު އިންތިހާބުގެ އެއްވަނަ ހޯއްދަވާފައި ވަނީ 101،613 (46.06 ޕަސެންޓު) ވޯޓާ އެކު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ.

އެކަމުގެ އުފާ ފާޅު ކުރުމަށް ރޭ އާޓިފިޝަލް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ފުރަތަމަ ބުރުން ނާކާމިޔާބުވި ހަ ކެންޑިޑޭޓުންނަށް މުއިއްޒު ވަނީ ކޯލިޝަން ހެއްދެވުމަށް ދައުވަތު އަރުއްވާފައެވެ. ނަމަވެސް 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން ޖޭޕީއާއެކު މަޝްވަރާ ނުކުރުމަށް މިހާރު ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ޕީޕީއެމް އިން ޖޭޕީއާ މަޝްވަރާ ނުކުރި ނަމަވެސް އެހެން ފަރާތްތަކާއެކު ނުރަސްމީ އަދި ރަސްމީ މަޝްވަރާތައް ކުރިއަށް ދާ ކަމަށް ޑރ. މުހައްމަދު މުއިއްޒުގެ ސްޕޯކްސްޕާން އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވަނީ ވިދާޅުވެފައެވެ.

އެގޮތުން މަޝްވަރާ ކުރާ ފަރާތްތަކީ ޕީޕިއެމް އާއި ޕީއެންސީން ގަބޫލު ކުރާ އުސޫލުތަކާއި ހަމަތައް ގަބޫލު ކޮށް 'އެންމެ ފުރަތަމަ ގައުމު' އިސްކުރާ ފަރާތްތައް ކަމަށާއި، އެ އުސޫލުތަކާއި ހަމަތައް ގަބޫލު ނުކުރާ އެއްވެސް ބަޔަކާއެކު ކުރިއަށް ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަށް އިންތިހާބުގައި ލިބިވަޑައިގަތީ އެންމެ 5،460 ވޯޓެވެ. މިއީ 22،000 އަށްވުރެ ގިނަ މެންބަރުން ތިބި ޖޭޕީއަށް މިފަދަ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރުވެސް މެއެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 8 ކެންޑިޑޭޓަކު ވާދަ ކުރެއްވިއިރު އިންތިހާބުގެ ކިންގް މޭކާ ގެ ލަގަބު މިފަހަރު ހޯއްދެވީ ޑިމޮކްރަޓްސްގެ ކެންޑިޑޭޓް އަދި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އިލްޔާސް އަށް 15،835 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.

އިންތިހާބުގައި ދެވަނަ ބުރަށް ދިޔަ ދެ ޕާޓީން ވެސް އެންމެ އިސްކަމެއް ދޭނީ ޑިމޮކްރަޓްސް އާއެކު ކުރިއަށް ދިއުމަށެވެ. ނަމަވެސް ޑިމޮކްރަޓްސް އިން ތާއީސު ކުރާނެ ވަކި ފަރާތެއް ރަސްމީކޮށް ހާމަކޮށްފައި ނުވާއިރު އެ ޕާޓީގެ މެންބަރުން ތަކުރާރު ކޮށް ބުނަމުން ދަނީ ރައީސް ސޯލިހުގެ ފަހަތްޕުޅަށް ނާރާނެ ކަމަށެވެ.