ދަރުމާ ޕްރޮޑަކްޝަންގެ އެންމެ ފަހުގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ސިނަމާތަކުގައި އެޅުވީއްސުރެ މި ފިލްމު ބެލުމަށް އިންތިޒާރުކުރެވުނެވެ. މާލޭ އަދި ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާގައި މި ފިލްމު އަޅުވާނެ ކަން އެނގުމުން މި ފިލްމު ބަލަން ދިޔުމަށް މަސައްކަތްކުރީމެވެ. ނަމަވެސް ކަންދިމާކުރި ގޮތުން މި ފިލްމު ބަލަން ނުދެވުނެވެ. ދެން އިންތިޒާރުކުރެވުނީ މި ފިލްމުގެ ސާފު ކޮޕީ އެއް ނުކުންނާނެ ދުވަހަކަށެވެ. ގާތްގަނޑަކަށް މަސް ދުވަހުގެ އިންތިޒާރަކަށްފަހު މި ފިލްމު ވެސް ބެލިއްޖެއެވެ.

ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅުގެ އިތުރުން ދެހާހުގެ ކުރީކޮޅުގައި ބޮލީވުޑް ގެ އަސަރު ގަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ކަރަން ޖޯހަރު މިވަނީ އަނެއްކާވެސް ރަންޒަމާނުގެ ހަނދާންތައް ވަރަށް ފުރިހަމަ އަށް އާކޮށްދީފައެވެ. ޒަމާނާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ މި ފިލްމަަކީ ތާރީހީ ފިލްމެކެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ބޮލީވުޑް ދުށް އެންމެ މޮޅު އެކްޓަރުންގެ ތެރޭގައި ހިމެނޭ ދަރުމެންދުރަ، ޖަޔާ ބައްޗަން އަދި ޝަބާނާ އަޒްމީގެ އެކްޓިން ފެނިލުމުގެ ނަސީބު މި ފިލްމު މެދުވެރިކޮށް އަނެއްކާވެސް ލިބުނެވެ.

  • ތަރިން

ރަންވީރު ސިންހް (ރޮކީ)، ދަރުމެންދުރަ (ކަންވާލް ލަންޑު/ރޮކީގެ ކާފަ)، ޖަޔާ ބައްޗަން (ދަންލަކްޝްމީ/ރޮކީގެ މާމަ)، ޝައިތީ ޖޮގް (ޕޫނަމް ރަންދާވާ/ރޮކީގެ މަންމަ)، އާމިރު ބަޝީރު (ތިޖޯރީ/ރޮކީގެ ބައްޕަ)، އަންޖަލީ އާނަންދު (ގަޔަތްރީ/ ރޮކީގެ ދައްތަ)، އާލިއާ ބަޓް (ރާނީ)، ޝަބާނާ އަޒްމީ (ޖާމިނީ/ރާނީގެ މާމަ)، ޓޯޓާ ރޯއީ (ޗަންދަން ޗަތްރަވޭދީ/ރާނީގެ ބައްޕަ) އަދި ޗުރްނީ ގަންގޯލީ (އަންޖަލީ ޗަތްރަވޭދީ/ރާނީގެ މަންމަ) އެވެ.

  • މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

ދަންލަކްޝްމީގެ ހަޔާތް ފެށިގެން އަންނަނީ އޭނާ ކަންވާލް އާ ކައިވެނިކޮށް އެގެއަށް ބަދަލުވާ ހިސާބުންނެވެ. ފިރިމީހާގެ ކިބައިގައި އޭނާއަށް އެއްވެސް ކަމުދާ ސިފައެއް ނެތުމުންނާ އޭނާ އަށް ކަމުދާ ވަޒީފާއެއްގައި ކަންވާލް ނޫޅޭތީ ދަންލަކްޝްމީ، ކަންވާލް އަށް ނަފުރަތުކުރެއެވެ. ޅެން ހެދުމާއި، ޅެން ކިޔުމަށް އަބަދުވެސް ޝައުގުވެރިކަން ހުންނަ ކަންވާލް ގެ މުޅި ދިރިއުޅުން ބަދަލުކޮށްލަނީ ޖާމިނީ އާ ދިމާވާ ހިސާބުންނެވެ. އޭރު ޖާމިނީ ވެސް އުޅެނީ މީހަކާ އިނދެގެންނެވެ. ނަމަވެސް ހާލަތު ނިޔާކުރިގޮތުން ދެމީހުންގެ އާއިލާއިން ވެސް އެދެމީހުން ބާކީކޮށްލާފައި ހުރުމުގެ ސަބަބުން ދެމީހުންނަށް އެކަކު އަނެކަކުގެ އުދާސްތައް ހިއްސާކުރެވި ލޯބިވެވެއެވެ. އަދި ސިއްރިއްޔާތުގައި އެ ގުޅުން ކުރިއަށް ގެންދެއެވެ. ނަމަވެސް އެންމެފަހުން ދެމީހުން ވިސްނީ އެންމެ ރަނގަޅު ގޮތަކީ ދެމީހުން ވަކިވެ އާއިލާ އާއެކު އުޅުން ކަމަށެވެ. އެހެންކަމުން ދެމީހުންގެ ގުޅުން ނިންމާލިއެވެ. ދަންލަކްޝްމީ އާއި ކަންވާލް އަށް ލިބުނު ހަމައެކަނި ދަރިފުޅު ތިޖޯރީ އޭނާގެ އަމިއްލަ ބައްޕަގެ ލޯބިން ދަންލަކްޝްމީ ދުރުކޮށްލީ ބައްޕަގެ ޅެމުގެ ހުނަރު ދަރިފުޅަށް ލިބިދާނެތީއެވެ. ދިމާވި ހާދިސާއަކުން ކަންވާލުގެ ހަނދާންތައް އެއްކޮށް ފުހެވިގެންދެއެވެ. ތިޖޯރީ ވެސް މީހަކާ ކައިވެނިކުރާ ހިސާބަށް ދިޔުމުން ޕޫނަމް އާ ކައިވެނިކުރެއެވެ. އަދި ދެމީހުންނަށް އަންހެން ކުއްޖަކާ ފިރިހެން ކުއްޖެއް ލިބުނެވެ. އެއީ ރޮކީ އާއި ގަޔަތްރީއެވެ. ރޮކީގެ ގޭގައި ބަސްވިކެނީ ހަމައެކަނި ދަންލަކްޝްމީގެ ބަހެވެ. އޭނާގެ ބާރާ ނުފޫޒު އެންމެންނަށް ފޯރުވައެވެ.

ފިލްމުގެ ތަރިން----

މިހެން އުޅުމުގެ ތެރޭގައި ކަންވާލްގެ ހަނދާންތައް ކޮންމެވެސް ވަރަކަށް ހަނދާނަށް އައެވެ. ހަމައެކަނި ޖާމިނީގެ ނަން ކަންވާލްގެ ހަނދާނަށް އައުމުން ރޮކީ ޖާމިނީ ހޯދުމުގެ މަސައްކަތް ފަށައެވެ. ކަންދިމާކުރި ގޮތުން ޖާމިނީ ވެގެންދިޔައީ ރާނީގެ މާމައަށެވެ. ރާނީ އަކީ ވަރަށް ވަރުގަދަ ނޫސްވެރިއެކެވެ. އަންހެނުންގެ ހައްގުތަކާ މެދު ވަކާލާތު ކުރާ އަންހެކެވެ. ރާނީ ގެ އޮފީހަށް ރޮކީ އާދެއެވެ. މިއީ ދެމީހުންގެ ލޯބީގެ ވާހަކަ ފެށޭ ހިސާބެވެ. ދެމީހުން އެކުގައި ވާހަކަދެއްކި ވަރަކަށް ދެމީހުންގެ މާމަ އާއި ކާފަ އަކީ ކުރީގެ ދެލޯބިވެރިކަން ހާމަވެއެވެ. އަދި އެ ގުޅުން ނިންމާލަންޖެހުނީ އާއިލާއަށްޓަކައި ކަން ހާމަވެއެވެ. ކަންވާލްގެ ހަނދާންތައް އެނބުރި ގެނައުމަށް ރޮކީ ޖާމިނީގެ އެހީތެރިކަމަށް އެދެއެވެ. އަދި ޖާމިނީ އެކަން ފުރިހަމަކޮށްދެއެވެ. ރަންޒަމާނުގެ ރީތި ހިންދީ ލަވަތައް ފިލްމުގައި ހިމަނާފައިވެއެވެ. ކަންވާލް އަށް ހަނދާންތައް އާކޮށްދިނުމުގެ ތެރޭގައި ރޮކީ އާއި ރާނީ އަށް އެކަކު އަނެކަކު ދެކެ ލޯބިވެވެއެވެ. ނަމަވެސް ދެމީހުންވެސް އެންމެ ބޮޑަށް ހާސްވީ ދެމީހުންގެ އާއިލާ ވެސް ތަފާތު ކަމުންނެވެ. ރޮކީގެ އާއިލާ އަކީ މުއްސަނދި އާއިލާއަކަށްވެފައި ރާނީގެ އާއިލާ އަކީ މެދުފަންތީގެ އާއިލާއަކަށްވުމެވެ. ދެ އާއިލާގެ ވިސްނުންވެސް ވަރަށް ތަފާތެވެ. ހަގީގަތުގައި ރޮކީ ހާސްވީ އޭނާގެ މާމަ ދަންލަކްޝްމީ އާއި ބައްޕަ ތިޖޯރީ ކަންތައްކުރާނެ ގޮތާ މެދު ވިސްނާފައެވެ.

އެތައް ވަރަކުން ދެމީހުންގެ އާއިލާވެސް އެއްބަސްކުރުވައިގެން ތިން މަސްދުވަހަށް ރާނީ، ރޮކީގެ ގެއަށް ބަދަލުވެއެވެ. އަދި ރޮކީ، ރާނީގެ ގެއަށް ބަދަލުވެއެވެ. ކައިވެނީގެ ކުރިން ދެފަރާތުގެ މީހުންނާއެކު އުޅެވޭތޯ ބެލުމަށެވެ. ނަމަވެސް ކަންތައްވެގެންދިޔައީ އުންމީދުކުރި ގޮތަކަށް ނޫނެވެ. ދަންލަކްޝްމީގެ ޒީލަގަދަ ކަމުން ރާނީ އަށް އެގޭގައި ހުރުމަށް ދަތިވެއެވެ. ނަމަވެސް ރާނީ އެގޭގައި މަޑުކުރީ އެގޭގައި ކަންތައްތައްވާ ގޮތާމެދު ހިތްހަމަނުޖެހިގެންނެވެ. އެމީހުންގެ ވިސްނުން ބަދަލުކުރެވޭތީ ރާނީ ވަރަށް މަސައްކަތްކުރެއެވެ. ޝައުގުވެރި އެތައް މަންޒަރުތަކެއް މި ފިލްމުން ފެނިގެންދިޔައިރު ކުރީ ޒަމާނުގެ ހިންދީ ފިލްމުތައް މަތިން އާވެގެންދިޔައެވެ. އަދި ފިލްމުގެ ވަކި ހިސާބަކުން ލޮލުން ކަރުނަ އަންނަން ފެށިއެވެ. އަސަރުގަދަ ފިލްމެކެވެ. ފިލްމުގައި ދެން ކަންތައްވެގެންދާ ގޮތް ބަލާލާށެވެ. ހަމަގައިމުވެސް "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ކުރީގެ ފިލްމުތައް މަތިން ހަނދާން އާކޮށްދިން ފިލްމެކެވެ. އޭރުގެ ރީތި ހިންދީ ލަވަތައް މަތިން ހަނދާންކޮށްދިން ފިލްމެކެވެ. އޭރުގެ މޮޅެތި އެކްޓަރުންގެ އެކްޓިން ފެނިގެންދިޔަ ފިލްމެކެވެ. މި ފިލްމަކީ ކްލާސިކް ލަވް ސްޓޯރީއެކެވެ.