ހއ. އިހަވަންދޫގައި ބެހެއްޓި 3 ނަންބަރު ވޮޓު ފޮށީގައި އޮތް ބާތިލް ވޯޓެއްގެ މައްސަލައިގައި އުފެދުނު ހަމަނުޖެހުމެއްގެ ތެރޭގައި އެ ރަށު ކައުންސިލްގެ މެންބަރު އަހުމަދު ރިޟްވާނަށް އަނިޔާވެ އެއަތޮޅު ދިއްދޫން ފަރުވާ ދޭން ޖެހިއްޖެއެވެ.

އިއްޔެ އޮތް ރިޔާސީ އިންތިހާބުގެ ވޯޓަށް ފަހު ވޯޓު ގުނުމުގެ މަރުހަލާގައި އުފެނުނު ހަމަނުޖެހުމާއެކު ވޯޓު ގުނުން މެދުކެނޑުމަށް ފަހު ރޭ 11 ޖަހަނިކޮށް އަލުން ގުނަން ފެށުމާއެކު މަޝްރަހު އިތުރަށް ހޫނުވިއެވެ.

އިހަވަންދޫގައި ތިބި "ދަ ޕްރެސް" ގެ މަންދޫބުން ބުނީ، ވޯޓު ގުނަން ފެށިއިރު އެތެރޭގައި ތިބީ މަދު އަދަދެއްގެ އޮބްޒާވަރުންނާއި މަންދޫބުން ކަމަށެވެ.

ހަމަނުޖެހުމާ ގުޅިގެން ފުލުހުން ބައެއް އޮބްޒާވަރުންނާއި މަންދޫބުން ބޭރަަށް ނެރުމާއެކު އާންމުން އަރައިގަނެ ހިނގި ހަމަނުޖެހުމުގައި ކައުންސިލްގެ މެންބަރުގެ އަތް ބިންދައިގެން ދިޔަ ކަމަށް މައުލޫމާތު ލިބުނެއެވެ. އެއާއެކު އޭނާ އެރަށު ޢަމިނާދިޔޯ ސިއްހީ މަރުކަޒަށް ގެންދިޔަ ނަމަވެސް އެކްސްރޭ ނެގޭނެ ފަދަވެސް ނެތިގެން އެއަތޮޅުގެ ވެރިރަށް ދިއްދުއަށް ގެންދިޔައެވެ.

އެކަމުގައި އިހަވަންދޫ ޕީޕީއެމް، ޕީއެންސީ ކެމްޕެއިން އޮފީހުގެ ފަރާތުން އޭނާއަށް އެހީތެރި ވެދީފައި ވާ އިރު ކައުންސިލް މެންބަރުބު މުހައްމަދު ޒާހިރު ވިދާޅުވީ ރިޟްވާނު ދިއްދުއަށް ފުރުވާލަން ޖެހުނީ އިހަވަންދޫން ފަރުވާ ދެވެން ނެތުމާއި އާސަންދަ ހަމަޖެއްސުމަށް ވެސް ގިނަ ވަގުތުތަކެއް ނަގާފާނެ ކަމަށް ބެލެވިގެން ކަމަށެވެ.

ކައުންސިލް މެމްބަރު ޒާހިރު މަޢުލޫމާތު ދެއްވި ގޮތުގައި ރިޟްވާނުގެ މެއަށާއި އަތަށް ލިބިފައިވާ އަނިޔާތަކަށް އިތުރު ފަރުވާ ވަގުތުން ވަގުތަށް ބޭނުންވެއެވެ.

މި ހަމަނުޖެހުން ހިނގަން މެދުވެރި ވީ، އިހަވަންދޫގެ 3 ނަންބަރު ވޯޓް ފޮށީގައި އޮތް ވޯޓެއް، ބާތިލް ވޯޓެއް ކަމަށް ކަނޑައެޅުމާއެކު އުފެދުނު ހިޔާލު ތަފާތުވުމުގެ ސަބަބުންނެވެ.

އެއާއެކު ވޯޓު ގުނުން މެދުކަނޑާލާފައި އޮތުމަށް ފަހު އަލުން ފެށުމާއެކު ހަމަނުޖެހުން އިތުރަށަ ހޫނުވެ ހަމަނުޖެހުން ހިނގީއެވެ.

[އެކްސްޓާނަލް ސައިޓްތަކުގައި ހުންނަ ކޮންޓެންޓަށް 'ދަ ޕްރެސް' އިން ޒިންމާއެއް ނުވާނެއެވެ.]

އިންތިހާބުގައި މިފަހަރު ވޯޓު ލީ މީހުންގެ ނިސްބަތަކީ 79.6 ޕަސެންޓެވެ.

އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 282،395 މީހުންގެ ތެރެއިން 224،786 މީހުންނެވެ. އެހެންކަމުން ވޭތުވެދިޔަ އެހެން ރިޔާސީ އިންތިހާބުތަކަށް ވުރެ ވޯޓުލީ މީހުންގެ ނިސްބަތް މިފަހަރު މަދުކަން ފާހަގަކުރެވެއެވެ.

2013 ވަނަ އަހަރުގެ އިންތިހާބުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ އަހަރު ވޯޓުލެވޭ 239،165 މީހުންގެ ތެރެއިން ފުރަތަމަ ބުރުގައި 208،504 މީހުން (87.2 ޕަސެންޓު މީހުން) ވޯޓުލިއިރު، ދެވަނަ ބުރުގައި 218،619 މީހުން (91.4 ޕަސެންޓު މީހުން) ވޯޓުލާފައިވެއެވެ. އެހެންކަމުން ފުރަތަމަ ބުރަށް ވުރެ ދެވަނަ ބުރުގައި އެ އަހަރު ވޯޓުލީ މީހުން އިތުރުވެފައިވެއެވެ.

އެންމެ ބުރެއްގެ މައްޗަށް ކުރިއަށް ދިޔަ 2018 ވަނަ އަހަރުގެ އިންތިހާބުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، އެ އަހަރު ވޯޓުލެވޭ 262،135 މީހުންގެ ތެރެއިން ވޯޓުލާފައި ވަނީ 233،889 މީހުންނެވެ. މިއީ ވޯޓުލި މީހުންގެ ނިސްބަތުން ބަލާ ނަމަ 89.2 ޕަސެންޓެވެ. 2013 އާ އަޅާކިޔާ ނަމަ ދެ ޕަސެންޓު މަދު އަދަދެކެވެ.

ނަމަވެސް މި އަހަރު ވޯޓުލީ މީހުންގެ ނިސްބަތް މި ވަނީ 10 ޕަސެންޓު ވެއްޓިފައެވެ. މި ފަހަރުގެ އިންތިހާބުގައި 65،000 އާއި 70،000 އާ ދެމެދުގެ މީހުން ވޯޓުލުމުގައި ބައިވެރިނުވާކަން ހަބީބު އާންމުކުރެއްވި ތަފާސްހިސާބުތަކުން ހާމަވެއެވެ. މިއީ 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު މިހާތަނަށް އެންމެ މަދުން މީހުން ވޯޓުލީ ފަހަރެވެ.

މި އިންތިހާބުގައި ވޯޓުނުލާ މީހުންގެ އަދަދަކީ 57،536 އެވެ. ވަގުތީ ނަތީޖާއަށް ބަލާއިރު 46.19 ޕަސެންޓު (100,342 ވޯޓާ) އެކު ކުރީގައި އޮތީ ޑރ. މުއިއްޒެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 84,805 ވޯޓު ލިބިވަޑައިގެންފައި ވާއިރު އެއީ 39.04 ޕަސެންޓެވެ.