މޮރޯގެ ޓޫރިސްޓް ސަރަހައްދެއް ކަމަށް ވާ މަރާކެޝް އަށް ރިކްޓާ މިންގަނޑުން 6.8 ގެ ބާރުމިނުގައި އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2000 އަށް އަރައިފިއެވެ.

ދާހިލީ ވުޒާރާއިން ބުނީ މިހާދިސާގައި 1400 މީހަކު ޒަހަމްވެފައި ވެސް ވާ ކަމަށެވެ.

ރަސްގެފާނު ސިދީ މުހައްމަދު ބިން ހަސަން އަލް އަލާވީ (މުހައްމަދު 5) ވިދާޅުވީ މިއީ ގައުމީ ހިތާމައިގެ ވަގުތެއް ކަމަށާއި ހާލުގައި ޖެހުނު މީހުންނަށް ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫޒީ ތަކެތި ފޯރުކޮށް ދެއްވާނެ ކަމަށެވެ.

މަރާކެޝްއަކީ ފަރުބަދަމަތީގައި ވަކިން އޮންނަ ސަރަހައްދެއް ކަމަށް ވާއިރު، ބިންހެލުމާއެކު އެ ސަރަހައްދުގެ ހުރިހާ އިމާރާތެއް ވަނީ ފުނޑުފުނޑުވެ ބިމަ ހަމަވެފައެވެ.

ބިންހެލުން އައީ އެ ސަރަހައްދުގައި ހުންނަ އުސް ފަރުބަދަތައް ހިމެނޭ ހިސާބަށް [މަރާކެޝްގެ މެދުތެރެއާ 71 ކިލޯމީޓަރު ދުރަށް] ނަމަވެސް ލޮޅުމުގެ ބާރު މިން އިހުސާސް ނުކުރެވޭ ސިޓީއެއް އަދި އަވަށެއް މޮރޮކޯގައި ނެތް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން 350 ކިލޯމީޓަރު ދުރުގައި އޮންނަ ވެރިރަށް ރަބާތާއި، ކަސަބްލަންކާގެ އިތުރުން އަގާދިރު އަދި އެއްސޮއިރާއަށް ވެސް ލޮޅުން އެރިކަމަށް ބުނެއެވެ.

މިހާދިސާގައި އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ އަލް ހައުޒޫ އަވަށާއި ޓަރައުޑަންޓް އަވަށުންނެވެ. މަރާކެޝް އިން ވެސް ގިނަ ބަޔަކު ވަނީ މަރުވެފައެވެ.

މަރާކެޝް އަކި އެތަނުގައި ހުންނަ ގަދީމީ އިމާރާތްތަކާއި އާސާރުތަކުގެ ސަބަބުން ޔުނެސްކޯއިން ހިމާޔާތް ކޮށްފައި އޮންނަ ސަރަހައްދެއް ނަމަވެސް އެ ހުރިހާ އިމާރާތެއް ވަނީ ފުނޑުފުނޑުވެފައެވެ. އިހުގެ ދިރިއުޅުން ރަންޒުކޮށްދޭ އެ ސަރަހައްދުގައި ގިނަ ގެތައް ހުންނަނީ ޗަކައާއި ހިލައާއި ލަކުޑިންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވެއްޓުނު ގެތަކުގެ ދަށުވެ އާއިލާ، އާއިލާތައް ހުރި ގޮތަށް ވަނީ މަރުވެފައެވެ. އެތައް ބަޔަކު ގާކުނޑިތަކުގެ ދަށުވެ ވަޅުލެވިފައި ވެއެވެ.

ހާލުގައި ޖެހުނު މީހުން ހާމަ ތަންތާނގައި ބަނޑަހަ ޖަހައިގެން ތިބި އިރު ކާބޯތަކެއްޗާއި ބޯފެނަށް ވަނީ ޖެހިފައެވެ. އަދި ވެއްޓިފައިވަ ގެތަކުގެ ގާކުނޑިތަކުން މަގުތައް ފުރި ބަންދުވެފައި ވުމާއެކު، ފަރުބަދަމަތީގެ ސަރަހައްދުތަކަށް ދިޔުމުގައި ވެސް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

https://youtu.be/P0Lr81WCiVU

ސިފައިންނާއި މީހުން ސަލާމަތް ކުރުމުގައި ފަރާތްތަކުން އެސަރަހައްދުގައި ހަރަކާތްތެރި ވަމުން ދާ އިރު ސަލާމަތުން ތިބި އެތައް ސަތޭކަ ބަޔަކު ދަނީ ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ހަދިޔާކުރަމުންނެވެ.

މަރާކެޝް އައި މި ބިންހެލުމަކީ، 1960 ގައި އަގާދީރަށް ރިކްޓާ މިންގަނޑުން 6.7 ގެ ބާރުމިނުގައި އައި ބިންހެލުމުގައި 12،000 މީހުން މަރުވި ފަހުން އައި އެންމެ ގެއްލުން ބޮޑު ބިންހެލުމެއެވެ.

މޮރޮކޯއަށް އައި ބިންހެލުމާ ގުޅިގެން އދ އާއި ފްރާންސް، ސްޕެއިން އަދި އިޒްރޭލުފަދަ ގައުމުތަކުން ވަނީ އެހީތެރިކަން ދޭން ހުށަހަޅާފައެވެ. ޖެހިގެން އޮންނަ އަލްޖީރިއާ އާއި މޮރޮކޯއާ ދެމެދު ހިނގާ ހަމަނުޖެހުންތަކާ ގުޅިގެން ގުޅުން ކަނޑަލާފައި އޮތް ނަމަވެސް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި އަލްޖީރިއާގެ ވައިގެ ސަރަހައްދު ހުޅުވާލާނެ ކަމަށް އެގައުމުންވެސް ވަނީ ބުނެފައެވެ.