ކޮންމެ ފަސް އަހަރަކުން ރާއްޖެއަށް އަންނަ އިންތިހާބީ ފޯރި، އެއް ފަހަރުން އަނެއް ފަހަރަށް ބަދަލުކޮށްލަނީ ހިތަށްވެސް ނާރާފަދަ ގޮތް ގޮތަށެވެ. ގިނަ ފަހަރަށް އެކަން އެހެންވަނީ ރައްޔިތުން އެކަމަކަށް އެދިގެން، އެ ވެރިއަކު ހޮވާ މަގްސަދު ހާސިލު ނުވުމުންކަން ގަބޫލުކުރަން ވެސް ޖެހެއެވެ.

މި އަންނަ ފަސް އަހަރަށް ވެރިއަކު ހޮވުމަށް އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ޖުމްލަ 8 ކެންޑިޑޭޓުން ވާދަކުރެއްވިއިރު މިއީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިހާބެއްގައި ވާދަކުރެއްވި ފަހަރެވެ. އެގޮތުން މި އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ފަސް ކެންޑިޑޭޓަކު ކުރިމަތިލެއްވިއިރު ބާކީ ތިބި ތިން ކެންޑިޑޭޓުންނަކީ އަމިއްލަ ގޮތުން މި އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނެވެ.

ކެމްޕެއިނުން ރަށްރަށުން ފެނުނީ ކޮން މަންޒަރެއް؟

ބޮޑެތި ވައުދުތަކާއެކު މެނިފެސްޓޯތައް ހިފައިގެން ކޮންމެ ކެންޑިޑޭޓަކުވެސް ރަށްރަށަށް ވަޑައިގެން ވައުދު ވެވަޑައިގަންނަވަމުން ގެންދެވީ ހޮވޭނެ ކަމުގެ ވަރަށްވެސް ފުރިހަމަ ޔަގީން ކަމަކާއެކުއެވެ. ކޮންމެ ރަށަކުންވެސް ދެއްކި ކުލައަކީ ހަގީގަތް ކަމަށް ކޮންމެ ކެންޑިޑޭޓަކުވެސް ގަބޫލުކުރެއްވި ނަމަވެސް އެ ކުލަ ވޯޓުގައިވެސް ނުޖެހި ދިޔައީއެވެ. ކައިރި ރަށްރަށުން ކޮންމެ ކެންޑިޑޭޓަކަށްވެސް މަރުހަބާ ކިޔަން ގިނަ އަދަދެއްގެ ބަޔަކު ގެންނަމުން ދިޔައީ ރިޔާސީ ކެންޑިޑޭޓުންގެ ލޮލުގައި އަނދުން އެޅުވުމަށެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ދަތުރުކުރި ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް އޮތް ތާއީދު ވަނީ ފެނިގެން ގޮސްފައެވެ. ދެ އީދު އެއް ފަހަރާ އައިސްގެން އުޅޭ ފަދައިން ރަށްރަށުން އޮތް ތާއީދު ދައްކާފައެވެ.

ސިޔާސީ ފޯރި ގަދަ ރަށްތަކަށް ބަލާއިރު ރ. ދުވާފަރަކީ ފާހަގަކޮށްލެވޭ ރަށެކެވެ. ރައީސް ސޯލިހު އެ ރަށަށް ވަޑައިގެންނެވިއިރު ފެނިގެން ދިޔަ މަންޒަރުން އެމަނިކުފާނު ވަނީ ހާސް ފަށުން އެ ރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. ދުވާފަރުގެ ސުޕަ މެޖޯރިޓީއަށް އުންމީ ދުކުރެއްވި ނަމަވެސް ޑރ. މުއިއްޒު އެ ރަށަށް ވަޑައިގެންނެވި ދުވަހުވެސް ފެނިގެން ދިޔައީ ހަމަ އެ މަންޒަރެވެ. ތަފާތީ ކުލައެވެ. އެ ހުރިހާ ކަމަކާއެކު އިއްޔެގެ ވޯޓުން ދުވާފަރުން ފެނިގެން ދިޔައީ ބޮޑު ތަފާތަކުން މުއިއްޒު ކުރި ހޯއްދެވިތަނެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ބ. އޭދަފުއްޓަށް ވަޑައިގަތުން/ ފޮޓޯ: ކެމްޕެއިން ޓީމު

ނ. ވެލިދޫއާއި އައްޑޫ ސިޓީއަކީވެސް އެމްޑީޕީގެ އާބާދީ ބޮޑު، މެޖޯރިޓީ ޔަގީންވާ ތަންތަން ނަމަވެސް ވެލިދޫގެ މެޖޯރިޓީވެސް އެމްޑީޕީއަތުން ގެއްލި ދިޔައީއެވެ. އައްޑޫ ސިޓީގައި ހުރި ވަކި ވަކި ފޮށިތަކަށް ބަލާއިރު ދުވަހަކު އެމްޑީޕީ ނޫން ބަޔަކަށް ކުރި ނުހޯދުނު ދާއިރާތަކުންވެސް މެޖޯރިޓީ ގެއްލި މަންޒަރު ބަދަލުވީއެވެ. މިހެން އެތައް ރަށެއް މި ލިސްޓުގައި ހިމެނިދާނެއެވެ.

ދެ ކެންޑިޑޭޓުންވެސް ތިއްބެވީ "އެއްބުރުން" މި އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ވަރަށް ބޮޑު އުންމީދެއްގައެވެ. މުއިއްޒަށް ލިބިވަޑައިގަންނަވާނެ ވޯޓު މަދުވާނެ ކަން ދޭހަކޮށް ތަފާތު ބަސް ބަހުން ބަހުގެ ހަމަލާތައްވެސް ރައީސް ސޯލިހު އަމާޒު ކުރެއްވިއެވެ. އެންމެ ފަހުން ބޭއްވި ކެމްޕެއިނުގެ ފަހު ހަރަކާތުގައިވެސް ރައީސް ސޯލިހު ވަނީ މުއިއްޒަށް ބަހުގެ ހަމަލާއެއް އަމާޒު ކުރައްވާފައެވެ. އެގޮތުން ރައީސް ސޯލިހު ވަނީ އެމަނިކުފާނު ސެލްފީ ނެންގެވި އަދަދަށްވެސް މުއިއްޒަށް ވޯޓު ލިބިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

މިއަދާއި 2018 ގެ މަންޒަރު!

މި އިންތިހާބުގައި 574 ވޯޓު ފޮއްޓެއް ބަހައްޓާފައި ވާއިރު އޭގެ ތެރޭގައި 142 ފޮށި ބަހައްޓާފައި ވަނީ މާލޭގައެވެ. ބާކީ ހުރި ފޮށިތައް ރާއްޖޭގެ އެކި ރަށްތަކާއި ރާއްޖެއިން ބޭރުގައި ބަހައްޓާފައި ވާއިރު މި އިންތިހާބުގެ ވަގުތީ ނަތީޖާއިން ކުރި ހޯދައްވާފައި ވަނީ މުއިއްޒެވެ.

މި އިންތިހާބުގައި 224،863 މީހަކު ވޯޓުލާފައި ވާއިރު މި އިންތިހާބުގައި ވޯޓުލުމަށް ޝަރުތު ހަމަވެ، ވޯޓުނުލާ މީހުންގެ އަދަދަކީ 57،536 އެވެ. މި އަދަދުތަކަށް ބަލާއިރު މި އިންތިހާބުގައި ވޯޓުލުމަށް ހައްގު ލިބިފައިވާ މީހުންގެ ތެރެއިން މި އިންތިހާބުގައި ވޯޓުލާފައި ވަނީ 79 ޕަސެންޓް މީހުންނެވެ. ވަގުތީ ނަތީޖާއަށް ބަލާއިރު 46.19 ޕަސެންޓު (100,342 ވޯޓާ) އެކު ކުރީގައި އޮތީ ޑރ. މުއިއްޒެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 84,805 ވޯޓު ލިބިވަޑައިގެންފައި ވާއިރު އެއީ 39.04 ޕަސެންޓެވެ.

ށ. ފޯކައިދޫގައި ރައީސް ސޯލިހްގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން

މި އިންތިހާބުގައި 15,191 ވޯޓާއެކު ތިންވަނާގައި އޮތީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް 6,135 ވޯޓު ލިބިވަޑައިގެންނެވި އިރު ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް ލިބިވަޑައިގެންފައި ވަނީ 5،535 ވޯޓެވެ. އަދި ފާރިޝް މައުމޫނަށް 3،004 ވޯޓު ލިބިވަޑައިގެންފައި ވާއިރު މިހާތަނަށް އެމްއެންޕީގެ ކެންޑިޑޭޓަށް 1،892 ވޯޓު ލިބިވަޑައިގެންފައި ވެއެވެ. އަދި ހަސަން ޒަމީލަށް ލިބިވަޑައިގެންފައި ވަނީ 357 ވޯޓެވެ.

2018 ވަނަ އަހަރު ރައީސް ސޯލިހު މި ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ފުރަތަމަ ފަހަރަށް އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. ގާސިމްގެ ޖޭޕީއާއި އިމްރާން އަބްދުﷲގެ އަދާލަތު ޕާޓީއާއި މައުމޫންގެ އެމްއާރްއެމް ހިމެނޭ ކޯލިޝަނެއްގައި ރައީސް ސޯލިހު އެ އިންތިހާބުގައި ވާދަކުރައްވާ ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ލަދުގަންނަވާލާފައެވެ.

ކޯލިޝަން ހަތަރު މެމްބަރުންނާއެކު ރައީސް އަދި ނައިބު ރައީސް / ފޮޓޯ: ޓްވިޓާ

އެ އިންތިހާބުގައި 472 ވޯޓު ފޮށި ބެހެއްޓިއިރު ރައީސް ސޯލިހަށް ވަނީ 134،705 ވޯޓު ލިބިވަޑައިގެންފައެވެ. އެ އިންތިހާބުގެ 58.4 ޕަސެންޓާއެކު ރައީސް ސޯލިހު ކުރި ހޯއްދެއްވިއިރު ރައީސް ޔާމީނަށް އެ އިންތިހާބުގައި ލިބިވަޑައިގަތީ 41.6 ޕަސެންޓާއެކު 96,052 ވޯޓެވެ. އެ އިންތިހާބުގައި އިދިކޮޅަށް މެޖޯރިޓީ ލިބުނީ ހަމައެކަނި މ އަތޮޅާއި ފ އަތޮޅުން ކަމަށް ވާއިރު މި އިންތިހާބުގައި އެކަން ބަދަލުވެ ރައީސް ސޯލިހަށް މެޖޯރިޓީ ލިބިވަޑައިގަތީ ހަމައެކަނި އއ އަތޮޅާއި ޅ އަތޮޅުގެ އިތުރުން އައްޑުއަތޮޅުންނެވެ.

މީގެ ކުރިން ފެނުނު މަންޒަރުތަކާއި 2018 ގެ އިންތިހާބަށް އަޅާ ކިޔައި ގިނަ ބަޔަކު މި އިންތިހާބުގައި ވެސް ގަބޫލުކުރީ ރައީސް ސޯލިހަށް ބޮޑު ތަފާތަކުން ކާމިޔާބު ކުރެވިދާނެ ކަމަށެވެ.

ޑރ. މުއިއްޒު އަކީ ވިލު ނޫކުލަޔަށް ނިސްބަތްވެ ވަޑައިގަންނަވާ ޕީއެންސީގެ ކެންޑިޑޭޓް ނަމަވެސް އެމަނިކުފާނު އިންތިހާބަށް ނިކުމެވަޑައިގަތީ ރައީސް ޔާމީންގެ ހިޔަނިފުޅުގައި ކަމުން 2018 ގެ އެ މަންޒަރު ބަދަލުކޮށް، ރީނދޫ ކުލަ ފަނޑުވެ، ޕިންކަށް ބަދަލުވެ ނިމުނީއެވެ.